"އަޅުގަނޑަކީ ވީހާގިނައިން އަޅުކަންކުރަން މަސައްކަތްކުރާ މީހަކީމެވެ. ނަމަވެސް ބައެއް ދުވަސްތަކުގައި އަޅުކަންކުރަން ފޫހިވެއެވެ. އަޅުކަމާއި ދުރުހެލިވެވެއެވެ. ރަމަޟާންމަހަށްފަހު އެކަން ވަކިންބޮޑަށް އިތުރުވެގެންފެއެވެ. ޙައްލަކީ ކޮބައިތޯއެވެ؟ "
ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ. ކުރައްވަންވީ 2 ދުޢާވެސް ވަނީ ވަނީ ބަޔާން ކުރައްވައިފައެވެ.
އަޅުކަންތައް ކުރުންމަތީ ޘާބިތު ކޮށްދެއްވުން އެދި ދުޢާ ދަންނަވަންވާނެއެވެ.
ރަމަޟާންމަހު އެންމެންވެސް އަޅުކަމުގައި ހީވާގިވެއެވެ. ރޯދަހިފައި، ޤުރުއާން ކިޔަވައި، ފަރުޟު ނަމާދަށް ރައްކާތެރިވެ، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތާއި، ރޭއަޅުކަންކޮށް، ޞަދަޤާތްދީ ހަދައެވެ. ދުލާއި ލޮލާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން އުޅެއެވެ. ނަމަވެސް ރަމަޟާންމަސް ނިމުމާއި އެކީ މިކަންކަން ހުއްޓާލާ، ނުވަތަ ފަރުވާކުޑަކުރާތަން ފެނެއެވެ. މާނައަކީ ގިނަބަޔަކަށް ރަމަޟާންމަހަށް ފަހުގައި އަޅުކަމުގައި ޘާބިތުނުވެވެއެވެ. އެހެންކަމުން އަޅުކަން އަދާކުރުމުގައި ޘާބިތުކަންދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
މިގޮތުން އަންނަނިވި ދުޢާފަދަ ދުޢާތައް ގިނަގިނައިން ކުރެވިދާނެއެވެ.
﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا ﴾ [آل عمران: 8]
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!".
އަދި މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.
((اللَّهمَّ يا مقلِّبَ القلوبِ، ثبِّتْ قلبي على دينِك))
މާނައީ: "އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީންމަތީ ޘާބިތުކޮށްދެއްވާދޭވެ".
--ޝައިޚް އަޙްމަދު ރިމާޒް