ޤުރްއާން ނުކިޔަވާ އަންހެނަކަށް ފެނުނު ހުވަފެން ޝައިޚް މާނަކޮށްދެއްވުމުން ބިރުން ތުރުތުރުއަޅައިގަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޤުރްއާން ނުކިޔަވާ އަންހެނަކަށް ފެނުނު ހުވަފެން ޝައިޚް މާނަކޮށްދެއްވުމުން ބިރުން ތުރުތުރުއަޅައިގަތް-

އެއްރޭ ނިދީގައި އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ކޮންމެވެސް އެކުވެރިއަކާއިއެކު ކޯރެއްގައި ދަތުރުކުރަނީއެވެ. ކުޑަކުޑަ އުޅަނދެއްގައި ދެމީހުން އެކަނި ތިބެގެންނެވެ. އޭނާ މަސައްކަތްކުރަނީ އަޅުގަނޑު ލައްވައި ކީރިތި ޤުރްއާނުގެ ކުރު ސޫރަތެއް ކިޔުއްވުމަށެވެ. ނަމަވެސް އަޅުގަނޑަށް ހަމަ އެންމެ އަކުރެއްވެސް ނުކިޔެއެވެ. 

ހުވަފެނުން ހޭލެވުމުން ވަރަށް ދެރަވިއެވެ. ޤުރްއާން ނުކިޔެވުނީތީއެވެ. އަނގައަށް ކަމެއްވީތޯ ބަލަން ޤުރްއާނުން ބައެއް އާޔަތްތައް ކިޔަން މަސައްކަތްކުރުމުން އެވަގުތު ކިޔުނީ ވަރަށް އުނދަގުލުންނެވެ. 

އެކަމާއިވީދެރައިން ޝައިޚެއްގެ ގާތު މިވާހަކަ ދެއްކީމެވެ. ޝައިޚް ވިދާޅުވިއެވެ. "އަހުރެންނަސް ފެންނަ ގޮތުން ތިއަ ހުވަފެނުގައި ތިބާއަށް މެސެޖެއްވެއެވެ. އެއީ ތިބާއަށް ޤުރްއާން ކިޔަވަން އެނގިހުރެމެ، ނުކިޔަވާތީ އެކަން އަވަހަށް އިޞްލާޙްކުރުމުގެ މެސެޖެވެ. ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ދުލަށް ވާގި ދެއްވެވީ ﷲ ތަޢާލާއެވެ. އަނބުރާ ގެންދެވުމަށްވެސް ހަމަ ކުޅަދުންވަންތައެވެ." 

ޝައިޚްގެ މިބަސްފުޅާއިއެކު އަޅުގަނޑު ބިރުން ތުރުތުރުއަޅައިގަތެވެ. އަޅުގަނޑު އަބަދުވެސް ވިސްނައިގެން ހުންނަނީ ފަހުން ކިޔަވާށެވެ! އުމުރުން ތަންކޮޅެއް ގިނަދުވަސްވުމުން ކިޔަވާށެވެ! އަޅުގަނޑު ބިރުގަތީވެސް ދެރަވީވެސް އެއިގެ ކުރިން އަޅުގަނޑަށް ޤުރްއާން ނުކިޔެވޭނެ ފަދަ ޙާލަތެއް މެދުވެރިވެދާނެތީއެވެ! 

އެއިގެ ފަހުން އަޅުގަނޑު ކޮންމެ ދުވަހަކުވެސް ޤުރްއާން ކިޔަވަން މަސައްކަތްކުރަމެވެ. ،މިހާރު އަޅުގަނޑު ކޮންމެ ދުވަހަކުވެސް މަދުވެގެން ފޮތެއް ކިޔަވަން މަސައްކަތްކުރަމެވެ. ވަރަށް މަދު ދުވަހަކު ނޫނީ އެކަން ޙާޞިލުކުރަމެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ހިއްޞާމިކުރީ އެއިރު އަޅުގަނޑުހުރިފަދައިން ޤުރްއާން ކިޔަވަން ސަމާލުކަން ނުދީތިބޭ ކިޔުންތެރިންނަށް އެހެން ނުތިބެ އަވަހަށް ޤުރްއާން ކިޔަވަން ފަށަން ނަޞޭޙަތްތެރިވުމަށެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑު ކިޔަވާ ވާހަކަދައްކާކަށް ނޫނެވެ! އަޅުގަނޑަށް ފެނުނު ހުވަފެނާއި އެ ހުވަފެން މާނަކުރައްވައި ޝައިޚް ވިދާޅުވި ބަސްފުޅުގައި އެންމެންވެސް ވިސްނަން ޖެހޭ ކަންކަން ހުރުމުން އެކަން ހާމަކުރުމަށެވެ. 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން