އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގަ ކުރަމުންދާ ކަންކަން ހުއްޓުވަން އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 17ސ
އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގަ ކުރަމުންދާ ކަންކަން ހުއްޓުވަން އިމާމް ގޮވާލައްވައިފި

ރާއްޖެ ތަރައްޤީކޮށް ތަޙްޛީބް މުޖުތަމަޢުއަކަށް ހެދުމަށްޓަކައި ޢަދުލުވެރިވުމަށާއި، 

އިންޞާފު ޤާއިމުކޮށް، ހެޔޮކަންކަމަށް އަމުރުކޮށް އަދި ނުބައިކަންތައްތައް ނަހީކުރުމަށް މިއަދުގެ ޚުޠުބާގައި އިމާމް ގޮވާލައްވައިފިއެވެ.  

މިއަދުގެ ޚުޠުބާއިން އެނގިގެންދަނީ ރާއްޖޭގައި އިސްލާމް ދިނާއި ދެކޮޅަށް ކުރަމުން ގެންދާ ކަންކަން ހުއްޓުވައި މިސްކިތްތަކުގެ ޙުރުމަތްކަނޑައި ކީރިތި ޤުރްއާނަށް އިހާނެތި ގޮތްގޮތަށް ކުރުން ހުއްޓުވުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމެވެ. 

މިއަދުގެ ޚުޠުބާއިން: 

މުސްލިމް އަޚުންނޭވެ! ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އާ އުސްމިންތަކަށް ވާޞިލްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު ރުކުންތަކަކީ:، 

ޢަދުލުވެރިވުމާއި، 

އިންޞާފު ޤާއިމުކުރުމާއި،

ހެޔޮކަންކަމަށް އަމުރު ކުރުމާއި،

ނުބައިކަންތައްތައް ނަހީކުރުމެވެ. 

ފަހެ، ޢަދުލުވެރިކަން ނެތް އެއްވެސް މުމުޖުތަމަޢެއްގައި، ހެޔޮކަމެއް ނޯންނާނެއެވެ. އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމަޢެއްގައި، ޞުލްޙަވެރިކަމެއް ނޯންނާނެއެވެ. ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައި ކަންތައްތައް ނަހީ ނުކުރާ މުޖުތަމަޢެއް ވެގެންދާނީ މުންކަރާތްތައް ޢާއްމުވެފައިވާ، ބާއްޖަވެރިކަމެއްނެތް މުޖުތަމަޢަކަށެވެ. 

ފަހެ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖުތަމަޢެއްގެ އެންމެ އިސް ރުކުނެވެ. މި އުއްމަތަކީ، އެންމެ ހެޔޮ އުންމަތް ކަމުގައި ވެގެންދިޔައީ، ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ހުއްޓުވުމުގެ ސަބަބުންނެވެ. 

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ ۚ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ ﴾3  

މާނައީ: "މީސްތަކުން ނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ އަދި، ނުބައި ކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ. ފޮތުގެ އަހުލުވެރިން އީމާންވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން އީމާންވެގެން ތިބިމީހުން ވެއެވެ. އަދި، އޭގެތެރެއިން ގިނަ މީހުންނީ ފާސިޤުންނެވެ."

މުސްލިމް އަޚުންނޭވެ! މުންކަރާތްތައް ހުއްޓުވުމަކީ، އިސްލާމް ދީނުގައި ނުހަނު މަތީ ދަރަޖައަކަށް އަމުރުކޮށްފައިވާ ކަމެކެވެ. މުންކަރާތްތައް ނުހުއްޓުވާ މީހުންނަށް، ﷲ ތަޢާލާގެ ލަޢުނަތް ހުރިކަން އަންގަވައި، އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. 

﴿ لُعِنَ ٱلَّذِينَ كَفَرُواْ مِن بَنِيۤ إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ٱبْنِ مَرْيَمَ ۚ ذٰلِكَ بِمَا عَصَوْا وَّكَانُواْ يَعْتَدُونَ ، كَانُواْ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُۚ  لَبِئْسَ مَا كَانُواْ يَفْعَلُونَ ﴾ 

މާނައީ: "އިސްރާއީލުގެ ދަރިންގެ ތެރެއިން ކާފިރުވި މީހުންނަށް، ދާއޫދުގެ ފާނާއި، މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައި ވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދު ފަހަނަޅައިދާ ކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެން ކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!" 

މުންކަރާތް ހުއްޓުވުމުގައި ދަރަޖަ ތަކެއް ވެއެވެ. އެކަން ބަޔާންކުރައްވައި، ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. 

(مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ ، ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ ، وَذَالِكَ أَضْعَفُ الْإِيْمَانِ)

މާނައީ: " ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ! އަތުން ހުއްޓުވުމަށް ނުކުޅެދިގެންވާ މީހާ ފަހެ، އޭނާގެ ދުލުން އެކަން ހުއްޓުވާށެވެ! އެކަމަށް ނުކުޅެދިގެންވާމީހާ، އޭނާގެ ހިތުން އެކަން މަނާކުރާށެވެ! އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ."

މިއަދު އޮންލައިން