ތިމާ އެދޭކަންކަން ޙާޞިލުކުރަން ބޭނުންވާނަމަ އެކުވެރިޔާއަށް އެހީތެރިވުމުގަ ދެމިހުންނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ތިމާ އެދޭކަންކަން ޙާޞިލުކުރަން ބޭނުންވާނަމަ އެކުވެރިޔާއަށް އެހީތެރިވުމުގަ ދެމިހުންނާށެވެ!: މުފްތީ މެންކް

ޙަޔާތުގެ އެއްވެސް ކަމަކީ ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ނުލިބި ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އަތުގައި ފައިސާހުރެގެން ވިޔަފާރިކުރިނަމަވެސް ކުރިނާރަނީ، އަދި އިންވެސްޓްކުރާ ފައިސާކޮޅުވެސް ނުލިބި މީހާ ހުލިވެގެންދަނީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހުން މާމަދު ފައިސާކޮޅަކުން ފަށާވިޔަފާރި ކުރިއަރައިދަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ހަމަ ފަށަމުން ބުނިބަހެވެ. ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބުމާއި ނުލިބުމުގެ ތަފާތުންނެވެ.

އެހީތެރިވާށޭ ބުނުމުން ގިނަ ފަހަރަށް އެންމެ ފަސޭހައިން ނެގޭނެ މާނައަކީ ފައިސާއިން އެހީތެރިވުމެވެ. ނަމަވެސް އެހީތެރިވުމަކީ ހަމަ އެކަނި ފައިސާއިން ކުރެވޭ ކަމެއް ނޫނެވެ! ފައިސާވެރިން ފައިސާ ބަހަންވީއެވެ. ޞަދަޤާތްކުރުން ގިނަކުރަންވީއެވެ. ޞަދަޤާތްކުރާނެ ފައިސާ އަތުގައި ނެތް ނަމަ އަމަލުން އެހީތެރިވެދޭށެވެ. ހެޔޮ ބަސްތައް ބުނުމަކީވެސް އެހީތެރިވެދެވިދާނެ ކަމެކެވެ. މިހިރީ ހައްތާވެސް އެހީތެރިވެދެވިދާނެ ގޮތްތަކެވެ. މީސްތަކުންނާއި ގުޅުން ބަދަހިކުރާނެ ގޮތްތަކެވެ. ކަންކަން ހުރީ މިހެން ކަމަށްވާއިރު މީސްތަކުންނަށް އެހީތެރި ނުވުމުގެ ހުރި ނުބައިކަމަށް ނިކަން ވިސްނައިލަބަލާށެވެ! ދަހިވެތިވެ ޞަދަޤާތް ނުކުރުމާއި މީހަކަށް ކަމެއް ކޮށް ނުދިނުމާއި ނުބައި ބަސްތައް ބުނުމުގެ ހުރި ނުބައިކަމަށް ބިރުވެތިވުމަށް ވަސިއްޔަތް ކުރަމެވެ.

އެހެން މީހުންނަށް އެހީތެރިވެދޭ މީހާ ހައްޤު ގޮތުގައި ހުރިނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެތެވެ. ވީއިރު އެފަދަ މީހަކަށް އިތުރަށް ބޭނުންވާނީ ކާކުގެ އެހީތެރިކަމެއް ހެއްޔެވެ؟ ހުރިހައި ކަމެއް ލިބި ނިމުނީނޫން ހެއްޔެވެ؟ ހިތާމައަކީ މިއަދު ގިނަ ބައަކަށް އެކަން ނުވިސްނޭ ކަމެވެ.

ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރަން ކުރަންޖެހޭ ކަމަކީ އަޅުކަންކުރުން ގިނަ ކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރުމެވެ. މީސްތަކުންނާއިއެކު އޮންނަ ގުޅުން ބަދަހިކުރުމުން ﷲ ތަޢާލާ އާއ ތިމާގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެން އެދަނީ އެކަމަކީ ކިހައި މަތިވެރިކަމެއް ވީމައިހެއްޔެވެ؟ އެހެންކަމާއިއެކުވެސް ގިނަ ބައަކަށް މިއުޅެނީ މި މުހިންމު ކަންތަކާއިމެދު ވިސްނައިވެސް ނުލެވިގެންނެވެ.

ދެ ދުނިޔެ ކާމިޔާބުކުރަން ބޭނުންނަމަ މީސްތަކުންނަށް އެހީތެރިވެ، ގުޅުން ބަދަހިކުރަން ސަމާލުކަން ދޭން ޖެހޭނެއެވެ. އެއީ ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުމަށާއި ހަމަ އެއާއިއެކު ﷲ ތަޢާލާ އުފެއްދެވި މީސްތަކުންނާއި ގުޅުން ބަދަހިކުރުމެވެ. މި ދެކަމަކީ ގުޅިލާމެހިފައިވާ ދެކަމެވެ. އެއްވެސް ބައެއް ވަކިކޮށް އުނިކޮށްގެން ނުވާނެއެވެ.

އެހެނީ މީސްތަކުންނަށް ކަމޭ ހިތުމަށާއި އަޅައިލުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. މީސްތަކުންނަށް ކަމޭ ހިތައި އޯގާތެރިވެ ރަޙްމް ކުރުމަށް ވެސް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. އަދި އެކަންކަން ކުރުމުން ސަވާބު ދެއްވަވާނެ ކަމަށްވެސް ވަހީ ކުރައްވަވާފައި އޮތުމުންނެވެ. މިހުރިހައި ކަމަކުންވެސް އެނގިގެންދަނީ މީސްތަކުންނާއި ގުޅުން ބަދަހިކުރަން ޖެހޭނެ ކަމެވެ. ހެޔޮކޮށް ހިތައި އެހީތެރިވާން ޖެހޭނެ ކަމެވެ.

ނިކަން ވިސްނައިބަލާށެވެ! ޖަނަވާރަކަށް އެހީތެރިވެގެން ސުވަރުގެ ދެވުނު ނޫން ހެއްޔެވެ؟ ވީއިރު ގާތް ތިމާގެ މިހަކަށް އެހީތެރިވުމުން ލިބޭނެ ނިޢްމަތްތަކަށް ވިސްނާށެވެ! މައިން ބަފައިންނަށާއި އަނބިދަރިންނަށް އެހީތެރިވެދީފިނަމަ ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތަކަށް ވިސްނާށެވެ!

--މުފްތީ މެންކުގެ ފަރުސްކުން

މިއަދު އޮންލައިން