"އަދި اللَّه ގެ މަގުގައި جهاد ކުރުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (أمّة ތަކުގެތެރެއިން) އެކަލާނގެ ތިޔަބައިމީހުން خيار ކުރެއްވިއެވެ. އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. ތިޔަބައިމީހުންގެ ބަފައިކަލުނަވި إبراهيم ގެފާނުގެ ملّة އަށް ތިޔަބައިމީހުން تبع ވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި قرآن ގައި ތިޔަބައިމީހުންނަށް مسلم ންގެ ނަން ދެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! އަދި ތިޔަބައިމީހުން اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނަށް نصر ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާކަލާނގެ މޮޅުކަމާއެވެ!" (އަލްޙައްޖު: 78)
".... ފަހެ، ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ތިޔަބައިމީހުން اللَّه ގެ ދީނުގައި ގަދަޔަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި ނަޞްރު ދެއްވާކަލާނގެ މޮޅުކަމާއެވެ!"
އެނގިގެން މިދަނީ ނަމާދުކޮށް ޒަކާތްދީ އަދި ދީނުގެ އެންމެހައި ކަންކަމުގައި ވަރުގަދައަށް ހިފަހައްޓާނަމަ އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެ ކަމާއި ނަޞްރު ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާއަކީ އެންމެމަތިވެރިވަންތަ ފަރާތްކަމާއި އެހެން ފަރާތަކަށް އެއްވެސް އާރެއް ބާރެއް ނެތްކަމެވެ.
އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް ގިނަވެ ކޮންމެވެސް ކަމަކަށް ކަންބޮޑުވާން ނުޖެހޭ ހަމައެކަކުވެސް ނެތެވެ. އެންމެންހެން މިތިބީ ކޮންމެވެސް ވާތެއްގެ ކަންބޮޑުވުމެއްގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ނަޞްރަށް އިންތިހާއަށް ބޭނުންވެފައެވެ. ވީމާ މިފަދަ ނިކަމެތި ޙާލުގައި ތިބިއިރު ކުރިމަތިވެފައިވާ ކަންކަން ޙައްލުކުރަން ފުރަތަމަވެސް ކުރަން އޮތްކަމަކީ ނަމާދުކުރުމެވެ. އެއަށްފަހު ޒަކާތްދިނުމެވެ.
ޖިހާދުކުރުމަކީ ހަމައެކަނި ކަނޑިބަޑިންކުރާ ކަމެއްކަމަށް ނުދެކޭށެވެ! ﷲ ތޔަޢާލާގެ މަގުގައި ސާބިތުވެހުރުމަށް ކުރާ ކަންކަމަކީވެސް ޖިހާދެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ މަތިވެރިކުރުމަށް ކުރާ ކޮންމެ މަސައްކަތަކީވެސް ޖިހާދެވެ. އެމީހެއްގެ ބެލުމުގެދަށުގައިވާ ބައަކާއި އެހެން މީހުން އިސްލާމްދީނުގައި ސާބިތުކުރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީވެސް ޖިހާދެކެވެ. ހަވާނަފްސާއި ދެކޮޅަށް ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރުމަށް ކުރާ ކޮންމެ މަސައްކަތަކީވެސް ޖިހާދެކެވެ. އިސްލާމް ދީން ނިކަމެތިކުރަން ކުރެވޭ މަސައްކަތްތައް ހުއްޓުވަން ކުރެވޭ މަސައްކަތްތަކަކީވެސް ހަމަޖިހާދެކެވެ. ވީމާ މިހިރަ ކޮންމެ ކަމަކީވެސް ހަމަ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން