ޒުލްކިފްލި ޢަލައިހިއްސަލާމް 2: ޝައިޠާނާ އެކަލޭގެފާނު ކޯފާ އިސްކުރުވުމަށް ކުރި މަސައްކަތް ބޭކާރުވެ ލަދުގަންނަން ޖެހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 11ސ
ޒުލްކިފްލި ޢަލައިހިއްސަލާމް 2: ޝައިޠާނާ އެކަލޭގެފާނު ކޯފާ އިސްކުރުވުމަށް ކުރި މަސައްކަތް ބޭކާރުވެ ލަދުގަންނަން ޖެހުން

ޢަލީ އިޣްޞާން ފިރާޤް 

މުޖާހިދު ގެ އަރިހުން އިމާމު އިބުން ޖަރީރުއް ޠަބަރީ ރަޙިމަހުﷲ، އާއި އިމާމު އިބްނު އަބީ ޙާތިމު ރަޙިމަހުﷲ، ރިވާކުރައްވައިފައިވެއެވެ. اليسع عليه السّلام މުސްކުޅިފުޅުވުމުން އެކަލޭގެފާނުގެ ފަރާތްޕުޅުން އެކަލޭގެފާނު އަދާ ކުރައްވަމުން ގެންދެވި ނަބީކަމުގެ މަސްޢޫލިއްޔަތު އަދާކުރައްވާނެ ބޭފުޅަކު ޢައްޔަން ކުރައްވަން ޤަޞްދުކުރެއްވިއެވެ. އެހެންކަމުން އެކަމުގެ ބޭނުންފުޅުގައި އެކަލޭގެފާނުގެ އަޞްޙާބުން އެއްކުރައްވައި ވިދާޅުވިއެވެ.

[ތިމަންކަލޭގެފާނު ބަޔާންކުރާ ތިން ޝަރުތެއް ފުރިހަމަ ކުރާ މީހަކަށް ތިމަންކަލޭގެފާނު އެ މަޤާމު ދެއްވާހުށީމެވެ. އެ ތިން ޝަރުތަކީ ދުވާލުގަޑީގައި ރޯދަ ހިފުމާއި، ރޭގަނޑު ރޭއަޅުކަންކުރުމާއި، ރުޅިމަތަކޮށް ހިފެހެއްޓުމެވެ.]

اليسع عليه السّلام މިހެން ވިދާޅުވުމުން އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ބޭކަލަކު ތެދުވެ ދަންނަވައިފިއެވެ. [އަޅުގަނޑު ތިޔަ ކަންތައްތައް ކުރުމަށް ޖާމިނުވަމެވެ.] اليسع عليه السّلام ވިދާޅުވިއެވެ. [ތިބާއަށް ދުވާލުގަޑީގައި ރޯދަހިފައި، ރޭގަނޑު ރޭއަޅުކަންކޮށް، ރުޅިމަތަކޮށް ހިފެހެއްޓުމުގައި ދެމިހުންނެވިދާނެ ހެއްޔެވެ؟] އެބޭކަލަކު ޖަވާބުގައި ދެންނެވިއެވެ. [އާދޭހެވެ! އަޅުގަނޑު ތިޔަ ކަންތައްތައް ކުރާނަމެވެ.] ޖެހިގެން ދުވަހުވެސް ކުރިންދުވަހެކޭ އެއްފަދައިން، اليسع عليه السّلام އެކަލޭގެފާނުގެ އަޞްޙާބުން އެއްކުރައްވައި، ކުރިން ދުވަހު ކުރެއްވި ސުވާލުތައް ކުރެއްވިއެވެ. އެދުވަހުވެސް ކުރިންދުވަހު ތެދުވި ފަރާތުން ތެދުވެވަޑައިގެން އެކަންތައްތައް ކުރައްވާނެ ކަމަށް ވިދާޅުވެ އެކަމަށް ޖާމިނުވެވަޑައިގެންފިއެވެ. ދެން اليسع عليه السّلام އެކަލޭގެފާނުގެ ނައިބަކަށް ނުވަތަ ޚަލީފަކަށް އެފަރާތް ހަމަޖައްސަވައިފިއެވެ.

މިހެންކަންތައް ވެގެންދިޔަތަން އިބިލީހަށް ފެނުމުން، އޭނާ ޝައިޠާނުންތައް އެއްކޮށް ބުންޏެވެ. [އެކަލޭގެފާނު ބޯކޮޅު ބަލަމުންގޮސް، އެކަލޭގެފާނު ކުރުމަށް ޖާމިނުވެވަޑައިގެންނެވި ކަންތައްތައް ނުކޮށްވާނެގޮތެއް ވޭތޯ ބަލާށެވެ. އޭނާ އެކަންތައްތައް ކުރިޔަ ނުދޭށެވެ.] ނަމަވެސް ޝައިޠާނުންތައް މަސައްކަތްކޮށްކޮށްވެސް އެކަމުގައި ކަމުފޮޅާ ނަތީޖާއެއް ނުލިބުނެވެ.  އެބޭކަލަކު އެކަންތައްތައް ކުރުމުން އެއްކިބާއެއް ނުކުރެވުނެވެ. މިހެންވުމުން އިބިލީސް ޝައިތާނުންތައް އެއްކޮށް ބުންޏެވެ. [އޭނާ އަހަރެންނަށް ދޫކޮށްލާށެވެ. ތިމަންނާ ކަންފުޅެއްވޭތޯ ބަލާނަމެވެ.]

ދެން އިބިލީސް ވަރަށް މުސްކުޅި އަޖޫޒު ފަޤީރެއްގެ ސިފަޖެހިގެން އެކަލޭގެފާނު މެންދުރުގެ އަވަހާރަފުޅަށް އޮންނަވަނިކޮށް ގޮއްސިއެވެ. އެކަލޭގެފާނު އެވަގުތުގައި ނޫނީ އަވަހާރަފުޅެއް ނުލައްޕަވައެވެ. އިބިލީސް ގޮސް  ދޮރުގައި ޓަކިދިނުމުން، އެކަލޭގެފާނު އެއްސެވިއެވެ. [ތިބާއީ ކާކުހެއްޔެވެ؟] އިބިލީސް ބުންޏެވެ. [ޙައްޤު ގެއްލިފައިވާ މުސްކުޅި ފަޤީރަކީމެވެ.] މިހެން ބުނުމުން އެމީހާއަށްޓަކައި ދޮރު ހުޅުއްވައި ދެއްވިއެވެ. ދެން އިބިލީސް އެބޭކަލަކަށް އޭނާގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. [އަހަރެންނާއި އަހަރެންގެ މީހުންނާ މެދުގައި ވަރަށް ބޮޑު ޙަސަދަވެރިކަމެއްވެއެވެ. އެބައިމީހުން އަހަންނަށް ހުރިހާ ގޮތަކުން އަނިޔާވެރިވެއްޖެއެވެ.] މިގޮތުގެ މަތީން އެނާގެ ވާހަކަ ދިގުކުރަމުންގޮސް އެކަލޭގެފާނު ނިދިކުރައްވާ ވަގުތު ފަހަނައަޅައިގޮސް އަޞުރު ވަގުތު ޖެހިއްޖެއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. [އަޞުރު ފަހުން އެމީހުންގެ ކިބައިން ކަލޭގެ ޙައްޤު ހޯދައިދޭނަމެވެ.]

އެއަށްފަހު މީސްތަކުގެ މައްސަލަތައް ފައިޞަލާކުރާ މަޖިލީހަށް ވަޑައިގެން އެމުސްކުޅި މީހާ ފެނިވަޑައިގަންނަވާތޯ ވަށައިގެން ބައްލަވަ ބައްލަވައިވެސް އެމުސްކުޅިޔާ ފެނިވަޑައެއް ނުގެންނެވިއެވެ. އޭގެ އަނެއްދުވަހު ހެނދުނުވެސް މީސްތަކުންގެ މެދުގައި އިންސާފު ކުރައްވަމުން ގެންދެވިއިރު އެމުސްކުޅިމީހާ އާދޭތޯ އެކަލޭގެފާނު އިންތިޒާރު ކުރެއްވިއެވެ. އެހެނަމަވެސް، އެމީހާގެ ހިލަމެއްނުވިއެވެ. މިހެން ހުންނަވަނިކޮށް މެންދުރު އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވަން ގެ ކޮޅަށް ވަޑައިގެން އަވަހާރަފުޅު ލައްޕަވަން ހަމަ އުޅުއްވާއިރަށް އެއްކަލަ މުސްކުޅި ކަލޭގެ އަތުވެއްޖެއެވެ. އޭނާ އައިސް ދޮރުގައި ޓަކިދިނުމުން ކާކުތޯ އެއްސެވުމުން ޖަވާބު ދިނެވެ. [އިއްޔެ ކަލޭގެފާނުގެ ގާތަށް އައި ޙައްޤު ގެއްލިފައިވާ މުސްކުޅިމީހާއެވެ.] 

އެކަލޭގެފާނު އެމުސްކުޅިމީހާގެ ވާހަކަތައް އަޑުއެއްސެވުމަށްޓަކައި ދޮރު ހުޅުއްވައި ދެއްވުމަށްފަހު ސުވާލުކުރެއްވިއެވެ. [އަހަރެން ފަންޑިޔާރު މަޖިލީހަށް ދިއުމުން އަހަރެންގާތަށް އައުމަށް އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟]  މުސްކުޅިމީހާ ޖަވާބުދިނެވެ. [އަޅުގަނޑުގެ ޤައުމުގެ މީހުންނަކީ، މީސްތަކުންގެ ތެރެއިން އެންމެ ނުބައިމީހުންނެވެ. އެމީހުންނަށް އެމީހުންގެ އަތުން އަޅުގަނޑުގެ ޙައްޤު އަތުލައި، އަޅުގަނޑަށް ލިބޭނެގޮތް ކަލޭގެފާނު ހައްދަވައި ދެއްވާނެކަން އެނގުމުން ބުނަންފަށައިފިއެވެ. ކަލޭގެ އެކަލޭގެފާނުގެ އަރިހަށް ދާނެކަމެއްނެތެވެ. އަހަރެމެން ކަލެއަށް ކަލޭގެ ޙައްޤު ދޭހުށީމެވެ. ނަމަވެސް ހަމަ ކަލޭގެފާނު ފަނޑިޔާރު މަޖިލީހުން ތެދުވެގެން ވަޑައިގަންނަވާއިރަށް އަޅުގަނޑުގެ ޙައްޤު ނުދޭނެކަމަށް ބުނަން ފަށައިފިއެވެ.] އެކަލޭގެފާނު ވިދާޅުވިއެވެ. [އިހަށް ކަލޭ ދާށެވެ. އަހަރެން ފަނޑިޔާރު  މަޖިލީހަށް ދިޔުމުން އަހަރެން ކައިރިޔަށް އަންނާށެވެ.]

މިގޮތުން އެދުވަހުވެސް އެގަޑީގައި އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވިޔަ ނުދީ ހިފެހެއްޓިއެވެ. ދެން އެކަލޭގެފާނު ފަނޑިޔާރުގެއަށް ވަޑައިގެން އެމުސްކުޅިމީހާ އަންނާނެކަމުގެ އިންތިޒާރުގައި ހުންނެވިއެވެ. ނަމަވެސް، މިފަހަރުވެސް އޭނާގެ ހިލަމެއްބިލަމެއް ނުވިއެވެ. މިގޮތަށް ކަންތަށް ދިމާވާން ފެށުމުން އެކަލޭގެފާނު އަވަހާރަފުޅު ނުލެއްޕެވުމުގެ ސަބަބުން ހަށިކޮޅަށް އޭގެ އަސަރު ކުރަންފަށައިފިއެވެ. އެހެންކަމުން އަނެއްދުވަހު ދޮރުކައިރީގައި ދޮރުވާނަކު ބައްހަޓަވައި ދޮރުން އެއްވެސް މީހަކު އެތެރެއަށް ނުވެއްދުމަށް އެދިވަޑައިގަތެވެ.

ނަމަވެސް، އެމުސްކުޅިމީހާ ހަމަ އެކަލޭގެފާނު އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާ އިރަށް އެތަނަށް ދިޔައެވެ. އޭނާ އައުމުން ދޮރުވާނު ބުންޏެވެ. [ ކަލޭ އިހަށް އެނބުރިދާށެވެ!] އެމުސްކުޅިޔާ ބުންޏެވެ. [އިއްޔެ އަހަރެން އެކަލޭގެފާނު ގާތުވަނީ، އަހަރެންގެ ބޭނުން ބުނެދީފައެވެ.] ނަމަވެސް ދޮރުވާނު އެމުސްކުޅިޔާ އެތެރެއަށްވަނަކަ ނުދިނެވެ. ދެން އެ މުސްކުޅިޔާ އެގެތެރެއަށް ވަނީ ފާރުމަތީންނެވެ. ބައެއް ރިވާޔަތްތަކުގައިވަނީ ފާރުގައިވާ ލޯވަޅަކުން ކަމަށެވެ. އޭނާ ވަދެގެން ގޮސް އެކަލޭގެފާނުގެ ކޮޓަރިކޮޅުގައި ޓަކިދިނެވެ. އެވަގުތު އެކަލޭގެފާނު އަވަހާރަފުޅުން ތެދުވެވަޑައިގެން ދޮރުވާނަށް ވިދާޅުވިއެވެ. [މިގެއަށް އެއްވެސް މީހަކު ނުވެއްދުމަށް ބުނީމެއްނޫން ހެއްޔެވެ؟]  ދޮރުވާނު ޖަވާބު ދެއްވިއެވެ. [އެމީހާވަނީ އަޅުގަނޑު މިހުރި ދިމާލަކުންނެއް ނޫނެވެ. އޭނަގާތު ވަން ދިމާލެއް އައްސަވާބައްލަވާށެވެ؟] އެވަގުތު އެކަލޭގެފާނު ތެދުވެވަޑައިގެން ގޭގެ ދޮރުކޮޅާދިމާއަށް ބައްލަވާލެއްވިއެވެ. އޭރު ދޮރުކޮޅު ހުރީ ލައްޕައިފައެވެ. ދެން އެކަލޭގެފާނަށް މުސްކުޅިޔެއްގެ ސިފަ ޖެހިގެން އައިސް ހުރީ ޝައީޠާނާކަން އެނގިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. "أعدوّ الله" [ތިޔައީ މާތްރަސްކަލާނގެ ޢަދުއްވު ނޫންހެއްޔެވެ؟]

އެކަލޭގެ ޖަވާބުދިނެވެ. [އާނއެކެވެ. އަހަރެންނަކީ މާތްރަސްކަލާނގެ ޢަދުއްވެވެ. ކަލޭގެފާނު އަހަރެންގެ ހުރިހާ މަސައްކަތެއް ބޭކާރުކޮއްލައްވައި ފީމުއެވެ.  އަހަރެން މިހުރިހާ ކަމެއް މިކުރީ ކަލޭގެފާނު ރުޅިއެރުވުމުގެ ބޭނުމުގައެވެ.]

މި ހިނގައިދިޔަ ކަންތައްތަކަށްފަހު، އެކަލޭގެފާނަށް [ذوالكفل] ނަންފުޅުން ނަންދެވުނެވެ. އެއީ، އެކަލޭގެފާނު ކަންތައްތަކެއް ކުރެއްވުމަށް ޖާމިނުވެވަޑައިގެން، އެކަންތައްތައް ނުހަނު ފުރިހަމަ ކަމާއެކު ކުރެއްވުމުގެ ސަބަބުންނެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 517 އަދި 518 އަދި 432/ الدر المنثور في التفسير بالمأثور ހަތަރުވަނަ ޖިލްދުގެ ޞަފްޙާ 595} މިދެންނެވި ދެފޮތުގައި، މި ރިވާޔަތް ބަޔާންވެފައިވަނީ، ޢިބާރާތުގެ ކުދިކުދި ތަފާތާ އެކުގައެވެ. ނަމަވެސް ވާހަކައިގެ މައިގަނޑަކީ އެކައްޗެކެވެ.

 

މިއަދު އޮންލައިން