މިނެކިރުމުގަ އެންމެ ގްރާމެއް ލުއިކުރިނަމަވެސް ﷲ ތަޢާލާގެ ކޯފާ ޙައްޤުވީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 36ސ
މިނެކިރުމުގަ އެންމެ ގްރާމެއް ލުއިކުރިނަމަވެސް ﷲ ތަޢާލާގެ ކޯފާ ޙައްޤުވީ!

"މާރުކޭޓުގެ ގިނަގޮޅިތަކުން ކިރާއިރު ކައްޓާ ނުވެސް ދައްކައެވެ. ނުފެންނަ ގޮތަށް ކައްޓާ ބަހައްތާ މައްސަލަ ބަލާ ފަރާތެއްވެސް ނެތެވެ. ޝަކުވާކުރެވޭކަށް ނެތެވެ. ސުވާލެއްކޮށްލިނަމަވެސް އަދުގަދަ ނެތްތަނަށް ބުނާނީ "ދައްތާދޭ!" މިހެންނެވެ. އެހެންވެ ލަދުންވެސް އަނގައިން ބުނެވޭކަށް ނޯވެއެވެ. ފިހާރަތަކުން ބަލަނީ ގްރާމެއް ނަމަވެސް ލުއިކޮށްލެވޭތޯއެވެ؟ ބުރަކޮށްލައިދެނީ ވަރަށް މަދު މީހެކެވެ. މިކަމުގައި އިންނަ ގޮތް (ދީނީ ގޮތުން) ބުނެލަދެވިދާނެތަ؟"

سعد بن المسيب ވިދާޅުވެފައި ވެއެވެ. "މިނެކިރުން ބަރާބަރަށް ގެންގުޅޭ ރަށަކަށް ދެވިއްޖެ ނަމަ އެރަށުގައި ގިނަދުވަހު ހުންނާށެވެ! އަދި މިނެކިރުމުގައި އުނިކޮށްއުޅޭ ބައެއްގެ ރަށަކަށް ދެވިއްޖެނަމަ އެރަށުގައި ގިނަ ދުވަހު ނުހުންނާށެވެ!" 

މިމޭރުމުން ވިދާޅުވެފައި އެވަނީ މިނެކިރުމުގައި ތެދުވެރިނަމަ އެރަށަކަށް (އެބައަކަށް) ރަޙްމަތް ލައްވަވާނެތީ އާއި މިނެކިރުމުގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ކޯފާލައްވަވަނެތީއެވެ. 

މިނެކިރުމުގައި އުނިކޮށް ލުއިކުރާ މީހުން ނަށް ހަލާކާއި ގެއްލުން ހުރިކަމުގެ ވަޢީދުގެ ބަސްފުޅު އައިސްފައި ވެއެވެ. އެކަމުގައި ވަނީ ނުބައިގެ މައްޗަށް ނުބައެވެ. އެހެނީ، އެއީ ނުބައިވެގެންވާ ޚުލުޤެކެވެ. މީސްތަކުންގެ މުދާތައް ބާޠިލްގޮތުގައި ކެއުމެކެވެ. ޖަޒާދެއްވުމަށް ދުވަހެއް އޮތްކަން ހަނދާންނައްތާލުމެވެ. އަމާނާތްތެރި ކަމުން ދުރުހެލިވުމެވެ. ތެދަށް ފުރަގަސް ދިނުމެވެ. އިތުބާރު ގެއްލުމެވެ. ﷲ ގެ ކޯފާއަށް ހުށަހޮޅި ގަތުމެވެ. 

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  " وَيْلٌ لِلْمُطَفِّفِينَ (1) الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ (2) وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ (3) أَلَا يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ (4) لِيَوْمٍ عَظِيمٍ (5) يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ (6) " (المطفّفين 1-6) މާނައީ: އަނެކުންނަށް (މިނެކިރައިދިނުމުގައި) އުނިކުރާމީހުނަށް ހަލާކު ހުއްޓެވެ. އެބައިމީހުންނީ މީސްތަކުންގެ ކިބައިން މިނާނަމަ ހަމަކުރާމީހުންނެވެ. އަދި އެބައިމީހުންނަށް މިނެދޭ ހިނދު ނުވަތަ، އެބައިމީހުންނަށް ކިރައިދޭހިދު ގެއްލުންކުރާ މީހުންނެވެ. އެބައިމީހުންނީ ބޮޑުވެގެންވާ ދުވަހަކަށް ފޮނުއްވޭނޭ ބަޔަކުކަމުގައި އެބައިމީހުން ހީނުކުރަނީ ހެއްޔެވެ؟ އެއީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި މީސްތަކުން ޤާއިމުވެ ކޮޅަށް ތިބޭ ދުވަހެވެ."

މިވަޞިއްޔަތުގައި މާތް ﷲ އަންގަވާ ފައިވަނީ މިނެކިރުމުގައި ޢަދުލުވެރި ގޮތަށް ކަންތައް ކުރުމަށެވެ. އެދެކަންތަކުގައި އުނި ކޮށް ލުއިކޮށް ނުހެދުމަށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ."وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ" (الأنعام : 152) މާނައީ: " ތިޔަބައިމީހުން (ގަނެ ވިއްކުމުގައި ) މިނުމާއި ކިރުން ޢަދްލުވެރި ގޮތުން ހަމަހަމައަށް ފުއްދާށެވެ.  ތިމަން ރަސްކަލާނގެ އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ ވަރަށް މެނުވީ މަސައްކަތެއް ނުޖައްސަވަމެވެ." އެހެން އާޔަތެއްގައި މާތް ﷲ އަންގަވާފައި ވެއެވެ."وَأَوْفُوا الْكَيْلَ إِذَا كِلْتُمْ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ ۚذَٰلِكَ خَيْرٌ وَأَحْسَنُ   تَأْوِيلًا (35) (الإسراء: 35) "  މާނައީ: " ތިޔަބައިމީހުން މިނެދޭނަމަ މިނުން ހަމައަށް ފުއްދާށެވެ! (އެބަހީ އުނި ނުކުރާށެވެ. ) އަދި ސީދާވެގެންވާ ތިލަފަތުން ތިޔަބައިމީހުން ކިރާށެވެ! އެގޮތް ތިޔަބައިމީހުންނަށް (ދުނިޔޭގައިވެސް) ހެއުކަން ބޮޑެވެ. އަދި އާޚިރަތުގެ ދަރުމަ ބޮޑެވެ."

މިނެކިރުން ހަމައަށް ފުއްދުމަކީ އުނި ނުކުރުމެވެ. ކީރިތި ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން އަންގަވާފައިވާ ފަދައިންނެވެ. " وَلَا تَنقُصُوا الْمِكْيَالَ وَالْمِيزَانَ ۚ " (هود: 84) މާނައީ: " ތިޔަބައިމީހުން މިނާތަކެއްޗާއި، ކިރާތަކެތި އުނި ނުކުރާށެވެ! " 

މިނެކިރުމުގައި ހަމަހަމަ ކުރުމަކީ ވަރަށް މަތިވެރި ޚުލްޤެކެވެ. ތެދުވެރި ކަމާއި، އަމާނާތްތެރި ކަމުގެ ދަލީލެކެވެ. އެކަމުގައި ފަރުވާކުޑަ ނުކުރާ މީހުންނަކީ މާތް ﷲ އަށް ބިރުވެތިވާ މީހުންނެވެ. މިނެކިރުން އުނިނުކޮށް ބަރާބަރަށް ކުރާމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލިބޭނީ ފޮނި ނަތީޖާ އެވެ. ދުނިޔޭގައި ތަޢުރީފާއި ރިވެތި ނަމެވެ. މުޢާމަލާތު ކުރަން އަންނަ މީހުން ގިނަވުމެވެ. ލިބޭ ފައިދާގައި ބަރަކާތް އިތުރުވުމެވެ. އޭނާއަށް ތަބާވާ މީހުން ގިނަވަމުން ދިއުމެވެ. އާޚިރަތުގައި ހެޔޮ ޖަޒާއެވެ. ގިނަގުނަ ޘަވާބެވެ. ދާއިމީ ނިޢުމަތެވެ. 

(މިލިޔުމަކީ މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާ ރަސޫލް صلى الله عليه وسل ގެ ވަޞިއްޔަތްޕުޅުތަކުގެ ސީރީޒެއްގައި ޝާއިޢުކުރެވިފައިވާވެސް މައުލޫމާތެވެ. ކިޔުނތެރިޔާގެ ސުވާލުގެ ޖަވާބު ވަރަށް ފުރިހަމައަށް ލިބިގެންދާ ލިޔުމެކެވެ.)

މިއަދު އޮންލައިން