ފިރިމީހާ ޚަރަދު ނުކުރާނަމަ، ފިރިމީހާއަށް އެއްދާންކޮށްދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 26ސ
ފިރިމީހާ ޚަރަދު ނުކުރާނަމަ، ފިރިމީހާއަށް އެއްދާންކޮށްދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެ!

އަޅުގަނޑުމެން ދެމަފިރިންނަށް 2 ދަރިން ލިބިފައިވެއެވެ. ފިރިމީހާ އުޅެނީ ދެވަނަ އަންތބަކާއި ކައިވެނިކޮށްގެން އޭނާގެ ގާތުގައި ވަރަށް ތަނަވަސްކަމުގައެވެ. އަޅުގަނޑުމެން 3 މައިންގެ މައްޗަށް ދޭ ރުފިޔާކޮޅުން އަޅުގަނޑުގެ އެއްވެސް ބޭނުމެއް ނުފުއްދައި ދަރިންނަށް އެކަނި ޚަރަދުކުރިނަމަވެސް މަހުގެ 10 އަށްވެސް ނާރަނީސް ރުފިޔާކޮޅު ހުސްވެއެވެ. ދެންޖެހެނީ ސަލާންޖަހައި މީހުންނަށް އާދޭސްކޮށްގެން ކަންކަންކުރާށެވެ. ނަމަވެސް ފިރިމީހާ އެއްދާންކުރަން ބޭނުންވުމުން އާދެއެވެ. އޭނާއަށް އެކަންކޮށްދޭން އަޅުގަނޑަށް ޖެހޭނެތޯއެވެ؟" 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ. 

ކައިވެންޏަށްފަހު، ފިރިމީހާ އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިމީހާ އަދާކުރަންޖެހޭ އަނބިމީހާގެ ޙައްޤެކެވެ. އެއީ ފިރިމީހާގެ ވާޖިބެކެވެ. އެކަން ނުކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެއެވެ. ފިރިމީހާ އަނބިމީހާގެ މައްޗަށް ވާ ޤައްވާމެއް (ބެލެހެއްޓުމުގެ ބާރު ލިބިގެންވާ މީހެއް) ކަމުގައި ވެފައިވާ އެއްސަބަބަކީވެސް އޭނާ އޭނާގެ ފައިސާއިން އަނބިމީހާގެ މައްޗަށް ހޭދަކުރުމެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ) النساء/ 34 

މާނައީ: "ފިރިހެނުންނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ."

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا) الطلاق/7 . 

މާނައީ: "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާށެވެ. އަދި އެމީހެއްގެ ރިޒުޤު ދަތިވެގެންވާ މީހާ، ފަހެ، އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ. އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، ﷲ ލައްވާނެއެވެ." 

عَنْ مُعَاوِيَةَ الْقُشَيْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : قُلْتُ : يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : ( أَنْ تُطْعِمَهَا إِذَا طَعِمْتَ ، وَتَكْسُوَهَا إِذَا اكْتَسَيْتَ ، وَلَا تَضْرِبْ الْوَجْهَ ، وَلَا تُقَبِّحْ ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ) رواه أبو داود ( 2142 ) ، وابن ماجه ( 1850 ) ، وصححه الألباني في ” صحيح أبي داود“. 

މުޢާވިޔާ އަލް ޤުޝައިރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. އަހަރެން ބުނީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ މައްޗަށް ވާ އަނބިމީހާގެ ޙައްޤަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. "ތިބާ ކައިގެން ހުރިއްޔާ އޭނާއަށް ކާންދިނުމާއި، ތިބާ އުނުފޭރާން ލައިގެން ހުރިއްޔާ އޭނާއަށް އުނުފޭރާން ދިނުމާއި، އޭނާގެ މޫނުގައި ނުޖެހުމާއި، އަދި އޭނާއާ ދިމާލަށް ހަޑިހުތުރު ބަސް ނުބުނުމާއި ގޭތެރޭގައި ނޫންގޮތަކަށް އޭނާއާ ގުޅުން ކަނޑާނުލުމެވެ."

ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދުނުކުރާނަމަ، އަނބިމީހާއަށް އޭނާއާ ވަކިވުން ނުވަތަ އެކަމަށް ކެތްތެރިވެގެން ހުރުން، މި ދެގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ.

ފިރިމީހާ ޚަރަދު ނުކުރަނީ އޭނާގެ ދަހިވެތިކަމުން، ނުވަތަ މުށްބާރުކަމުން، ނުވަތަ އަތްމަތި ދަތިކަމުން ކަމުގައިވިޔަސް ނުވަތަ އެހެން ސަބަބަކާ ހެދި ކަމުގައިވިޔަސް، އަނބިމީހާ، ކެތްތެރިވެގެން ހުންނަން އިޚްތިޔާރުކުރި ނަމަވެސް، ފިރިމީހާ ޚަރަދު ނުކުރާނަމަ، ފިރިމީހާއަށް އެއްދާންކޮށްދިނުން އަނބިމީހާގެ މައްޗަށް ލާޒިމެއް ނުވާނެއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ޚަރަދަކީ އެއީ އަރާމު ލިބިގަތުމުގެ ބަދަލުގައި ދޭ އެއްޗެކެވެ. އެ ބަދަލު ނުދޭނަމަ އަރާމު ލިއްބައިދިނުން އަނބިމީހާއަށް ހުއްޓާލެވިދާނެއެވެ. 

(ބައްލަވާ ” المهذب في فقه الإمام الشافعي ” (3 / 155) )

އެކަމަކު ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ޚަރަދު ނުކުރެވޭ ކޮންމެ ޙާލަތަކީ އެއްދާންކުރުމުން އެއްކިބާވާ ޙާލަތަކަށް ހެދުން ރަނގަޅެއް ނޫނެވެ. މިކަމުގައި ފިރިމީހާގެ ޙާލަތަށް ބަލަންޖެހޭނެއެވެ.

ޚުލާސާއަކީ، ފިރިމީހާ އަނބިމީހާގެ މައްޗަށް ޚަރަދު ނުކުރާނަމަ، އެއްދާންކުރުމުން އެއްކިބާވެވިދާނެއެވެ. ނުވަތަ ވަރިއަށްވެސް އެދެވިދާނެއެވެ. ނުވަތަ ކެތްތެރިވެގެން ހުރުމުގެ އިޚްތިޔާރުވެސް އަނބިމީހާއަށް ލިބިގެންވެއެވެ. 

ޝައިޚް މުޙައްމަދު ޝާފިޢު

މަރްޖިޢު:  https://islamqa.info/ar/145722

މިއަދު އޮންލައިން