ފާލަބަލަން ދިއުމުގެ ކުރިން މުސްލިމަކު ނަމަ އެންމެ ކުޑަމިނުން މިވަރު އެނގެންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފާލަބަލަން ދިއުމުގެ ކުރިން މުސްލިމަކު ނަމަ އެންމެ ކުޑަމިނުން މިވަރު އެނގެންޖެހޭނެ!

ފާލަބަލަން ނުވަތަ ވާންހުރިކަންކަން އޮޅުންފިލުވަން ފާލަބަލާމީހެއްގެ ގާތަށް ދިއުމުގެ ކުރިން އެންމެކުޑަމިނުން މިވަރު އެނގެންޖެހޭނެއެވެ. 

1 ފާލަބަލާ މީހެއްގެ ގާތަށް ކަމެއް އޮޅުންފިލުވަން ހިނގައްޖެނަމަ 40 ދުވަސްވަންދެން އޭނާގެ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެކަން 

2 އޭނާ ދެއްކިވާހަކަ ޤަބޫލުކޮށްފިނަމަ އެއީ ޝިރުކުރުމުގެ ޢަމަލެއްކަން 

މިކަންކަން މިގޮތަށް އޮތްއިރުވެސް ބޮލުގައި ކިރިޔާ ރިއްސާލާއިރަށް އެއީ ފަހަރިހެދިސިހުރަކުންކަން ބަލަން ފާލަބަލަންދާ މީހުން މަދެއް ނޫނެވެ. އަދި ދަބަހުން ލާރިއެއް ގެއްލޭއިރަށް އެ ނެގީ އަނބިމީހާތޯ ބަލަން އެބަދެއެވެ. 

ދެން މިކިޔައިދެނީ މުސްތަޤްބަލްގައި ޥާންހުރިކަންކަން އެނގޭކަމަށްބުނެ ކިޔައިދީގެން މީހުން އަތުން ފައިސާހޯދަމުންދިއަ މީހަކަށް ދިމާވިކަމެއްގެ ވާހަކައެވެ. 

މުއްމިން ދެމަފިރިއަކު ފުރަން އެއާޕޯޓްގައި ތިއްބައި ފުރަން ގޮސް ހުރި އެހެން މީހަކު ބުނީ އޭނާއަށް މުސްތަޤްބަލުގައި ވާންހުރި ކަންކަން އެނގޭ ކަމަށާއި 5 ޑޮލަރު ދިނުމުން އެދެމަފިރިންނަށް ވާންހުރިކަންކަން ކިޔައިދީފާނެ ކަމަށެވެ. 

މުއްމިން މީހާ ބުނީ ވާންހުރި ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމަށާއި އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެފަދަ ކަމެއް އެނގެން ބޭނުން ނުވާ ކަމަށެވެ. 

ނަމަވެސް އެމީހާ ދުލެއް ނުކުރިއެވެ. ހަމަ ފަހަތުން ހިނގީއެވެ. ދެމަފިރިން ގޮސް ތަނެއްގައި އިށީނުމުން އެތަނުގައި ހުރި އެހެން ގޮނޑިއެއްގައި އިށީނދެފައި އެމީހާ ކިޔަން ފެށިއެވެ. "ކަލޭ މިހައި ދުވަހު ދިރިހުންނާނެއެވެ. މިވެނި އެވެނި ކަމެއްވާނެއެވެ." ކިޔައި ނިންމާފައި 5 ޑޮލަރު ދޭށޭ ކިޔައި އަޑުގަދަކުރަން ފެށިއެވެ. އެމީހާ ހީކުރީ އަޑުގަކުރީމާ ލަދުން 5 ޑޮލަރު ދޭނެ ކަމަށެވެ. 

އެހިސާބުން މުއްމިން މީހާ ތެދުވެ އޭނާއަށްވުރެ ބާރަށް ބުންޏެވެ. "ބަލަ މީނދަ ބޮޑު ދޮގުހަދާމީހާއެވެ. މީހުންނަށް ވާނެ އެގޮތް އެނގެއޭ ކިޔައިގެން ތިއަ ހަދަނީ ކޮންހައި ބޮޑެތި ދޮގުތަކެއް ހެއްޔެވެ؟ ދޮގު ހަދައިގެން މީހުންގެ އަތުން ފައިސާ ހޯދަން ހެޔޮ ނުވާނެ ނޫންހެއްޔެވެ؟ ކަލެއަކީ މުސްތަޤްބަލުގައި ވާންހުރި އެއްވެސް ކަމެއް އެނގޭ މީހަކު ނަމަ އަހަރެން ކަލޭގެ ވާހަކަ ޤަބޫލުނުކުރާނެ ކަމާއި އެންމެ ޑޮލަރެއްވެސް ނުދޭނެކަން ނުއެނގުނީ ކީއްވެގެން ހެއްޔެވެ؟" 

މީސްތަކުންނޭވެ! ވާންހުރި ކަންތައްތައް އެނގޭ ކަމަށް ބުނެ އެ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާށެވެ. ވާން ހުރި ކަންކަން އެނގޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ޣައިބުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޣައިބުގައިވާ ކަންކަން އޮޅުން ފިލުވަން މަސައްކަތް ކުރުމަކީވެސް، ފާލުބަލާ މީހެއްގެ ގާތަށް ދިއުމަކީވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު އެފަދަ ކަމެއް ނުކުރާނެއެވެ!

- މުފްތީ މެންކުގެ ދަރުސަކުން

ގުޅުންހުރި ލިޔުމެއް: 

https://islamqa.info/en/answers/112069/does-the-one-who-goes-to-a-fortune-teller-and-asks-him-about-something-become-a-kaafir

މިއަދު އޮންލައިން