ޢަލީ އިޙްޞާން ފިރާޤް
ކީރިތި ޤުރްއާނުގައި
ذوالكفل عليه السّلام ގެ ޙަޔާތްޕުޅާ އެކަލޭގެފާނުގެ ސިފަފުޅުތަކާ ބެހޭގޮތުން މުޢުތަބަރުކޮށް އެނގެން ހުރީ ވަރަށް މަދު މަޢުލޫމާތުކޮޅެކެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނުގެ ވަރަށް ޚާއްޞަ ސިފަފުޅެއް ބަޔާން ކުރައްވައިފައިވެއެވެ. ކީރިތި ޤުރްއާނުގައި އެކަލޭގެފާނު ސިފަކުރައްވައިފައިވަނީ ކެތްތެރިކަމުގެ ރިވެތި ސުލޫކުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ބޭކަލެއްގެ ގޮތުގައެވެ. ރިވެތި މަކާރިމުލް އަޚްލާޤުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ޞާލިޙެއްގެ ގޮތުގައެވެ. އަންބިޔާއު ސޫރަތުގެ 85 ވަނަ އާޔަތާއި 86 ވަނަ އާޔަތުގައި މާތްﷲ އެކަލޭގެފާނުގެ މައްޗަށް ތާރީފުގެ ބަސްފުޅު ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ ﴿٨٥﴾وَأَدْخَلْنَاهُمْ فِي رَحْمَتِنَا ۖ إِنَّهُم مِّنَ الصَّالِحِينَ ﴿٨٦﴾
މާނައީ: "އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ. އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ."
ކީރިތި ޤުރްއާނުގެ ޞާދު ސޫރަތުގައި ذوالكفل عليه السّلام ސިފަ ކުރައްވައިފައިވަނީ ވަރަށް ހެޔޮލަފާ ޞާލިޙު ބޭކަލެއްގެ ގޮތުގައެވެ. ޞާދު ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ﴿٤٨﴾
މާނައީ: އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ."
މިދެންނެވި ވާހަކަތަކުގެ އިތުރުން ذوالكفل عليه السّلام އާ ބެހޭގޮތުން ވާރިދުވެފައިވާ ވާހަކަތަކަކީ ތާރީޚުގެ ތެރޭގައި ހިމެނޭ ވާހަކަތަކެކެވެ.
އަރަހުށި މާތްﷲ، ذوالكفل عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ.! އާމީން
- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް