ޤިޔާމަތުގެ ވާހަކަ 30: މުޞީބާތަށް ކެތްތެރިވި މީހުންނަށް ދެއްވަވާ މަތިވެރިދަރަޖަ ދެއްވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ޤިޔާމަތުގެ ވާހަކަ 30: މުޞީބާތަށް ކެތްތެރިވި މީހުންނަށް ދެއްވަވާ މަތިވެރިދަރަޖަ ދެއްވެވުން-

فصل (10)

މިއީ مَحْشر ބިންމަތީން ނިޔާތައް ކަނޑައެޅުއްވުމަށް މީސްމީހުނަށް ގޮވޭނޭ ބާވަތްތަކާއި، އެކަންތަކުގެ خِلاَف ތައް ބަޔާން ކުޅައުމުގެ ވާހަކައެވެ.

صَحِيح حديث ގައިވެޔޭ مَحْشر ބިންމަތީގައި އެންމެ ފުރަތަމައަށް އިންސާފުކުރައްވާހުށީ، ލޭ އޮހޮރޭ މާރާމާރީގެ ކަންތައްތަކާއިމެދުގައެވެ. އެންމެ ފުރަތަމަޔަށް ދަރުމަދެއްވާހުށީ ދުނިޔޭގައި އުޅުނުއިރު ލޮލުގެ ފެނުން ހިނގާއްޖައުމުގެ مُصِيبَات ން مُصِيبَة ލިބިގެންވާ މީހުންނަށެވެ. 

އާޔެކޭ. ލޯނެތުމުގެ مُصِيبَة ލިބިގެންވީ މީސްތަކުންނަށް محشر ބިންމަތީގައިގޮވި އެއްކުރައްވައި وحى ކުރައްވާނެތޭ مُصِيبات ގެ أهل ވެރީންގެތެރެއިން އެންމެ ފުރަތަމަޔަށް ثواب އާއި ދަރުމަ ދެއްވުމަށް حقّ ކަން ބޮޑުވެގެންވަނީ، އިބުރެމެންނަށެވެ. ދެން އެމީހުނަށް عَقْدُ ކުރެވިގެންވާ ދިދަ شُعَيْبُ ގެފާނަށް ދެއްވާހުށި. އެކަލޭގެފާނުން އެއުރެންގެ ކުރިޔަށް އަރައި ވަޑައިގެންފާހުއްޓެވެ. އެމީހުންނާއިއެކުގައި ނޫރުގެ مَلاَئِكَة ން ނުހަނު ގިނަވެގެންވާހުށި. ދެން އެމީހުނާއިގެން شعيب ގެފާނުން صِرَاط މަގުގައި ވިދާލި ވިދުވަރެއް ފަދައިން ވަޑައިގެންފާނެތެވެ. މިއެތެރޭގައި ދެވޭނޭ މީހުންނީ އެޖެހުނު مُصِيبَة އަށް ކެތްތެރިވެ ރުޅި މަޑުކޮށްގެން މީހުނަށް شكواى ނުގޮވައި فرض ކަންތައް އަދާކޮށްގެން އުޅުނު މީހުންނެވެ. އެއީ، މި أمَّة ން عَبْدُ الله بن عَبَّاس ގެފާނުންފަދަ މީހުންނެވެ.

ދެންގޮވޭހުށީ، ކަލާނގެ أهل ވެރިންނަށެވެ. މިއީ جُذَام ބަލިފަދަ ބަލިބަލީން ބަލާޖެހުނު މީހުންނެވެ.ފަހެ އެއުރެން ގެންނަވައި، އެއުރެންނަށް މާތްރަސްކަލާނގެ ރުއްސެވުމުގެ ބަސްފުޅުތައް وحى ކުރައްވައި އިހުބުނި މީހުންފަދައިން އެ مَيْدَان ގެ ކަނާތް ކިބަޔަށް ޖައްސަވައި އެއުރެންނަށް ނޫކުލައިގެ ދިދައެއް عَقْدُ ކުރައްވައި އެދިދަ سَيِّدنَا اَيُّوبُ  ގެފާނަށް ދެއްވާހުއްޓެވެ. އެކަލޭގެފާނުން އެއުރެންނާއިގެން ކުރިޔަށް ނުކުމެވަޑައިގެންފާނެއެވެ. މިބައިގައި ދެވޭނޭމީހުންނީ އެޖެހުނު ބަލާއަށް ކެތްތެރިވެގެން އުޅުމާއި، ރުޅިމަޑުކޮށް خلق ހެޔޮކޮށްގެން އުޅުނުމީހުންނެވެ. އެއީ މި أمّة ން أبُوْ طَالب ގެ عقيل ގެފާނުމެންފަދަ މީހުންނެވެ.

ދެންގޮވޭހުށީ ދީންވެރިކަމާއި عفّة ތެރިކަމުގައި އުޅުނު ރީތި ޒުވާނުންނަށެވެ. މިއުރެން ގެންނަވައި މިއުރެނަށް މާތްރަސްކަލާނގެ تَعْرِيف وَحِى ކުރައްވައި ކަނާތްފަރާތަށް ފޮނުއްވައި ނޫކުލައިގެ ދިދައެއް عقد ކުރައްވައި އެދިދަ سَيِّدنَا يُوسُف ގެފާނަށް ދެއްވާނެއެވެ، އެކަލޭގެފާނުން އެއުރެނާއިގެން ކުރިޔަށް އަރައިވަޑައިގެންފާނެއެވެ. މިބައިގައި ދާމީހުންނީ މި أمّة ން رَاشد بن سُلَيمَان ފަދަ މީހުންނެވެ.

ދެން ނިދާ އިއްވަވާހުށީ ދުނިޔޭގެ މިވެނި مَطْلَب އަކާއި ނުލައި މާތްރަސްކަލާނގެ وَجْهُ ފުޅަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެ ލޯބިވެތިވެ އުޅުނު މީހުންނަށެވެ. ފަހެ އެމީހުންނަށް މާތްރަސްކަލާނގެ تعريف وَحِى ކުރައްވައި ކަނާތްފަރާތަށް ފޮނުއްވާނެތެވެ. 

މިމީހުންގެ ސިފަޔަކީ، ކެތްތެރިކަމާއި ރުޅިމަޑު ކަމާއި ދުނިޔޭގެ أحْوَال ތައް ފުރޮޅެމުން ދިޔުމުގައި އެކަކު އަނެކަކަށް ރުޅިނޭރުމާއި، މިއެވެ. މި أمّة ން މިމީހުންގެ މިސާލީ ، على ގެފާނާއި، އަދިވެސް އެފަދަ މީހުންނެވެ. 

- (މިސިލްސިލާގައި މި ގެނެސްދެނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. މިލިޔުމުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުގައެވެ.)

މިއަދު އޮންލައިން