ދެންފަހެ މިނަންގަތްމަގުން حساب ބައްލަވައި ނިޔާތައް ކަނޑައެޅުއްވުމަށް ފަހުގައި އެއުރެންނާއި زَبَانِيَّ މަލާއިކަތުންނާއި حوال ކުރެއްވިދާހުށި. ދެން އެއުރެންގެ ރޮއިހޭރުމުގެ އަޑުތައް ނުލާހިކު ގަދަވެ އުފުލިދާހުށި.
مُؤمن مُوَحّد ންކުރެ ބޮޑުފާފަވެރިންނާއި މަލާއިކަތުން ވަށްކޮށްލައްވާ ހިނދުގައި ވަރަށް ގަދަ ރުއިމާއި ހިތާމައިގެ ބަސްތައް ގޮވައި އުޅުން އެއުރެންގެ ގިނަވާހުށި.
އެމަލާއިކަތުން އެއުރެންނަށް ވިދާޅުވާ ހުއްޓެވެ. މިއީ ތިޔަބައިމީހުން ދުނިޔޭގައި ތިބިއިރު ތިޔަބައިމީހުންނަށް މިއަދުގެ ބިރުވެރިކަމުގެ خبر ތައް އިއްވެވިފައިވާ ދުވަހެވެ. މިއީ މިލިޔާ آيَة ން ދޭހަވާ معن އެވެ. هَٰذَا يَوْمُكُمُ الَّذِي كُنتُمْ تُوعَدُونَ .
قِيَامَة ގެ مَيْدَان ގައި އެންމެ ބިރުވެރިކަން ބޮޑުވެގެންވާހުށީ ހަތަރުވަގުތެއްގައެވެ. އެއީ نَاقور ޖެހޭ ހިނދުގައްޔާއި ނަރަކަވީއްލިގެން އަންނަ ހިނދުގައްޔާއި آدم ގެފާނުން މާތްރަސްކަލާނގެ އަމުރުފުޅަށް ނުކުންނަވައި ނަރަކައަށް ފޮނުއްވާނޭ މީހުން ވަކިކޮށްލައްވާ ހިނދު ގައްޔާއި އެމީސްތަކުން زَبَانِيَّ މަލާއިކަތުންނާއި حَوَال ކުރެވޭ ހިނދުގައްޔާއި އެވެ.
ދެންފަހެ مَحْشَر ބިންމަތީގައި ދެންތިބޭހުށީ مؤمن ންނާއި مُسْلِم ންނާއި مُحْسن ންނާއި عَارِف ން ނާއި صدّيق ންނާއި صَالح ންނާއި شهيد ންނާއި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާއި އެވެ. އެއިގެ ތެރޭގައ ކަލާނގެރަސްކަންފުޅާއި މެދުގައި ޝައްކު ކުރާ މީހަކު ހިތްނުބައިކޮށްގެން ބޭރުފުށުން ދީނަށް އުޅުނު مُنَافق އަކު ދީނަށް ހިތްނުބައިވެގެންވާ زِنْدِيق އަކު ނުހުންނަ ހުއްޓެވެ. މިމީސްތަކުންނަށް މާތްރަސްކަލާނގެ وحى ކުރައްވާހުއްޓެވެ. އޭ މިތާގައި ތިބި މީހުންނޭވެ. އިބުރެމެން އިބުރެމެންގެ ކަލާނގެ ދަނެއު ހެއްޔެވެ. އިބުރެމެންގެ ކަލާނގެއަކީ ކާކުހެއްޔެވެ. އެއުރެން ދަންނަވާނެތެވެ. އެއީ ﷲ އެވެ. ދެން وحى ކުރައްވާ ހުއްޓެވެ. ތިޔަބައިމީހުންނަށް اَلله مَعْرِفَة ކޮށް އެނގޭނޭ ހެއްޔެވެ. އެއުރެން އާއެކޭ އާއެކެ ގޮވާނެތެވެ.
ދެން عَرْشِى ގެ ވައަތް ކިބައިން މަލާއިކަތަކު ފައުޅުވެދާހުށި. އެބޭކަލެއްގެ ބޮޑުވާ އިނގިލިފުޅުގެ ކުރިޔަށް ހަތްކަނޑުގެ ފެން އޮއްސައިލެވޭނެ ނަމަވެސް އެފެންތައް ވީތަނެއް ވެސް ނޭނގޭނެއެވެ. އެބޭކަލަކު މާތްރަސްކަލާނގެ އަމުރުފުޅަށް ވިދާޅުވާހުއްޓެވެ. އަހުރެންނީ ތިޔަބައި މީހުންގެ ކަލާނގެއެވެ. އެއުރެން ދަންނަވާ ހުއްޓެވެ. ކަލޭގެފާނުންގެ ކިބައިން އަޅަމެން ސާލާމަތް އެދެނީ ﷲ ގެކިބައިންނެވެ. ދެން عَرْشِى ގެ ކަނާތްކިބައިން އެޔަށްވުރެ ދެބައި هَيْبَة ހުރި ބޮޑު مَلاَئِكَة އަކު ފައުޅުވެ ހަމައިހު ފަދައިން ވިދާޅުވާހުށި. އެއުރެން އިހުފަދައިން جَوَاب ދީފާހުށި.
