ސައިފުﷲ ޚާލިދު ބުނުލް ވަލީދު 4: މުސްލިމުންގެ ތިން އަމީރުން ޝަހީދުވުމުން މުއުތާ ހަނގުރާމައިގަ އަމިއްލަފުޅަށް އަމީރަކަށްވެ، ކާމިޔާބު ހޯއްދަވައިދެއްވި ގޮތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 32ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 4: މުސްލިމުންގެ ތިން އަމީރުން ޝަހީދުވުމުން މުއުތާ ހަނގުރާމައިގަ އަމިއްލަފުޅަށް އަމީރަކަށްވެ، ކާމިޔާބު ހޯއްދަވައިދެއްވި ގޮތް

ޢަލީ އިޙްޞާން ފިރާޤް

 

މުއުތާ ހަނގުރާމަ

މުއުތާ ހަނގުރާމައަކީ، ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި މުސްލިމުން ކުރި އެންމެ ވަރުގަދަ އެއް ހަނގުރާމައެވެ. އެންމެ ގިނަ ލޭއޮހެރުންތައް ހިނގި ހަނގުރާމައެވެ. މި ހަނގުރާމަ ވެގެންދިޔައީ، ނަޞާރާއިންގެ ރައްތައް ފަތަޙަ ކުރުމުގެ ފެށުން ކަމުގައެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން 8 ވަނަ އަހަރުގެ ޖުމާދުލްޢޫލާމަހުގެ ތެރޭގައެވެ. މުއުތާއަކީ، ސީރިޔާގެ ބޯޑަރު ސަރަޙައްދުގައިވާ ރަށެކެވެ.

މުއުތާ ހަނގުރާމަ ހިނގަން މެދުވެރިވި ސަބަބަކީ، ބުސްރާގެ ރަސްގެފާނަށް، ކައުސާހިބާ صلّى اللّـه عليه وسلّم ދެއްވި ފަތްކޮޅު ރައްދުކޮށްދެއްވަން ފޮނުއްވި ޞަޙާބީ الحارث بن عمير الأزدي رضى اللّـه عنــه ، ޝަހީދުކޮށްލުމެވެ. އެކަލޭގެފާނު ވަޑައިގެން މަގުމަތީގައި، ރޫމްގެ ޤައިޞަރުގެ ފަރާތުން ސާމުކަރައިގެ ބަލްޤާގައި ހުންނަ ގަވަރުނަރު، شرحبيل بن عمرو الغساني އެކަލޭގެފާނު ހިފެހެއްޓިއެވެ. އަދި އެކަލޭގެފާނު ވަރުގަދައަށް ތަނެއްގައި އައްސައި، އެކަލޭގެފާނު ޝަހީދުކޮށްލިއެވެ.

ވެރިކަމުގެ ފަރާތުން ސިޓީ އާއި މެސެޖް ފޯރުކޮށްދޭ ރަސޫލުންނާއި ސަފީރުން ޤަތުލު ކުރުމަކީ ވަރަށް ބޮޑު ކުށެކެވެ. އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. ބޮޑު ޖަރީމާއެކެވެ. އެއީ ފާޅުގައި ބަޔަކާމެދު ހަނގުރާމަ އިއުލާން ކުރުންފަދަ ކަމެކެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އަށް މި ޚަބަރު ލިބިވަޑައިގެންނެވުންވީ އެކަލޭގެފާނަށް ވަރަށް ބޮޑު ސިހުމަކަށެވެ. ފުން ހިތާމައެއް ލިއްބައިދިން ކަމަކަށެވެ. އެކަލޭގެފާނު ހަމަ ވަގުތުން ތިން ހާސް މީހުންގެ ލަޝްކަރެއް ތައްޔާރުކުރައްވައި، އެބައިމީހުންނާ ހަނގުރާމަ ކުރުމަށް ފޮނުއްވިއެވެ. މި ލަޝްކަރަކީ، އަޙްޒާބު ހަނގުރާމައަށްފަހު، ތައްޔާރު ކުރެވުނު އެންމެ ބޮޑު ލަޝްކަރެވެ.

ނަބިއްޔާ صلّى اللّـه عليه وسلّم  މުއުތާގެ ހަނގުރާމައަށް ފޮނުވުނު ލަޝްކަރުގެ އަމީރަކަށް ހެއްދެވީ زيد بن حارثة رضى اللّـه عنــه އެވެ. އެކަލޭގެފާނު ޝަހީދުވެއްޖެނަމަ، ދެން އަމީރަކަށް ހަމަޖެއްސެވީ جعفر بن أبي طالب رضى اللّـه عنــه އެވެ. އެކަލޭގެފާނު ޝަހީދުވެއްޖެނަމަ، عبد الله بن رواحة رضى اللّـه عنــه ލަޝްކަރުގެ އަމީރަކަށް ހަމަޖެއްސެވިއެވެ. ހުދު ކުލައިގެ ދިދައެއް ޢަޤުދުކޮށްދެއްވައި، زيد بن حارثة رضى اللّـه عنــه ގެ އަތްޕުޅަށް ދެއްވިއެވެ.

ނަބިއްޔާ صلّى اللّـه عليه وسلّم  ދެއްވި ފަތްކޮޅު ރައްދުކޮށްދެއްވަން ފޮނުއްވި ޞަޙާބީ الحارث بن عمير الأزدي رضى اللّـه عنــه  ޝަހީދުކުރެވުނު ތަނަށް މުސްލިމުންގެ ލަޝްކަރު ދިޔުމަށް ނަބިއްޔާ އެންގެވިއެވެ. އެތަނުގައި އެބައިމީހުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވުމަށް އެންގެވިއެވެ. އެބައިމީހުން އީމާންވެއްޖެނަމަ އެއްވެސް ހަނގުރާމައެއް ނޯންނާނެ ކަމަށްވެސް އެންގެވިއެވެ. އެބައިމީހުން އިންކާރުކޮށްފިނަމަ، އެބައިމީހުންނާ ހަނގުރާމަ ކުރުމަށް އެންގެވިއެވެ.

އިސްލާމީ ލަޝްކަރު ދަތުރު ކުރަމުންގޮސް، ޝާމުކަރައިގެ އުތުރުގައިވާ މުޢާން އޭ ކިޔުނު ހިސާބަށް ފޭބުމާއެކު ބިރުވެރިކަމުން ފުރިގެންވާ ޚަބަރެއް ލިބުނެވެ. އެއީ ހިރަޤުލު މުސްލިމުންނާ ދެކޮޅަށް އެއްލައްކަ މީހުންގެ ލަޝްކަރެއް ތައްޔާރު ކުރި ޚަބަރެކެވެ. ކޮންމެއަކަސް މުސްލިމުންގެ ލަޝްކަރު ދަތުރު ކުރަމުންގޮސް، މުއުތާގެ މައިދާނުގައި ލަޝްކަރު ރުކުރުވާލިއެވެ. ހަނގުރާމައަށް ތައްޔާރުވެ، ސަފުތައް ތަރުތީބު ކުރިއެވެ.

ހަނގުރާމަ ފެށުމާއެކު މުސްލިމުންގެ އަމީރަކަށްފަހު އަމީރެއް ޝަހީދުވަމުން ގޮސް ނަބިއްޔާ އެންމެ ފަހުން ކަނޑައެޅުއްވި އަމީރު عبد الله بن رواحة رضى اللّـه عنــه ވެސް ޝަހީދުވެއްޖެއެވެ. ދެން މުސްލިމުންގެ ލަޝްކަރުގެ އަމީރެއްކަމުގައި ހަމަޖެހިގެންދިޔައީ، سيف اللّـه خالد بن الوليد رضى اللّـه عنــه އެވެ. ހެވިކަމުގައި އެކަލޭގެފާނުގެ ކުޅަދާނަފުޅުކަމާއި، ހިތްވަރުފުޅު ގަދަކަމަކީ އެކަކަށްވެސް ވަންހަނާވެވިގެންވާނެ ކަމެއް ނޫނެވެ. 

