ޢަލީ އިޙްޞާން ފިރާޤް
މައްކާ ފަތަޙަ ކުރެއްވުން
މައްކާ ފަތަޙަ ކުރެއްވުމުގައި خالد بن الوليد رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ. މުސްލިމުންގެ ލަޝްކަރުގެ ކަނާތްފަރާތުގެ އަރިމައްޗަށް ނަބިއްޔާ صلّى اللّـه عليه وسلّم ލެއްވީ خالد بن الوليد رضى اللّـه عنــه އެވެ. ލަޝްކަރުގެ އެފަރާތުގައި ތިބީ، އަސްލަމްވަންހަ، ސުލައިމް، ޣިފާރު، މުޒައިނާ އަދި ޖުހައިނާ ޤަބީލާގެ މީސްތަކުންނެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އެބޭކަލުންނަށް ވަޞިއްޔަތް ކުރައްވާފައިވަނީ، މުސްލިމުންގެ ލަޝްކަރަށް ހުރަސްއަޅައިފި މީހަކު ނަމަ ޤަތުލު ކުރުމަށެވެ. ހަމައެކަނި ނަފްސުގެ ދިފާއުގައި މެނުވީ ހަތިޔާރު ނުއުފުލުމަށެވެ.
خالد بن الوليد رضى اللّـه عنــه އެކަލާގެފާނުގެ އަރިހުގައިވާ މުސްލިމުންނާއެކު މައްކާއަށް ވަދެވަޑައިގެންނެވުނީ ކޮންމެވެސް ވަރަކަށް ލޭއޮހޮރުވުމާއެކުގައެވެ. މިކަންތައްގަނޑުގެ ތެރޭގައި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި މުސްލިމު ދެބޭކަލަކު ޝަހީދުވިއެވެ. އަދި މުޝްރިކުންގެ ތެރެއިން ބާރަ މީހުން ޤަތުލުވިއެވެ.
{ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 393}
ޣަޒުވާތަކާއި، ސަރިއްޔާތައް:
މައްކާ ފަތަޙަ ކުރެއްވުމަށްފަހު، ނަޚްލާގައިވާ އަލް ޢުއްޒާ އޭ ކިޔުނު ބުދު މުގުރާލެއްވުމަށްޓަކައި ނަބިއްޔާ صلّى اللّـه عليه وسلّم ، خالد بن الوليد رضى اللّـه عنــه އެތަނަށް ފޮނުއްވިއެވެ. އެއީ، ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ. އެކަލޭގެފާނާއެކު ތިރީސް އަސްވާރުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން އެބުދު ތަޅާލައްވައި ކުދިކުދި ކުރެއްވިއެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންވެމުން ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަލޭގެފާނު އެތަނުން އެއްވެސް ކަމެއް ދެކެވަޑައިގެންނެވީމުތޯއެވެ؟ خالد ގެފާނު ދެންނެވިއެވެ. [ނޫނެކެވެ] ޙަދީޘް ކުރެއްވިއެވެ. [އެހެންވިއްޔާ އަދި ޢުއްޒާ މުގުރައެއް ނުލެވެއެވެ. ވަޑައިގެން އެކަންތައް ފުރިހަމަކުރައްވާށެވެ.] ދެން خالد ގެފާނު އެތަނަށް ވަޑައިގެންނެވުމުން ފެނިވަޑައިގެންނެވީ ބޯހާވައިލައިގެން ހުރި ކަޅު އަންހެނެކެވެ. خالد ގެފާނު އޭނާގެ ގައިގައި ޖެއްސެވި ޖެއްސެވީނުން ދެފަޅިކޮށްލެއްވިއެވެ. އެއަށްފަހު، ވަޑައިގެން ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެވާހަކަ ވިދާޅުވެ ދެއްވިއެވެ. ދެން ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޢުއްޒާ މިހާރު މުގުރާލެވިއްޖެއެވެ.]
{ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 399}
ހަމަ ހިޖުރައިން 8 ވަނަ އަހަރުގެ ތެރޭގައި، ބަނީ ޚުޒައިމަތުގެ ބަދަވީންނަށް އިސްލާމްދީނަށް ގޮވައިލެއްވުމަށް خالد ގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނާއެކު މުހާޖިރުންނާއި އަންޞާރުންނާއި، ބަނީ ސުލައިމުގެ މީސްތަކުންގެ ތެރޭގައި ހިމެނޭ 350 މީހުން ފޮނުއްވިއެވެ. އެކަލޭގެފާނު ވަޑައިގެން އެބައިމީހުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވުމުން އެބައިމީހުން ދެންނެވިއެވެ. [ތިމަންމެންގެ ދީން ތިމަންމެން ދޫކޮށްލައިފީމުއެވެ.] ދެން، خالد ގެފާނު އެބައިމީހުންގެ އެއްބަޔަކު ޤަތުލުކުރައްވައި، އަނެއްބަޔަކު ހައްޔަރު ކުރުމަށް އެންގެވިއެވެ. ހައްޔަރު ކުރެވުނު މީސްތަކުންވެސް ޤަތުލު ކުރުމަށް އެކަލޭގެފާނު އެންގެވިއެވެ. ނަމަވެސް އެކަލޭގެފާނާއެކު ތިއްބެވި ބައެއް ބޭކަލުން އެކަމާ ދެކޮޅު ހެއްދެވިއެވެ.
މިހިނގައިދިޔަ ލޭއޮހޮރުވުމުގެ ޚަބަރުތައް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އަދި އަތްޕުޅު ނަންގަވައި ދުޢާފުޅު ކުރެއްވިއެވެ. [خالد އެއްކުރެއްވި ކަމުން މިއަޅާ ބަރީއަވެގެންވަމެވެ.] މިހެން ދެ ފަހަރު ވިދާޅުވެ ދުޢާފުޅު ކުރެއްވިއެވެ. ހަމައެވަގުތުމެ، ނަބިއްޔާ صلّى اللّـه عليه وسلّم އެބައިމީހުންގެ އަރިހަށް ޢަލީގެފާނު ފޮނުއްވައި އެބައިމީހުންގެ ތެރެއިން ޤަތުލުވީ މީހުންގެ މަރުގެ ދިޔަ ދެއްވައި، ގެއްލުމުގެ ބަދަލު ދެއްވިއެވެ.
{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 400}.
....ނުނިމޭ.....
- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް