ސައިފުﷲ ޚާލިދު ބުނުލް ވަލީދު 1: ނަންފުޅާއި ނަސަބުފުޅު

ކިޔުމަށް ހޭދަވާނީ 9މ 33ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 1: ނަންފުޅާއި ނަސަބުފުޅު

ޢަލީ އިޙްޞާން ފިރާޤް

 

ނަންފުޅާއި ނަސަބުފުޅު

އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރު سيف اللّـه خالد بن الوليد رضى اللّـه عنــه އަކީ، މަޚްޒޫމުވަންހައިގެ ބޭކަލެކެވެ. މަޚްޒޫމުވަންހައަކީ، ޤުރައިޝުންގެ މަތިވެރި ޚާންދާނުތަކުގެ ތެރޭގައި ހިމެނޭ ވަރުގަދަ ޚާންދާނެކެވެ. ބައްޕާފުޅަކީ، އެވަންހައިގެ ރައީސްކަމުގައި ހިމެނުނު وليد بن المغيرة އެވެ.  މައިކަނބަލުންނަކީ، ހިލާލުވަންހައިގެ ބޭކަނބަލެއްކަމުގައިވާ لبابة الصغرى بنت الحارث އެވެ.

خالد بن الوليد رضى اللّـه عنــه ގެ ބަފައިފުށުގެ ކާފައިކަލުން المغيرة بن عبد الله އަކީ ތާރީޚުގައި ފާހަގަ ކުރެވޭ ޝަޚްޞިއްޔަތެކެވެ. އޭނާގެ ދަރިކަލުން أبو أمية بن المغيرة އަކީ މައްކާގައި ދީލަތިކަމަށް މަޝްހޫރު ބޭކަލެކެވެ. ދަތުރަކު ނިކުމެވަޑައިގެންފިނަމަ، އެދަތުރެއްގެ އެންމެހައި ބައިވެރިންނަށް ކާންބޯންދެއްވަނީ ޚުދު އޭނާއެވެ. މިކަމުގެ ސަބަބުން އޭނާގެ ނަން زاد الركب ގެ ނަމުން މަޝްހޫރުވެގެންވެއެވެ. أبو أمية بن المغيرة އަކީ خالد بن الوليد رضى اللّـه عنــه ގެ ޙަޤީޤީ ބޮޑުބޭބޭފުޅެކެވެ. 

أبو أمية بن المغيرة އަކީ ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުން أمّ المؤمنين السّيّدة أمّ سلمة  رضى اللّـه عنــها ގެ ބަފައިކަލުންނެވެ. އެހެންކަމުން خالد بن الوليد رضى اللّـه عنــه އާއި أمّ المؤمنين السّيّدة أمّ سلمة  رضى اللّـه عنــها އަކީ ދެބެއިންގެ ދެދަރިދެބޭފުޅުންނެވެ.

خالد بن الوليد رضى اللّـه عنــه ގެ ކާފައިކަލުން المغيرة بن عبد الله އަކީ، މުސްލިމުންގެ ދެވަނަ ޚަލީފާ أميرالمؤمنين عمر بن الخطّاب رضى اللّـه عنه ގެ މުނިކާފާފުޅެކެވެ. އެހެނީ عمر بن الخطّاب رضى اللّـه عنه ގެ މައިކަނބަލުން حنتمة ގެ ބަފައިކަލުން هاشم އަކީ المغيرة ގެ ދަރިކަލެކެވެ. خالد بن الوليد رضى اللّـه عنــه އާއި عمر بن الخطّاب رضى اللّـه عنه ގެ މައިކަނބަލުން حنتمة އަކީ ދެބެއިންގެ ދެދަރިދެބޭފުޅުންނެވެ. މިދެންނެވި ނަސަބުފުޅަށް ބަލާއިރު، ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އަނބިކަނބަލުން أمّ المؤمنين السّيّدة حفصة رضى اللّـه عنــها ގެ ހޫރުކާފާފުޅަކީ،المغيرة بن عبد الله އެވެ. أمّ المؤمنين السّيّدة حفصة رضى اللّـه عنــها އަކީ، أميرالمؤمنين عمر بن الخطّاب رضى اللّـه عنه ގެ ދަރިކަނބަލެކެވެ.

خالد بن الوليد رضى اللّـه عنــه ގެ މައިފުށުގެ ނަސަބުފުޅަކީވެސް ވަރަށް ފާހަގަކޮށްލެވޭ ނަސަބުފުޅެކެވެ. އެކަލޭގެފާނުގެ މައިފުށުގެ ބޮޑުދައިތައިންގެ ތެރެއިން ދެބޭކަނބަލަކަށް "އުއްމުލް މުއުމިނީން" ގެ ޝަރަފު ލިބިވަޑައިގެންފައިވެއެވެ. އެގޮތުން خالد ގެފާނުގެ މައިކަނބަލުންގެ އެއްބަނޑު އުޚްތެއްކަމުގައިވާ زينب بنت خزيمة رضى اللّـه عنــها އާ ނަބިއްޔާ صلّى اللّـه عليه وسلّم  ކާވެނިފުޅު ބައްލަވައިގަތީ ހިޖުރައިން އެއްތިރީސްވަނަ މައްސަރުގައެވެ. އެމާތް ދެކަނބަލުންގެ ކާވެނިފުޅަށް އަށެއްކަ މަސްދުވަސްވީތަނާ أمّ المؤمنين السّيّدة زينب بنت خزيمة رضى اللّـه عنــها ފުރައުއްތަވެއްޖެއެވެ.

ދެން ނަބިއްޔާ ޢުމްތަރުލް ޤަޟާއަށް ވަޑައިގެން خالد بن الوليد رضى اللّـه عنــه ގެ މަންމާފުޅާ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އާ ކާވެނި ބައްލަވައިގެންނެވިއެވެ. خالد بن الوليد رضى اللّـه عنــه ގެ ބޮޑުދައިތާފުޅުން ގެ ތެރެއިން أمّ الفضل (لُبَابَة الكُبْرى ) رضى اللّـه عنــها އާ ކާވެނި ބައްލަވައިގެން އުޅުއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު عبّاس بن عبدالمطّلب رضى اللّـه عنــه އެވެ.

މީގެ އިތުރުން خالد ގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅު أسماء بنت عميس رضى اللّـه عنــها އަކީ އިސްލާމީ ތާރީޚުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯއްދަވާފައިވާ ބޭކަނބަލެލެވެ. އެކަމަނާއަކީ، خالد ގެފާނުގެ މައިކަނބަލުން لبابة الصغرى بنت الحارث ގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާއާ އެންމެ ފުރަތަމަ ކާވެނިފުޅު ބެއްލެވީ، جعفر بن أبي طالب رضى اللّـه عنــه އެވެ. ހިޖުރައިން ނުވަވަނަ އަހަރު ކުރެވުނު މުއުތާ ހަނގުރާމައިގައި جعفر ٱلطَّيَّار رضى اللّـه عنــه ޝަހީދުވެވަޑައިގެންނެވިއެވެ. އޭގެ ފަހުން أسماء بنت عميس رضى اللّـه عنــها އާ ކާވެނި ބައްލަވައިގެންނެވީ މުސްލިމުންގެ ފުރަތަމަ ޚަލީފާ أبو بَكر الصّدِّيق رضى اللّـه عنــه އެވެ. ހިޖުރައިން 13 ވަނަ އަހަރުގެ ތެރޭގައި އެކަލޭގެފާނު ފުރައުއްތަވެވަޑައިގެންނެވުމުން السّيّدة أسماء އާ ދެން ކާވެނި ބައްލަވައިގެންނެވީ ހަތަރުވަނަ ޚަލީފާ علي بن أبي طالب رضى اللّـه عنــه އެވެ.

سَيِّدُ الشُّهَدَاء حمزة بن عبد المطّلب رضى اللّـه عنــه، ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވި أروى بنت عميس އަކީވެސް خالد ގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅެކެވެ. ބައެއް ރިވާޔަތްތަކުގައި އެކަމަނާގެ ނަންފުޅު سَلْمَى بنت عُمَيْس ކަމަށްވެސް އައިސްފައި ހުރެއެވެ.

އިސްވެދެންނެވި ފަދައިން، خالد بن الوليد رضى اللّـه عنــه ގެ މައިފުށުގެ ބޮޑުދައިތާފުޅުންތައް ކާވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ އިސްލާމްދީނުގެ ނުހަނު ވަރުގަދަ ޝަޚްޞިއްޔަތުތަކަކާއެވެ. އެހެންކަމުން خالد ގެފާނުގެ މައިފުށުގެ މާމާފުޅު هندٌ بنتُ عوف ތާރީޚު ލިޔުންތެރިން ފާހަގަ ކުރަނީ އެންމެ ރަނގަޅު ދަނބިދަރިންތަކެއް ލިބިވަޑައިގެންނެވި އަންހެންބޭފުޅާގެ ގޮތުގައެވެ... 

 

ނުނިމޭ

 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން