ޤިޔާމަތުގެ ވާހަކަ 38: ދުނިޔެ މަޙްޝަރަށް ގެނެވޭހުށީ، ވަރަށް ހުތުރު މުސްކުޅި ޢަޖޫޒު އަންހެނެއްގެ ސިފައިގަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 19ސ
ޤިޔާމަތުގެ ވާހަކަ 38: ދުނިޔެ މަޙްޝަރަށް ގެނެވޭހުށީ، ވަރަށް ހުތުރު މުސްކުޅި ޢަޖޫޒު އަންހެނެއްގެ ސިފައިގަ-

ދުނިޔެ محشر އަށް ގެނެވޭހުށީ، ވަރަށް ހުތުރު މުސްކުޅި عَجُوُزُ އަންހެނެއްގެ ސިފައިގައެވެ. މީސްތަކުންނަށް ގޮވައިލެވެނެޔޭ. މިހިރަ އަންނަ عَجُوزُ ކަނބުލޭގެ އިބުރެމެން ދަނޭހެއްޔެވެ މީސްތަކުން ގޮވާހުއްޓޭ ނޫނެކޭ ނޫނެކޭ نَعُوْذُ بِاللهِ مِنْهَا އެވެ. ދެން މީސްތަކުންނަށް ނިދާ އިއްވެވޭނެޔޭ، އެކަމަކު ތިޔަބައިމީހުން حسد ވެރިވެ ރުޅިއައިސް އަރައިރުންވެ އުޅުނީ އެމައްޗަށެވެ. ހުކުރު محشر އަށް އަންނަހުށީ އައު ކާވެނީގެ  އަންހެން ކުއްޖާ ފަދައިންނެވެ. އެއިގެ ވަށައިގެން مؤمن ތަކުން އެއްވެގެން އުޅޭ ހުއްޓެވެ. އެއިގެ أهل ވެރީންނާއި މެދުގައި شَفَاعَة ތެރިވެ އެންމެން ގޮވައިގެން ސުވަރުގެ ވަދެދާ ހުއްޓެވެ. 

އޭމާތްވެގެންވާ أخ އާއެވެ. އަރަހުށި މާތްރަސްކަލާނގެ رَحْمَة ގެ ތަނަވަސްކަމުގެ ބޮޑުކަމަށް ބަލާށެވެ. ކީރިތި قرآن އާއި، إسلام دين އާއި، ހުކުރާއި މިފަދަ ތަކެތި އެއިގެ أهل ވެރީންގެ مَنْفَع އަށްޓަކައި صُوْرَة صُوْرَة ގައި ނެރުއްވައި رَحْمَةލައްވަނީ އެވެ. قرآن އަކީ جَبَرُوتيَّ އެއްޗެކެވެ. إسلام دين އަކީ مَلَكُوتِيَّ އެއްޗެކެވެ. ނަމާދު ރޯދަ ކެއްތެރިކަން މިހިރީ ހައްތާވެސް مَلَكُوتِيَّ ތަކެއްޗެވެ. އިންސާނުންގެ نفس ތަކީ މަރުވުމުން ފަނާވެދާ އެއްޗެއް ކަމުގައިވާ ކަމަށް ހީކޮށް ގެއްލިފައި ތިބެގެން ޒާތްޒާތަށް ވާހަކަ ދައްކާމީހުންގެ ވަސްވާހަށް ނުހެއްލޭށެވެ.

އެފަދަ ބަސްތަކުގެ މައްޗަށް ރައްދުކުޅައުމުގައި، އަހުރެމެން ވަރަށްގިނަފޮތްފޮތުގައި ވަރަށް ގިނަވާހަކަތައް ދައްކައިފައި ހުންނާނެއެވެ. އެވާހަކަ ދެއްކުމަކީ ވަރަށްގިނަ علم ތަކަށް ބޭނުންވެގެންވާ ކަމެކެވެ. އެ علم ތަކުގެ މައްޗަށް ހެއިއަރުވައި އަހުރެމެން މިފޮތުގައި ވާހަކަ ނުދެއްކިއެއްކަމަކު ކިތަންމެ ފޮތެއްގައި ހުންނާނީ ދައްކާފައެވެ. 

މިފޮތުގައި އަހުރެމެން قصد ކޮށްފައިވަނީ آخرة ދުވަހާއި މެދުގައި ، ހުންނާންވީ صَحَّ اِعْتِقَاد ތައް سنّة جَمَاعَة ގެ أَهْلُ ވެރީންގެ މަގުންވާހައި ކުރުކޮށް އާދައިގެ މީހުނަށް އުނދަގޫ ނުވާނޭ މިންވަރުން ދައްކައިލުމަށެވެ. 

ދެން ތެދުނިޔަތުގައި މިމިންވަރު ދެނެގެން އިންސީން شَيْطَان ތަކުން دين ގެ شَرِيعة ގެމައްޗަށް އުކާ ކިލަނބު ހިރަފުސް ތަކަށް ނުހެއްލި ސަލާމަތުން ހުރެގެން آخرة އަށް ދެވޭތޯ ބަލާށެވެ. مؤمن ތަކުންނަށް މާތްރަސްކަލާނގެ ތެދުމަގުދައްކަވައި މުރާދު حَاصل ކުރައްވާނެތެވެ. نَسْئَلُ اللهَ الْعِصْمَةَ وَالتَّوْفِيْقَ بِمَنِّهِ وَكَرَمِهِ آمِيْن، وَحَسْبُنَا اللهُ وَنِعْمَ الْوَكِيْلُ

وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ 

تَمَّتْ

خَاتِمَة الْمتَرجم خَيرِ اِن شَاء الله تَعَالَى

އަރަހުށި اللهُ سُبْحَانَهُ وَتَعَالَى قِيَامَة ދުވަހުގެ ވާހަކަތައް އެސުވާމީންގެ ބާވައިލެއްވި ކީރިތި قرآن ގައި اِجْمَالِى ގޮތަށާއި تَفْصِيلِى ގޮތަށް ބަޔާން ކުރައްވާފައި ވަނީ ކިތަންމެތަނެއްގައެވެ. قرآن ގެ ގިނަ آية ތައްވަނީ آخِرَةُ ގެ ވާހަކައިގައެވެ. ބުނެވޭހައި ވެއެވެ. އެންމެފުރަތަމަ قرآن ގެ ފެށޭކޮޅުމަތީގައި بقرة سورة ފެށޭތާނގައި އެކަލާނގެ ދިންނަވައި سَلاَمَة ކުރައްވާނޭ އަޅުތަކުންގެ ވާހަކަ وَحِى ކުރެއްވި ދެތިން آية ގެ ތެރޭގައިވެސް وَبَلْآخِرَةِ هُمْ يُوْقِنُونَ މިބަސްފުޅު އެއޮތީ ކަނޑައެޅިގެންނެވެ. މިބަސްފުޅުގެ مَعْنى އީ އެއުރެންނީ آخرة ދުވަހަށް يقين ކޮށް ގެންތިބޭ މީހުންނެވެ. އަދި إيْمَان ކަމުގެ ހަ رُكُن ގެ ތެރެއިން އެއް رُكُن އަކީވެސް آخِرَة އަށް إيْمَان ވުމެވެ. 

ފަހެ އަހުރެން މި تَرجَمَة ކުޅަފޮތަކީ ކިތަންމެ ހައިވެސް ރަނގަޅަށް ކީރިތި قرآن ގައި ހުރި މަގާއި صَحَّ حَدِيْث ގައި ހުރިގޮތްތަކާއި ދިމާވާ ގޮތުން ބައްލަވައިގެން إِسْلاَمُ ންގެ سُنَّة جَمَاعَة ގެ ދަންނަބޭކަލުންކުރެ مَشهور ވެގެންވާ ބޮޑު އިމާމަކު، މިބަހީ غَزَالِى إمَامُހައްދަވާފައިވާ ކުރުފޮތެކެވެ. އަހުރެން މިތަރުޖަމާކުޅައުމުގައި އަލަކުން ވާހަކައެއް ނުލަމެވެ. އަދި ހަމަ އެފޮތުގައި ހުރި ހުރިހާ عِبَارَة އެއް ކޮންމެހެން ހަމައެހުރިގޮތަށް لَفْظِى تَرْجَمَة  ކޮށްފައި ބެހެއްޓުމަކަށްވެސް قَصْدُ އެއް ނުކުރަމެވެ، އަދި ކިއެއްތަ ތަރުޖަމާ ކުޅައުމުގައި قَصْدُ ކުޅައީ، އެފޮތުގައި ނަން ގަންނަވައިފައި ހުރި ވާހަކަތަކުގެ عِبَارة ތަކުގެ أصْل އަށް ރައްކައުތެރިވެ ހުރެގެން ދިވެހީންގެ فهم އާއި އެކަށޭނަ ގޮތުން ދިވެހިބަހަށް އަނބުރައިލުމަށެވެ. 

ފަށައިގަތުމަށް توفيق ދެއްވި ފަދައިން ނިންމުމުގެ މައްޗަށްވެސް تَوْفِيق ދެއްވައި، ދަރުމަވަންތަވެ ވޮޑިގެންފިއެވެ. ފަށައިގަތްތާ ސަތާރަދުވަހުން މިނިމުނީއެވެ. اَلْحَمْدُ للهِ

ދެން އަހުރެން އެކަލާނގެ ކިބައިން އެދި ދަންނަވަނީ، އަހުރެންގެ خَاتِمَة ހެޔޮކުރައްވައި، ފުރިހަމަ އީމާންކަމާއި އެކުގައި އެކަލާނގެ حضرة އަށް ގެންދަވައި ނަރަކައިގެ ގިނީން މުއްތި ކުރައްވައި، އިތުރު رَسُولُ اللهِ ގެފާނުންގެ شَفَاعَة ތެރިކަމާއި، އެކަލާނގެ رَحْمَة ން رَحْمَة ލައްވައި، ސުވަރުގޭގައި ލެހެއްޓެވުމެވެ. އަދި މިފޮތުން ދިވެހީންގެ އެންމެނަށް مَنْفَع  ދެއްވުންވެސް އެދެމެވެ. آميننَ

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ وَالْحَمْدُ للهِ رَبِّ الْعَالَمِيْنَ، 

تَحْرِيْرًا فِى آخِرِ أَيَّامِ التَّشْرِيْقِ من  ســــــــــــــــنة 1361 هِجريَّة

12 ربيع الْأَوّل 1377 هـ

7 اكتوبر  1957 م

(މިސިލްސިލާގައި މި ގެނެސްދިނީ ރާއްޖޭގެ މަޝްހޫރު ދީނީ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" އެވެ. 

މިފޮތަކީ 1957 ވަނަ އަހަރު ލިޔުއްވާފައިވާ ފޮތެއްކަމަށްވުމުން މިހާރުގެ ޢިލްމުވެރިން ދެއްވަވާ ފަތުވާތަކާއި ބައެއް ތަފާތު ހުރިނަމަވެސް ޖުމުލަ ގޮތެއްގައި މިފޮތުގައި ހުރީ ހަމަ މިހާރުގެ ޢިލްމުވެރިންވެސް ބަޔާންކުރައްވަވާ ކަންކަމެވެ. އެޒަމާނުގައި ހުރި ދަތިކަންކަމަށް ބަލާއިރު މި ފޮތަކީ ވެސް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ދޫކުރައްވާފައިވާ ވަރަށް އަގުހުރި ޚިދުމަތެއްކަން ފާހަގަކުރަމެވެ. 

އެމަނިކުފާނުގެ ފުރާނަފުޅަށް ﷲ ތަޢާލާ ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވާށި! އާމީން 

މިއަދުނޫހުން މިކުރި މަސައްކަތުން ކިޔުންތެރިންނަށް އަގުހުރި ފައިދާތަކެއް ކުރާނެ ކަމުގެ އުންމީދުކުރަމެވެ. ބޭނުމަކީ ކިޔުންތެރިނަގެ ހިތްތަކުގައި ޤިޔާމަތްދުވަހާއިމެދު ބިރުވެތިކަން އުފައްދަން މަސައްކަތްކުރުމެވެ.

މިއަދު އޮންލައިން