އެބޭބެ އާއި އެބޭ ދިރިއުޅޭގެ އަކީ ޖިފުޓިއެކެވެ. ގިނަދުވަސްވުމުގެ ސަބަބުން މިހާރުވެސް ހުރީ އަރިއަޅާލައިފައެވެ. އެކަމަކު އަބަދުވެސް އަވަށްޓެރިންނަށް އެބޭބެ ފެންނަނީ ރައްޔިތުން ބޯފެންނަގާނެ ވަޅެއް ބެހެއްޓުން، ސްކޫލްގެ ފާރު ރޭނުން ފަދަ ކަންކަމުގައި އުޅޭތަނެވެ. އަމިއްލަގޭގެ އެއްވެސް ކަމެއް ރަނގަޅުކުރަން މަސައްކަތްކުރާތަން ނުފެންނާތީ ސުވާލުކުރުމުން ބުނެއެވެ.
"އެޖިފުޓީގައި މިހާރުވެސް އެބަ ނިދެއެވެ. އެޖިފުޓި ގަނޑުވަރަކަށް ނުހެދީ ކީއްވެގެންތޯ ﷲ ސުވާލެއް ނުކުރައްވަވާނެއެވެ. އެއެނގެނީ އެއީ ﷲ ތަޢާލާ ކަންބޮޑުވެވޮޑިގަންނަވާކަމެއް ނޫންކަމެވެ. އެހެން ނޫނަސް ހުރިހާ ކަންބޮޑުވުމެއް އޮތީ އަހަރެމެންނަށް ނޫންހެއްޔެވެ؟ ކުރެވޭ އަޅުކަން މަދުވެ ލިބުނު ޘަވާބު މަދުވެގެން ނަރަކައަށް ވަންނަޖެހޭނީ އަހަރެމެންނަށް ނޫންހެއްޔެވެ؟
އެހެންވީމާ ބޭބެ މިދިރިއުޅޭ ގޭގެ މަސައްކަތް އޮތީ ބޭބެގެ ލިސްޓުގެ އެންމެ ތިރީގައެވެ. ލިސްޓުގެ އެންމެ ފުލުގައެވެ. ރައްޔިތުން ފެންބޭނުންކުރަން މިހާރުވެސް 5 ވަޅުބަހައްޓަން ވަޅުކޮނެދީފީމެވެ. އެމަސައްކަތްކުރިތަން ތިއަކުދިންނަށް ވާނީ ފެނިފައެވެ. ނިކަންބުނެބަލާށެވެ! އެވަޅުބަހައްޓަން ޚަރަދުކުރިމީހާއަށް ދެއްވަވާ އެއްޗަކަށްވުރެ އެމަސައްކަތްކުރި ބޭބެމެންފަދަ މީހުންނަށް ދެއްޗެއް މަދުވާނީ ހެއްޔެވެ؟ ނުވާނެކަން ޔަޤީނެވެ."
މިހިރީ އެބޭބެމެންގެ ވިސްނުން ހުރިގޮތެވެ. ނަމަވެސް އަޅުގަނޑުމެންގެ ޙާލަކީ މިއަދު ކޮބައިހެއްޔެވެ؟
ކަންކަން ކުރާއިރު މިއަދު ބަލަނީ އެކަމަކުން ލިބޭނެ އެންމެ ބޮޑު ފައިދާއެއް އެމީހަކަށް ހޯދުމަށެވެ. ނަމަވެސް މިއީ އެކަން އިސްލާމް ދީނުގައިވެސް އަދި ދުނިޔޭގެ ނިޒާމުގައިވެސް އޮތް ގޮތެއް ނޫނެވެ. ދުނިޔޭގެ ނިޒާމުގައިވަނީ ޖީލްތަކަށް ހެޔޮކަން ފޯރުވައިދިނުމެވެ.
އިސްލާމްދީނަށް ބަލައިފިނަމަ މަރުވުމަށްފަހުގައިވެސް ޘަވާބު އިތުރުކުރައްވަވާނެ ކަންކަމުގެ ތެރޭގައި ދެމެހެއްޓެނިވި ޞަދަޤާތް ހިމެނޭސަބަބަކީވެސް އެއީއެވެ.
އަހަރެމެންގެ ވިސްނުން ބދަލުކުރެވޭނީ ހަމަ އަހަރެމެންގެ މަސައްކަތުންނެވެ. ފުރަތަމަވެސް ވިސްނަންވީ އެބޭބެ އެވިސްނާފަދައިން މަރުވުމަށްފަހުގައިވެސް ޘަވާބު ލިބިލިބިހުންނާނެ ހެޔޮޢަމަލުތައް ކުރުމަށެވެ! ކައްވަޅޫގެ ޢަޖާބާއި ނަރަކައިން ދިންނެވުން އޮތީ އެއިރުންނެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން