މާތް ނަބިއްޔާ ﷺ حَدِيْث ފުޅު ކުރައްވާފައިވަނީ މީހަކަށް ސުވަރުގޭގަ އޭނާގެ ދަރަޖަ މަތިވެރިވެގެން އޭނާ ދަންނަވައޭ ހައްދަވާ ބޮޑުކުރެއްވި އިލާހޭ ތިމަންނަ އަށް ކީއްވެ ލިބުނު ދަރަޖައެއްހެއްޔޭ؟ ތިމަންނަ ނުކުރާ ހެޔޮކަމެކޭ، އޭނާއަށް ބުނެވޭނޭ ތިބާގެ ދަރިފުޅު ދުނިޔޭގައި ކުރި ހެޔޮ ދުޢާއޭ ތިބާގެ ދަރިފުޅު ތިބާއަށްޓަކާ ކުރި އިސްތިޣްފާރު، އޭގެ ސަބަބުން الله سُبْحَانَهُ وَتَعَالَى ތިބާއަށް ދަރަޖަ ދެއްވިއޭ.
އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ މާތް ﷲ ގެ އަމުރުފުޅު އެކަލާނގެ ވަޙީ ބަސްފުޅު
" أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ " އިންސާނާއޭ ތިބާ ތިމަން ﷲ އަށް ޝުކުރުވެރިވާށޭ އަދި ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށޭ" އެހެން އެންގެވީމާ އެބޭފުޅުން ވިދާޅުވަނީ ﷲ އަށް ޝުކުރު ވެރިވުމުގެ ގޮތުން އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ އެންމެ މަދުވެގެން ރެޔަކާދުވާލު ފަސްނަމާދު އެގޮތަށް ތިބާ އެންމެމަދުވެގެން ތިބާގެ މަންމަޔާއި ބައްޕަޔަށް ޝުކުރު އަދާކުރުމުގެ ގޮތުން ރެޔަކާއި ދުވާލު ފަސްފަހަރު އެމިހުންނަށް ހެޔޮދުޢާ ކޮށްދޭށޭ "
رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا" މިފަދައިން ދަންނަވާށޭ،
- ޝައިޚް އާދަމް ޝަމީމްގެ ދަރުސަކުން