ދެން اَللهُ سُبْحَانَهُ وَتَعَالَى ފަދައަކާއި مِثَال އަކާއި ނުލައި އެއުރެން އެކަލާނގެ ދަންނަ ގޮތުން އެއުރެން ނަށް ފެނި ވޮޑިގެންފާހުށި. ދެން އެންމެން އެކުގައި سجدة އަށް ތިރިވެދާހުށްޓެވެ. ދެން އެކަލާނގެ އެއުރެންނަށް ރުއްސަވައި ވޮޑިގެންވުމުގެ ބަސްފުޅުތައް وَحِى ކުރައްވާހުއްޓެވެ.
ދެން އެއުރެން ސުވަރުގެއަށް ލެއްވުމަށް އެކަލާނގެ ރުހިވޮޑިގެން އަމުރުފުޅު އަތުވެދާ ހުށި. ދެން މީސްތަކުން صراط މަގުމަތީން ހިގައިގެންފާހުއްޓެވެ.
صِرَاطُ މަގަކީ މިދުނިޔޭގައިވެސް ފެނިއޮތް މަގެކެވެ. އެއީ މާތްރަސްކަލާނގެ މީސްތަކުން ހިގުމަށް އަންގަވައިފައި މިއޮތް صِرَاطُ الْمُسْتَقِيم އެވެ. އެ މަގުގައި މީހާއަށް ހިގަމުންދެވޭ ފަސޭހަ ނުވަތަ އުދަގޫ މިނަކުން އެދުވަހުންވެސް ދެވޭހުއްޓެވެ.
ފުރަތަމައަށް އެމަގުން ވަޑައިގަންނަވާ ހުށީ رَسُوْل ބެއިކަލުންނެވެ. ދެން ނަބީބޭކަލުންނެވެ. ދެން صدّيق ންނެވެ. ދެން مُحْسِنُ ން شهيد ން مؤمن ން عَارِف ންދާހުއްޓެވެ. އާދައިގެ مسلم ން ދާއިރު އެއުރެންގެތެރޭގައި އަގަދަށަށް ވެއްޓެމުން، ތެދުވަމުން، ފިރުކެމުން، ދާމީހުން ތިބޭހުއްޓެވެ. އަދި اَعْرَاف އެވެ ކިޔޭތަނެއްގައި ހައްޔަރުވާ ބައެއްވެސް ތިބޭހުއްޓެވެ. އެއިތެރޭގައި إيمَان ކަމުގެ ركن ތަކާއި މެދުގައި دليل ތައް ނުހޯދައި تَقْصِير ކޮށްގެން ތިބޭމީހުންވާހުއްޓެވެ. ސަތޭކަ އަހަރުން ދެވޭމީހުން ތިބޭހުއްޓެވެ. އެންމެ ލަހުން ދެވޭމީހުންނަށް ދެވޭހުށީ ހާސްއަހަރުންނެވެ. މިހުރިހައި ކަމަކާއި އެކުވެސް ކަލާނގެ ރަސްކަންފުޅުދުށް މީހަކުގައި ނަރަކައިގެ އަލިފާނެއް ނުހިފާހުއްޓެވެ. ފުރިހަމަ مُسْلِمُ ންނާއި مؤمن ންނާއި محسن ން ދަންނައެ. އެއިން ކޮންމެ ބަޔަކުގެ مقام ތައް އަހުރެމެންގެ كِتَابُ الْأسسْتِدْرَاج އެވެ ކިޔޭ ފޮތުގައި كشف ކޮށް ބަޔާންކޮށްފައި ހުންނާނެއެވެ. މިއެންމެންމެވަނީ صِرَاط މަގުމަތީން ވީއްލި ހިގައިދެވޭނެ މީހުންގެ ތެރޭގައެވެ.
އެކަމަކު އެއިތެރެއިން ބައެއްމީސްމީހުންގެ ހިގުންތައް ދިގުވެ އެކޮޅަށްގޮސް މިކޮޅަށްއައިސްވުން ގިނަވެ ބަނޑުހައިކަމާއި އަނގަހިއްކުންޖެހި މިކަހަލަ ވަރަށްބޮޑަތި ދަތި حال ގައި އެމީހުން އުޅޭހުއްޓެވެ. މިބައި މީހުންނަށް އިތުރު رَسُولُ اللهِ ގެ ފާނުންގެ حَوْضُ الْمَوْرُود ގެ ކައިރިއަށް ދެވުމުން އެތަނުން ފެން ލިބޭނެއެވެ. މިއާރުގެ كوس ތައް އުޑުގެ ތަރިތަކުގެ އަދަދަށް ހުންނަހުށި. މިއާރަށް ފެންއައިސްފައިވަނީ كَوْثِر ންނެވެ. މިއީ ސުވަރުގޭގައިވާ ފެންގަނޑެކެވެ. މި حَوْضُ الْمَوْرُودُ ގެ ދިގުމިން حَدِيْثْ ގައި ރިވާވެގެންވަނީ اِيْلِيَا އިން ފެށިގެން صَنْعَا އާއި ހަމައަށެވެ. ފުޅައުމިން عدن ން ފަށައިގެން مَدِيْنَة އާއި ހަމައަށެވެ. ފަހެ މި حوض ގެ ކައިރިއަށް ނުދެވިގެން ދަތިއުނދަގޫ ގޮތުގައި އުޅޭހުށީ ހުތުރު ފާފަތަކުގެ ކުށްތަކުގައި صراط މަގުގައި ހައްޔަރުވެ ދަތިވެގެން އުޅޭ މީހުންނެވެ.
ފަހެ مسلم ންގެތެރޭގައި وُضُوء ކޮށްމެ އެކަމަކު وُضُوء ފުރިހަމަޔަށް ނުކުރާ فرض ގުނަންތަކުގައި ރަގަޅަށް ފެންޖެހުނެއްތޯ ނުޖެހުނެއް ނުބަލައި އުޅޭ ކިތައްކިތައް މީހުންވޭހެއްޔެވެ. ނަމާދުކޮށްއުޅޭ ކިތައްމީހުން އެނަމާދުގެ ވާހަކައިން މީހަކު ނުއެހިޔަސް ވާހަކަދައްކައި އަދި އެނަމާދު ކަލާނގެ ކިބައަށް ބިރުވެތިކަމުން މުޅީންހުސްވެގެންވާ ނަމާދުތައް ކޮށްއުޅޭ ކިތައްކިތައް މީހުން ތިބޭހެއްޔެވެ. ނަމާދަށްހުއްޓައި ހިންޏެއް ކަށިއެޅިއަސް ހިމޭނުން ނުހުރެވި ނަށައި، ފުށްފުށަށް އެނބުރި މީހުން ބަލާންތިބީ ވިއްޔާ ބިރުވެތިގޮތްދައްކާ މިހެންމިހެން އުޅޭ ކިތައްކިތައް މީހުން އުޅޭހެއްޔެވެ.
ކަލާނގެ ކީރިތިވަންތަކަން ރަނގަޅަށް مَعْرِفَة ކޮށް ދަންނަމީހުން ނަމާދަށްތިއްބައި އަތްފައި ކަނޑައިގަތަސް ހިރިޔެއްނުލަތެވެ. އެއީ، އެކަލާނގެ حضرة ގައި ތިމާ قائم ވެ އަޅުކަން އަދާކުރާން ހުރި ކަލާނގެ ކައުކަންދެނެ ހިތުގެތެރޭގައި هَيبةَ ވަންތަ ކަމުގެ فكر ތައް ހިންގައި އުޅުމުގެ ފުރިހަމަކަމުގެ ބޮޑުކަމުން އެހެނިހެން ކަންތައް އެނގުން ކުޑަވެ ދުނިޔޭގެ ކަންތައްތަކުން غَائب ވެފައި ތިބެނީއެވެ. މިބައި މީހުންނާއި، އިހުމިބުނި މީހުންނާއި ދެބައި މީހުން އެއްމަގަކުންދާކަމަކު އެއްގޮތެއްގައި، އެއްތަނަކަށް ދެވޭނީ ކޮންގޮތަކުން ހެއްޔެވެ. އަދި މިބުނި ހިންޏެއް ކަށިއެޅީމައި ހިމޭނުން ނުހުރެވޭ މީހާދުނިޔޭގެ عزّة ތެރި ވެރިޔަކުގެ ކުރިމަތީގައި ކޮންމެވެސް رَسْمِىَّ ކަމެއްގައި ވަކިވައްތަރެއްގައި ހުއްޓައި ނަގުލަންދާއްޓެއް ކަށިއެޅިޔަސް އެކަންތައް ހުތުރުވެ مجلس ގޯސްވެދާނޭތީ ހިމޭނުން ހުރެވޭކަށް ދައްޗެއްވެސް ނުވާނެއެވެ.
މިހިރީ ތިމާޔަށް އެއްވެސް منفع އެއް ނުވަތަ އުނދަގުލެއް ފުރިހަމައަށް مِلْك ވެގެންނުވާ مَخْلُوقُ ންނާއިމެދުގައި އާދަމުގެ ދަރީން ހިތާހިތުމެވެ. މިހެންވީއިރު جَبَرُوتِيَّ ކަމާއި، މާތްކަންބޮޑުކަން ފުރިހަމައަށް مِلْكُ ކުރައްވައިގެންވާ ކީރިތިވަންތަކަލާނގެ فَرْضُ ކުރެއްވި އަޅުކަމެއްކުރާން އެކަލާނގެ حَضْرة އަށް ތެދުވެ އެކަލާނގެ ކިބައަށް ދަންނަވާން އެންގެވި مُنَاجة ދަންނަވައިހުންނަ، ނިކަމެތި އަޅާ ހުންނާންވީ ކޮންފަދައަކުންހެއްޔެވެ.
އާއެކޭ مسلم އަކަށް ވުމުން އެމީހާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު ހުޅުވިއްޖެއެވެ. އެކަމަކު އެތަނަށް ވަދެވެނީ إسلاَم دينގައި ކަނޑައެޅިގެންހުރި اَمْرُ ތަކާއި نهى ތަކުން މިންޖު ވެގެން صِرَاطُ المُسْتَقِيم ގައި ހިގާފައި ގޮސްގެންނެވެ. މިކަންކަން ރަނގަޅަށް ހަނދުމަކޮށް ސީދާވެގެން ތިބުމަށްޓަކައޭ ރެއާއިދުވާލު ފަސްފަހަރު اِهْدِنَاالصِّرَاطَ الْمُسْتقِيم އެވެ ކިޔާން ޖެހިފައިވަނީ، މިއިން އެއްވެސްކަމެއްގެ مَعْن އަކަށް مُرَاد އަކަށް ނުވިސްނައި ތިބެގެން އެތައްއެތައް مقام އެއް ފަހަނައަޅައި އައުދެވިގެން އުޅޭއިރު މިކަހަލަ ކިތަންމެ ކަމެއް ކުރިމަތިވާނެއެވެ. މީހުންގެ حقّ ތަކާއިމެދުގައި އަނިޔާވެރިވެވިފައި ފަހުން تَوبَة ވެގެންތިބޭ ބައެއް عَارِف ން ސަލާމާތްކުރައްވާ ގޮތާއި މެދުގައި މިފަދައިން ރިވާވެގެންވެއެވެ.
އެއަނިޔާ ލިބުނުމީހާ އެއަނިޔާ ކުޅަމީހާގައިހިފަހައްޓައި ގަތުމުން އެދެމީހުން މާތްރަސްކަލާނގެ حَضْرَة އަށް حَاضِر ކުރެއްވިދާނެއެވެ. ދެން އެއަނިޔާތައް ކުރިމައްޗަށް ނުކުމެދާހުއްޓެވެ. ދެން އަނިޔާލިބުނުމީހާ އަނިޔާކުޅަމީހާޔަށް عَفُو ކޮށް ހިތްހެޔޮކޮށްފުމަށްދާންދެން އިތުރުން އެތައް نعمة އެއް ދެއްވައި ދެމީހުން صلح ކުރައްވައި ދެމީހުން އެކުގައި ސުވަރުގެއަށް ފޮނުއްވައިފާހުއްޓެވެ. މިއީ އަނިޔާވެރިވެފައި ފަހުން تَوْبَة ވެ، ކަލާނގެކިބައަށް ބިރުވެތިވެ، ދެން އެފަދަ ފާފައަކަށް އެނބުރި اِعَاد ނުވެ، މަރުވެގެން އީމާންކަމާއި އެކުގައި މި مقام އަށް އައުދެވޭ އަޅުންނާއިމެދުގައި ކަންހިންގަވާ ދަރުމަ ވަންތަވެރި ގޮތެވެ. سَيِّدنَا داؤد ގެފާނާއި މެދުގައި ކަންތައް ހިންގަވާހުށީވެސް މިފަދައިންނެވެ. މިކަންތަކުގެ މައްޗަށް މިލިޔާ آيَة ގައި دَلِيل އެބަހުއްޓެވެ. إِنَّهُ كَانَ لِلْأَوَّابِينَ غَفُورًا، رَسُولُ ބެއިކަލުން ކުރެ دَاؤد ގެފާނަށް ކީރިތި قرآن ގައި أَوَّابٌ ގެނަމުން ނަންފުޅު ލިބިގެންވެއެވެ. أَوَّابُ ންނަކީ، ކުށެއްވެވިފާ އެކަމަށް تَوْبَة ވެ ދެން اعَاد ނުވާމީހުންނެވެ.
- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)