ރަސޫލް ޞޢވ, ގެ ވަޞިއްޔަތްފުޅުތަކުގެތެރެއިން ބަސްބުނުމުގައި ތެދުވެރިވެ ޢަދްލުވެރިވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ރަސޫލް ޞޢވ, ގެ ވަޞިއްޔަތްފުޅުތަކުގެތެރެއިން ބަސްބުނުމުގައި ތެދުވެރިވެ ޢަދްލުވެރިވުން-

އަށްވަނަ وصيّة 

މި  وصيّة ގައި މާތް ﷲ އަންގަވަނީ ބަސްބުނުމުގައި ތެދުވެރިވެ ޢަދްލުވެރި ވުމަށެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ. "  وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ  " (الأنعام: 152) މާނައީ : " އަދި ތިޔަބައިމީހުން ބަހެއްބުނާނަމަ ގާތްތިމާގެ މީހަކާމެދުގައި ނަމަވެސް ޢަދްލަށް ތެދަށް ބުނާށެވެ." ބަސް ބުނުމުގައި ޢަދްލުވެރި ވުމަކީ ތެދަށް ބުނުމެވެ. ހެކި ދިނުމުގެ ގޮތުން ބުނާބަހެއް ކަމުގައި ވިއަސް، އަދި އެނޫންގޮތަކުން ބުނާބަހެއްކަމުގައި ވިއަސް، ބުނަންވާނީ، ޢަދްލަށް ތެދަށެވެ. ތެދު ބުނުމަކީ ޙަޤިޤަތުގައި ކަން އޮތްގޮތަށް ބުނުމެވެ. ތެދަށް ބަހެއް ބުނުމަކީ ނަފްސަށް ލިބޭ ހަމަ ހިމޭން ކަމެކެވެ. ހިތަށް ލިބޭ މަޑުމައިތިރި ކަމެކެވެ. ޟަމީރަށް ލިބޭ އަރާމެކެވެ. 

عبدالله بن مسعود ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " إِنَّ الصِّدْقَ يَهْدِي إِلَى البِرِّ، وَإِنَّ البِرَّ يَهْدِي إِلَى الجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى  حَتَّى يُكْتَبَ عِنْدَ اللَّهِ   صِدِّيقًا. " (متّفق عليه ) މާނައީ: "ތެދު ބުނުމަކީ ހެޔޮ ކަންތަކަށް މަގު ދައްކާ ކަމެއްކަން ކަށަވަރެވެ. އަދި ހެޔޮކަންތައް ކުރުމަކީ ސުވަރުގެއަށް މަގުދައްކާ ކަމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތެދުބުނާމީހާ ތެދުބުނަމުންގޮސް ﷲ ގެ ހަޟްރަތުގައި ޞިއްދީޤަކު ކަމުގައި ލިޔެވިދާހުއްޓެވެ." 

ތެދު ބުނުމަކީ މުއުމިނުންގެ ސިފަ ތަކުގެ ތެރެއިންވާ ސިފައެކެވެ. އަދި މުއުމިނުން ގައި ހަރުލައި ވަކިނުވެ ހުންނަންވާނޭ ސިފައެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ." يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ (119)" (التوبة: 119) މާނައީ:  " އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާއެކު ތިޔަބައިމީހުން ވާށެވެ!" އެބަހީ: ތެދުބުނާ މީހުންގެ ތެރޭގައި އަދި ތެދުބުނާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ވީމާ، ތެދުބުނުމަކީ ތަޤްވާވެރިކަމާ ގުޅިފައިވާ ތަޤްވާވެރިންގެ ސިފައެކެވެ. 

- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން

މިއަދު އޮންލައިން