ދަރިންނަށް ނަންކިޔުން އެއީ ކުޑަކަމެއް ނޫން! ނަންކިޔާއިރު ސަމާލުކަންދޭންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ
ދަރިންނަށް ނަންކިޔުން އެއީ ކުޑަކަމެއް ނޫން! ނަންކިޔާއިރު ސަމާލުކަންދޭންޖެހޭނެ ކަންކަން-

"އަޅުގަނޑުމެންނަށް ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. އިން ޝާ ﷲ. މިއީ އަޅުގަނޑުމެން ދެފަރިންގެ ވެސް (ދެފަރާތުގެވެސް) މައިންބަފައިންނަށް ކާފަ، މާމަކިޔާ ފުރަތަމަ ދަރިފުޅެވެ. އެހެންވެ ނަން ކިޔުމުގައި ޚިޔާލުތައް ގިނަވެ މިއުޅެނީ ޙައްލުނުކުރެވިގެންނެވެ. ވީމާ ދީނީ ގޮތުން ކޮންމެހެން ބަލަންޖެހޭނެ ކަންކަން ވިދާޅުވެދެއްވަފާނަންތޯއެވެ؟ ޖަވާބު އަވަސް!"

ޖަވާބުގައި ދަންނަވަން އޮތީ ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލުގައި ކަންބޮޑުވުން ފައުޅުކުރައްވާފައިވާ ކަންތަކުގައި ޙައްލެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާކަމަށެވެ. ލިޔުމުން ޖަވާބުލިބިވަޑައިނުގަންނަވާ ކަމެއް އޮތްނަމަ އަނގަވާލަދެއްވާށެވެ!

މިލިޔުމުގައި މިވަނީ ދަރިފުޅަށް ނަން ކިޔުމުގައި ބަލަންޖެހޭ ކަންތައްތައް ކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ބަޔާން ކުރައްވާފައިވާ ކަންކަމެވެ:

ޝައްކެއް ނެތް ގޮތުގައި ނަން ކިޔުމަކީ އިންސާނެއްގެ ހަޔާތުގައި މުހިންމު ކަމެކެވެ. އާޚިރަތް ދުވަހުގައި އިންސާނާއަށް ގޮވައިލެވޭނީ އޭނާގެ ނަމުންނެވެ. ވީމާ ރިވެތި މާނައެއް ދޭހަވާ ފަދަ ނަމެއް ކުދިންނަށް ކިޔުމަކީ މައިން ބަފައިންގެ ޒިންމާއެކެވެ. ނަން ކިޔުމުގެ އަސްލަކީ ހުއްދަވުމެވެ.

އެހެން ނަމަވެސް ނަން ކިޔުމުގައި ދުރުހެލިވާނަޖެހޭ ބައެއް ބައެއް ކަންތައްތައް އެބަހުޓެވެ. އެގޮތުން:

1 ﷲ ނޫން ފަރާތަކަށް ނިސްބަތްކޮށް އަޅެއް ކަމުގައި ކިޔުން-

މިސާލަކަށް ޢަބްދުއްރަސޫލް، ޢަބްދުއް ނަބީ، ޢަބްދުލްޢަބީރު، މިނޫންވެސް ﷲ ނޫން ފަރާތެއްގެ އަޅެއް ކަމަށް ނިޞްބަތްކޮށް ކިޔާފައި ހުންނަ ނަންތަކެވެ. މިފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. އަދ ކިޔާފައިވާނަމަ އެނަމެއް ބަދަލުކުރަން ޖެހޭނެއެވެ.

މާތްﷲ ރުއްސުންލެއްވެވި ޢަބްދުއްރަޙްމާން ބިން އައުފް ވިދާޅުވެފައިވެއެވެ. "ތިމަން ކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިއިރުގައި ޢަބްދު ޢަމްރްމު އެވެ. ބައެއް ރިވާޔަތުގައި އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުލް ކަބާ ކަމުގައި އައިސްފައިވެއެވެ. ތިމން ކަލޭގެފާނު އިސްލާމްވުމާއި ގުޅިގެން ޢަބްދުއްރަޙްމާންގެ ނަމުން ކީރިތި ރަސޫލާ (ޞޢވ) ނަން ދެއްވެވިއެވެ.

2 ﷲސުބްޙާނަހޫ ވަތަޢާލާއަށް ޚާއްޞަވެގެންވާ ފަދަ ނަމެއް ނުކިޔުން- މިސާލަކަށް އައްރައްޒާޤް، އައްރަޙްމާން، ފަދަ ނަންތަކެވެ. މިފަދަ ނަމެއް ކިޔާނަމަ ކިޔަންވާނީ ޢަބްދުއްރައްޒާޤް، ޢަބްދުއްރަޙްމާން އެވެ. ނަމުގެ ކުރިއަށް "ޢަބްދު" ލައިފައެވެ. މީގެ އިތުރުން ﷲ ފިޔަވައި އެހެން ފަރާތަކަށް ނިޞްބަތް ނުކުރެވޭނެ ފަދަ ނަމެއް ކިޔުން ވެސް ރަނގަޅެއް ނޫނެވެ. މިސާލަކަށް (މަލިކުލް މުލޫކި) މާނައަކީ (ހުރިހާ ރަސްކަމެއްގެ ރަސްގެފާނު)، (އަލްޤާހިރު) މާނައަކީ (އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގަތުން) މިފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. އަދި ކިޔާފައިވާނަމަ އެ ނަމެއް ބަދަލުކުރަން ޖެހޭނެއެވެ.

މާތްﷲ ވަޙީ ކުރައްވަވާފައިވެއެވެ. (هَلْ تَعْلَمُ لَهُ سَمِيًّا) މާނައަކީ "އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސްވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯ އެވެ."

3 ކާފަރުންނަށް ޚާއްޞަވެގެންވާ ފަދަ ނަމެއް ނުކިޔުން-

މިސާލަކަށް ޢަބްދުލް މަޞީޙް، ބުތްރުސް، ޖަރްޖަސް މިނޫންވެސް ކުފުރުގެ މިޙްލަތަށް ނިޞްބަތްވާ ފަދަ ނުވަތަ އެބައިމީހުންގެ ނަންތައްކަން ދޭހަވާ ފަދަ ނަމެއް ނުކިޔުން ހުއްޓެވެ.

4 ﷲ ފިޔަވާ އަޅުކަން ކުރުމަށް ގެންގުޅެވޭ ޠޯޣޫތުން ނުވަތަ ބުދުތަކުގެ ނަމުން ނަން ނުކިޔުން، މިސާލަކަށް ޝައިޠާނު، ލާތަ، އުއްޒާ ފަދަ ނަންތައް.

އިސްވެ ބަޔާން ކުރެވުނު ފަދަ ނަމެއް ކިޔުމަކީ ޙަރާމް ކަމެކެވެ. އަދި އެފަދަ ނަމެއް ކިޔާފައިވާނަމަ އެނަމެއް ބަދަލުކުރަން ޖެހޭނެއެވެ. ނުބައި މާނައެއް ދޭހަވާ ނުވަތަ މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ފަދަ ނަމެއް ކިޔުމަކީ މަކްރޫހަ ކަމެކެވެ. މިސާލަކަށް، ނަމެއްގެ ގޮތުގައި ހަނގުރާމަ، ހިޔާމް (ޖަމަލަށް ޖެހެ ބައްޔަކަސް ކިޔާ ނަމެއް) ފަދަ ނަންނަމެވެ.

މީގެ އިތުރުން މުޖުތަމައުގައި ފަސާދަ އަމަލުތައް ހިންގާ މީހުންގެ ނަމުން ނަން ކިޔުމަކީވެސް މަކްރޫހަ ކަމެކެވެ. އެފަދަ މީހުންގެ ނަމަކީ ރަނގަޅު މާނައެއް ދޭހަވާފަދަ ނަމެއް ނަމަ އެނަމުގެ ރީތިކަމަށްޓަކައި ނުވަތަ މާނަ ރަނގަޅުކަމަށްޓަކައި އެނަން ކީނަމަވެސް މައްސަލައެއް ނެތެވެ. ނަމަވެސް އެފަދަ މީހުންނާއި އެއްގޮތް ވުމުގެ ގޮތުން އެފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. އެނަމަކުން ފާފަ އާއި އުރެދުމަށް މާނަކޮށްދޭ ފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. މިސާލަކަށް ސާރިގް (ވައްކަން ކުރާ މީހާ)، ޒާނީ (ޒިނޭކުރާ މީހާ) ފަދަ ނަންތައް ކިޔައިގެން ނުވާނެ އެވެ.

 

ﷲއަށް އުރެދުނު ކަމަށް މަޝްހޫރު ފާސިޤް މީހުންގެ ނަންތައް ވެސް ކިޔައިގެން ނުވާނެއެވެ. މިސާލަކަށް ފިރުއޢުނު، ޤާރޫނު، ހާމާނު ފަދަ ނަންތަކެވެ.

ހަޑިހުތުރު ހައިވާނުތަކުގެ ނަމުން ނަން ކިޔުމަކީވެސް މަކްރޫހަ ކަމެކެވެ. މިސާލަކަސް ހިމާރު، ކަލްބު (ކުއްތާ)، ގިރުދު (ރާމާމަކުނު) ފަދަ ނަންތަކެވެ.

ދީން ނުވަތަ އިސްލާމަށް ނިޞްބަތްކޮށްފައި ހުންނަ ނަންނަމަކީވެސް ކިޔުން މަކްރީހަ ނަންތަކެވެ. މިސާލަކަށް ނޫރައްދީން، ނޫރުލްއިސްލާމް، ޝަމްސުލްއިސްލާމް ފަދަ ނަންތަކެވެ. ސަބަބކީ މިފަދަ ނަންތަކުގެ ސަބަބުން އިންސާނާއަށް ލިބިގެންވާ ޙައްޤަށްވުރެ މަތީ ދަރަޖައެއް ދެވެނީއެވެ. އެހެންކަމުން މިފަދަ ލަޤަބްތަކުން ލަޤަބް ލިބިވަޑައިގަތުމަށް ސަލަފުން ދެކޮޅުހެއްދެވިއެވެ.

އިމާމް ނަވަވީއަށް "މުޙްޔިއްދީން" އެވެ ކިޔުމަށް އެކަލާގެފާނު ރުހިވަޑައެއް ނުގަންނަވައެވެ. ހަމައެފަދައިން އިބްން ތައިމިއްޔާ (ރަޙިމަހުﷲ) އެކަލޭގެފާނުގެ ނަމަކަށް "ތަޤިހްޔުއްދީން" ކިޔުމަށްވެސް ރުހިވަޑައި ނުގަންނަވައެވެ. އަދި ވިދާޅުވެފައިވެއެވެ. "އެހެން ނަމަވެސް އަހަރެންގެ އަހުލުވެރިން ނަންދީފައިވަނީ މިގޮތަށެވެ. އަދި އެނަން ވަނީ މަޝްހޫރުވެ ހަރުލާފައެވެ.

ﷲ ގެ އިސްމްފުޅަކުން ނަން ކިޔާނަމަ ކުރިއަސް "ޢަބްދު" ނޫން ލަފުޒެއް ގެނައުމަކީވެސް މަކްރޫހަ ކަމެކެވެ. މިސާލަކަށް ރަޙްމަތުﷲ (ﷲގެ ރަޙްމަތް) ފަދަ ނަންތަކެވެ. މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ނުވަތަ ކީރިތި ޤްރުއާނުގެ ސޫރަތްތަކުގެ ނަންތަކުން ނަން ކިޔުމަކީވެސް މަކްރޫހަކަމެއް ކަމުގައި އިބުނުލް ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މިސާލަކަށް މީކާއީލް، ޖިބްރީލް، ޠާހާ، ޔާސީން ފަދަ ނަންތަކެވެ. މިބަޔާން ކުރެވުނު ނަންތަކަކީ ކިޔުން މަކްރޫހަވެގެންވާ ނަންތަކެކެވެ. ނަމަވެސް އެފަދަ ނަމެއް ކިޔާފައި ވަނިކޮށް، ދުވަސްތަކެއް ފާއިތުވެ، އެނަން ހަރުލާފައިވާނަމަކޮންމެހެން ބަދަލުކުރުން މަޖުބޫރެއް ނޫނެވެ.

ނަން ކިޔުމުގައި 5 ދަރަޖައެއް ވެއެވެ. އެއީ:

1 ޢަބްދުﷲ ނުވަތަ ޢަބްދުއްރަޙްމާން ކިޔުން. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.

أَحَبُّ الْأَسْمَاءِ إِلَى اللَّهِ عَزَّ وَجَلَّ عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ

މާނައަކީ: ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމަކީ ޢަބްދުﷲ އަދި ޢަބްދުއްރަޙްމާން އެވެ.

2 ﷲގެ އަޅެއް ކަމަށް ނިޞްބަތްކޮށް ކިޔޭ ނަންތައް. މިސާލަކަށް ޢަބްދުލްޢަޒީޒް، ޢަބްދުލްޣަފޫރު، ޢަބްދުއްޞަމަދު، ފަދަ ނަންތަކެވެ.

3 3 ނަބިއްޔުންނާއި ރަސޫލުންގެ ނަންފުޅުތައް، މިސާލަކަށް މުޙައްމަދު، އަޙްމަދު، މޫސާ، އިބްރާހީމް، ޢީސާ، ނޫހް، ދާވޫދް ފަދަ ނަންތަކެވެ.

4 ޞާލިޙް އަޅުތަކުންގެ ނަންފުޅުތައް ކިޔުން. ޚާއްޞަ ގޮތެއްގައި ޞަހާބީންގެ ނަންފުޅުތަކުން ނަން ކިޔުން. އެބޭކަލުންނާއި އެއްގޮތް ވުމުގެ ގޮތުން، ނުވަތަ އެބޭކަލުން ދީނަށްޓަކައި ކުރެއްވެވި ބުރަ މަސައްކަތްޕުޅުތަކުގެ ސަބަބުން އެބޭކަލުންގެ ނަންފުޅުތަކުން ނަން ކިޔުން އެދެވިގެންވެއެވެ. މިސާލަކަށް: އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ، ޠަލްޙާ، ފަދަ ނަންތަކެވެ. ރަނގަޅު މާނައެއް ދޭހަވާ ފަދަ ކޮންމެ ނަމެއް ކިޔުމެވެ. والله أعلم

ދަރިންނަށް ނަން ކިޔާއިރު ޢަރަބި ނަންތައް ބޭރު މީހުން ކިޔާ ގޮތަށް ބަދަލުކޮށްގެން ކިޔުމަކީ ރަނގަޅުކަމެއް ނޫނެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެގައިވަނީ "ބައެއް މީހުން ދަރިންނަށް ނަން ކިޔުމުގައި ޢަރަބި ނަން ބޭރު މީހުން ކިޔާ ގޮތަށް ބަދަލު ކޮށްގެން ކިޔައެވެ. މުސާލަކަށް "ނޫޙް"ގެ ބަދަލުގައި "ނޯޙް" "ޔޫނުސް"ގެ ބަދަލުގައި "ޖޮނާހް"، މިފަދަ ގޮތްގޮތަށް ބަދަލުކޮށްގެން ކިޔުން ހުއްދަވާނެތޯ؟" މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

 

މިއަދު އޮންލައިން