ޒުލްކިފްލި ޢަލައިހިއްސަލާމް: ނަބީބޭލެއްތަ ނުވަތަ ޞާލިޙު ބޭކަލެއްތަ؟

ކިޔުމަށް ހޭދަވާނީ 3މ 12ސ
ޒުލްކިފްލި ޢަލައިހިއްސަލާމް: ނަބީބޭލެއްތަ ނުވަތަ ޞާލިޙު ބޭކަލެއްތަ؟

ޢަލީ އިޙްޞާން ފިރާޤް

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ذوالكفل عليه السّلام އަކީ މާތްالله سبحانه وتعالى މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބީބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ذوالكفل عليه السّلام ގެ ނަންފުޅު ކީރިތި ޤުރްއާނުގައި ދެފަހަރެއްގެ މަތިން ބަޔާން ކުރައްވައިފައިވެއެވެ. އެއީ އަންބިޔާއު ސޫރަތުގައާއި ޞާދު ސޫރަތުގައެވެ. ذوالكفل عليه السّلام ގެ ނަންފުޅު ޤުރްއާނުގެ ދެތަނެއްގައި ބަޔާން ކުރައްވައިފައި ވީނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅާ ގުޅޭގޮތުން އެއްވެސް ތަފްޞީލެއް ބަޔާން ކުރައްވައިފައެއްނުވެއެވެ.

ނަންފުޅާއި ނަސަބުފުޅު:

ذوالكفل عليه السّلام ގެ ޙަޔާތްޕުޅުގެ ވާހަކަތައް ޤުރްއާނާއި ޞައްޙަ ޙަދީޘްގައި ބަޔާން ކުރައްވާފައި ނެތުމުގެ ސަބަބުން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މަޢުލޫމާތު ހޯދުމަށްޓަކައި ރުޖޫޢަވާން ޖެހެނީ ތާރީޚީ މަޞްދަރު ތަކަށެވެ. އެގޮތުން الحافظ إبن كثير رحمه اللّـه ލިޔުއްވައިފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ބަޔާން ކުރައްވައިފައިވަނީ ذوالكفل عليه السّلام އަކީ أيوب عليه السّلام ގެ ދަރިކަލެއްކަމަށެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ بِشر ކަމަށެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު އެއްވަނަ ޖިލްދު. 515 ވަނަ ޞަފްޙާ}

އަބުލް އަޢުލާ މައުދޫދީ ތަފްހީމުލް ޤުރްއާނުގައި، އަންބިޔާއު ސޫރަތުގެ 85 ވަނަ އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. [ذوالكفل] މިނަންފުޅަކީ އެކަލޭގެފާނުގެ ލަޤަބުފުޅެވެ. އެކަލޭގެފާނު އެ ލަޤަބުފުޅުން މަޝްހޫރުވެވަޑައިގެންފައިވަނީ، އާޚިރަތުގައި އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ މަތިވެރި ދަރަޖައާއި މަތިވެރި މަޤާމުގެ ސަބަބުންނެވެ.

ސީރަތު: 

މަޝްހޫރު ތާބިޢީ ބޭކަލެއްކަމުގައިވާ މުޖާހިދު ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ذوالكفل عليه السّلام އަކީ ނަބީބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ޞާލިޙު ބޭކަލެކެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޤައުމުގެ ނަބިއްޔާގެ ފަރާތްޕުޅުން އެ ނަބިއްޔާގެ މަސްޢޫލިއްޔަތު އަދާކުރައްވަވައި އެ ޤައުމުގެ މީސްތަކުންގެ މެދުގައި އިންޞާފުން ޙުކުމްކުރުމަށް ޖާމިނުވެވަޑައިގެންނެވި ބޭކަލެކެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނު [ذوالكفل] ގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންނެވިއެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 516}

މިވާހަކަ ނަކަލު ކުރުމަށްފަހު އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ، ލިޔުއްވައިފައިވެއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ذوالكفل عليه السّلام ގެ ނަންފުޅު ބަޔާން ކުރައްވައިފައިވަނީ، ނަބިއްޔުންނާއި ރަސޫލުންގެ ނަންފުޅުތަކާއެކުގައެވެ. އެހެންކަމުން އާޔަތުގެ ظاهري މާނައިން ذوالكفل عليه السّلام އަކީވެސް ނަބިއްޔެއްކަން ދޭހަވެއެވެ. އެންމެ މަޝްހޫރުވެގެންވާ ގޮތަކީވެސް މިދެންނެވުނު ގޮތެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 516}

މިއަދު އޮންލައިން