އިމާމު ބުޚާރީ ރިވާކުރައްވާ ގޮތުގައި މުއުތާގެ ދުވަހު އެކަނި އެކަލޭގެފާނުގެ އަތްޕުޅުންވަނީ ނުވަ ކަނޑިކޮޅު ބިންދައިގެން ގޮސްފައެވެ. އަމީރުކަން سيف اللّـه خالد بن الوليد رضى اللّـه عنــه އަށް ލިބިވަޑައިގެންނެވުމާއެކު، އެކަލޭގެފާނު ލަޝްކަރު އަލުން އިންތިޒާމު ކުރެއްވިއެވެ. ލަޝްކަރުގެ ކަނާތްފަޅި ވާތްފަރާތަށް، އަދި ވާއަތްފަޅި ކަނާތްފަރާތަށް ބަދަލުކޮށްލެއްވިއެވެ. ކުރިއާއި ފަހަތްވެސް ބަދަލުކޮށްލެއްވިއެވެ. މިގޮތަށް ކަންތައް ކުރުމުން ރޫމީންގެ ލަޝްކަރަށް މުސްލިމުންގެ ލަޝްކަރު ސިފަވެގެން ދިޔައީ އިހުނަށްވުރެ މީސްގިނަކޮށެވެ. އެތަން ފެނި އެބައިމީހުންގެ ހިތްތަކަށް ސިހުން ލިބި ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

خالد بن الوليد رضى اللّـه عنــه ގެންދެވީ ލަޝްކަރުގެ އިންތިޒާމު ވަރުގަދަ ކުރުމަށްޓަކައި، ލަޝްކަރު ކުޑަކޮށް ފަހަތަށް ސަހަރާތެރެއަށް ޖައްސަވަމުންނެވެ. އެތަން ފެނުމުން ދުޝްމިނުންގެ މީސްތަކުން ހީކުރީ މުސްލިމުން އުޅެނީ ކެހިވެރި ރޭވުމެއް ރާވައިގެން އެބައިމީހުން ސަހަރާ ތެރެއަށް ނެރެ ވަރުގަދަ ހަނގުރާމަ ކުރާން ކަމަށެވެ. ކެއްސެއް ދޭން ކަމަށެވެ. އެހެން ހިތައި، އެބައިމީހުން ދިޔައީ ރަށުތެރެއާ ވީ ފަރާތަށް ޖެހެމުނެނެވެ. ދުޝްމިނުންގެ ލަޝްކަރު މިގޮތަށް ފެއަށް ޖެހެމުން ގޮސް، ހަނގުރާމަ ނިމިގެންދިޔައީއެވެ. 

{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 383-385}

މިދެންނެވުނު މުއުތާގެ ހަނގުރާމައަކީ، ދުޝްމިނުންނާ ދެކޮޅަށް خالد بن الوليد رضى اللّـه عنــه އެންމެ ފުރަތަމަ ވަރުގަދަ ރޯލެއް ތަމްސީލުވެވިގެންދިޔަ ހަނގުރާމައެވެ. އެ ހަނގުރާމައިގައި މުސްލިމުންނަށް އެހައި ބޮޑުލަޝްކަރެއްގެ ކުރިމަތީގައި ފައިތިލަ ސާބިތުކޮށްލެވުނީ، خالد بن الوليد رضى اللّـه عنــه ގެ ގެންގުޅުއްވި ހަނގުރާމައިގެ މޮޅު އުކުޅުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ޙިކުމަތްތެރިކަމުގެ ސަބަބުންނެވެ.

....ނުނިމޭ.....

 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން