މިކުރެވެނީ ހުއްދަކަމެއްކަން ޔަޤީންނުވާކަންކަން ނުކުރާށެވެ! އެކުރެވުނީ ޙަޜާމްކަމަކަށްވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 19ސ
މިކުރެވެނީ ހުއްދަކަމެއްކަން ޔަޤީންނުވާކަންކަން ނުކުރާށެވެ! އެކުރެވުނީ ޙަޜާމްކަމަކަށްވެދާނެއެވެ!

"ބައެއް މީހުން އެކިއެކި ކަންކަން ކުރަން ބުނަމުން މިޒަމާނުގައި އެކަންކަން ކުރުން ހުއްދަވާނެކަމަށް އެބަބުނެއެވެ. ވީމާ ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ. އެފަދަ ޙާލަތެއްގައި ޢަމަލުކުރުން އޮތީ ކޮންގޮތަކަށްތޯއެވެ؟"

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އިސްލާމް ދީނަކީ ބާވައިލައްވަވައި ފުރިހަމަކުރައްވަވާފައިވާ ދީނެކެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ކަމަކީ ވަކިޒަމާނަކަށް އޮތް ޙުކުމެއް ނޫނެވެ. އިސްލާމް ދީން ފުރިހަަމކުރެއްވެވީންސުރެ ދުނިޔެ ނިމެންދެން އިސްލާމް ދީނުގެ އެނަމެ ޙުކުމަކަށްވެސް އެއްވެސް ބަދަލެއް ގެނައުމެއް ނެތެވެ. އެކަމުގެ ހުއްދަ އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. 

އަޅުކަމުގެ ގޮތުން ނަމަވެސް އަދި ދިރިއުޅުމުގެ ކަމެއްގައިނަމަވެސް އެކަމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްކަން ޔަޤީން ނުކުރެވޭ ކަންކަން ނުކުރާށެވެ. އަދި އެކަމެއް ކުރުމުގެ ތެރެއިން ހުއްދަ ނޫން ކިތަންމެ ކުޑަކުޑަކަމެއް ހިނގައިފާނެ ކަމަށް ޝައްކުކުރެވޭ ކަންކަންވެސް ނުކުރާށެވެ. 

ތިރީގައިވާ ލިޔުމުން އެކަން ކަށަވަރުކުރެވޭނެއެވެ! 

عَنْ أَبِي عَبْدِ اللَّهِ، النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: ((إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِن النَّاسِ.

فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ.

وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ؛ كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ.

أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ.

أَلَا وَإِنَّ فِي الْجَسَدِ مُضْغَةً، إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ؛ أَلَا وَهِيَ الْقَلْبُ ((

[رَوَاهُ الْبُخَارِيُّ ، وَمُسْلِمٌ]

މާނައީ: އަބޫ ޢަބްދުﷲ، އައްނުޢްމާން ބުން ބަޝީރު رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. 

"ހަމަކަށަވަރުން ޙަލާލު ކަންތައްތައް ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމު ކަންތައްތައްވެސް ވަނީ ބަޔާންވެގެންނެވެ. އަދި އެދެމެދުގައި (އެބަހީ: ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކުގެ ދެމެދުގައި) އެއީ ކޮންކަހަލަ ކަންތައްތަކެއްކަން މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް ނޭނގޭ ކަންތައްތަކެއްވެއެވެ.

ފަހެ އެކަންކަމުން ރައްކާތެރިވެގެންފިމީހާ އެމީހާގެ ދީނާއި އަބުރު ރައްކާކޮށްފިއެވެ.

އަދި އެކަންކަމަށް އަރައިގެންފިމީހާ ޙަރާމްކަންތައްތަކަށް އަރައިގެންފިއެވެ. (އޭގެ މިސާލަކީ) ޙިމާޔަތް ކުރެވިފައިވާ އިމެއްގެ ވަށައިގެން، ބަކަރި ހުއިހައްޕާ މީހެއްގެ މިސާލެވެ. ފަހެ، އެ ބަކަރިތައް އެ ޙިމާޔަތް ކުރެވިފައިވާ އިމަށް ވަދެ، ހުއިކެއުން ގާތެވެ.

ދަންނާށެވެ. ކޮންމެ ރަސްކަލަކަށްމެ ޙިމާޔަތްކުރެވިފައިވާ އިމެއްވެއެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ލައްވާފައިވާ އިމަކީ، އެއިލާހު ޙަރާމް ކުރެއްވި ކަންކަމެވެ.  

އަދި ދަންނާށެވެ. ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅި ހަށިގަނޑު އިސްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ." 

މަދީނާ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި މަސްޖިދުއްނަބަވީގައި ހަދީޘްކިޔަވައިދެއްވަވާ ޢިލްމުވެރިޔެއްކަމުގައިވާ އައްޝައިޙް ޢަބްދުލްމުޙްސިން އަލްޢައްބާދު މި ހަދީޘް ޝަރަޙަކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.

މި ހަދީޘްގައި އެންމެހައި ކަންކަން ބަހާލާފައިމިވަނީ ތިން ގިންތިއަކަށެވެ.

1. އެނގިބަޔާންވެގެންވާ ޙަލާލްކަންކަމާއި އެއްޗެހި- މިސާލަކަށް މޭވާއާއި ތަރުކާރީ، ފަލަމަޑީގެ ބާވަތްތަކާއި ނަޢަމް ސޫފީގެ މަސް އަދިވެސް ޢިލްމުވެރިންނަށާއި އަދި ޢާއްމުންނަށްވެސް އެނގޭ ޙަލާލްކަންކަން އަދި އެއްޗެހި

﴿الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ﴾[المائدة 5]

މާނައީ: "މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލް ކުރައްވައިފިއެވެ."

2. އެނގިބަޔާންވެގެންވާ ޙަރާމްކަންކަމާއި އެއްޗެހި- މިސާލަކަށް މުޅަތަކެއްޗާއި، ރަލާއި، މަޙްރަމުންނާއި ކައިވެނިކުރުން ފަދަ ޢިލްމުވެރިންނަށާއި އަދި ޢާއްމުންނަށްވެސް އެނގޭ ޙަރާމް ކަންކަން އަދި އެއްޗެހި

3. އެ އެއްޗަކީ ޙަލާލް އެއްޗެއްކަން ނުވަތަ ޙަރާމްއެއްޗެއްކަން ކަނޑައެޅިގެން ނެނގޭ އެއްޗެހި. މިފަދަ އެއްޗެހީގެ ޙުކުމް ޢާއްމުންގެ ގިނަ މީހުންނަކަށް ނޭނގޭނެއެވެ.

މި ހަދީޘްގައި އައިސްފައިވާ

((فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ. وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ؛ كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ. أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ.)) 

މި ބައި އައިސްފައިވަނީ މި ދެންނެވި ތިންވަނަ ގިންތިއާއި ބެހޭގޮތުންނެވެ.

ހަދީޘުން ލިބޭފައިދާތައް

– އިސްލާމީ ޝަރީޢަތުގައި އެންމެހައި އެއްޗިއްސާއި ކަންކަން ތިން ބަޔަކަށް ބެހިފައިވާކަން

– މީގެ ތެރެއިން ތިންވަނަ ގިންތީގައި ހިމެނޭ އެއްޗެހީގެ ޙުކުމް ގިނަބަޔަކަށް ނޭނގޭކަން

– އެއެއްޗެއްގެ ޙުކުމާމެދު ނުވަތަ އެކަމެއްގެ ޙުކުމާއިމެދު ޝައްކުވާނަމަ، އޭގެ ޙުކުމް އެނގިއްޖައުމަށް ދާންދެން އެއެއްޗެއް ބޭނުންކުރުން ނުވަތަ އެކަމެއް ކުރުން މަޑުޖައްސާލުން

– އެކަމުގެ ސީދާ ޙުކުމް ނޭނގޭފަދަ ކަންކަން (އެކަމަކީ ފާފައަކަށްވުންވެސް ގާތްކަންކަން) ކުރަން ފަށައިފިނަމަ ޙުކުމް އެނގޭ މުންކަރާތްތައް ކުރަން ޖެހިލުންވާވަރު ކުޑަވެ، ބައެއްފަހަރު ކަނޑައެޅިގެން ޙަރާމްއެއްޗެހިވެސް ބޭނުންކުރެވުން ނުވަތަ ޙަރާމްކަންކަން ކުރެވުން

– ހިތުގެ މުހިންމުކަން ބަޔާންވެގެންވުން

– ބޭރު ފުށުގެ ޢަމަލުތައް ރަނގަޅުނޫންނަމަ، އެކަން އެ ދަލާލަތުކޮށްދެނީ އެތެރެ ފުށްވެސް ރަނގަޅުނޫންކަމަށްކަން ބަޔާންވެފައިވުން

– އެކަމުގެ ސީދާ ޙުކުމް ނޭނގޭ ފަދަ ކަންކަން (އަދި އެކަންކަމަކީ ފާފައަކަށްވުމުގެ އިހުމާލްއޮތް ކަންކަން) ކުރުމުން ދުރުވެގަތުމަކީ މީހާގެ ޢަބުރަށާއި ދީނަށް ލިބޭ ރައްކާތެރިކަމެކެވެ.

- ޙަދީޘް އާ ޝަރަޙަ: ދިސަލަފިއްޔާ

މިއަދު އޮންލައިން