ސައިފުﷲ ޚާލިދު ބުނުލް ވަލީދު 6: މާތް ރަސޫލާ ޞޢވ ގެ ޙަޔާތްޕުޅުގަ ކުރެއްވުނު ބައެއް ޣަޒުވާތަކާ ސަރިއްޔާތަކުގަ ޚާލިދުގެފާނު އަދާ ކުރެއްވި ދައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 26ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 6: މާތް ރަސޫލާ ޞޢވ ގެ ޙަޔާތްޕުޅުގަ ކުރެއްވުނު ބައެއް ޣަޒުވާތަކާ ސަރިއްޔާތަކުގަ ޚާލިދުގެފާނު އަދާ ކުރެއްވި ދައުރު

ޢަލީ އިޙްޞާން ފިރާޤް 

 

މައްކާގެ ފަތަޙައަށްފަހު، ކުރެވުނު ޠާއިފު ހަނގުރާމައިގައިވެސް خالد ގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަނގުރާމައަށް މާތް ރަސޫލާ صلّى اللّـه عليه وسلّم  ވަޑައިގެންނެވުމުގެ ކުރީން، އެއްހާސް ހަނގުރާމަ ވެރިންނާއެކު خالد بن الوليد رضى اللّـه عنــه ޠާއިފަށް ފޮނުއްވިއެވެ. ޠާއިފުގެ ޙިޞާރު ދެމިގެން ގޮސްފައިވަނީ 10 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. 

{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 409}

ނަބިއްޔާ صلّى اللّـه عليه وسلّم  ތަބޫކު ހަނގުރާމައިން އަވަދިވެވަޑައިގެން ދޫމަމަތުލް ޖަންދަލަށް خالد بن الوليد رضى اللّـه عنــه ފޮނުއްވިއެވެ. އެކަލޭގެފާނާއެކު 459 އަސްވާރުން ފޮނުއްވިއެވެ. އެބޭކަލުން ފޮނުއްވީ އުކައިދިރުގެ ގާތަށެވެ. އެއީ ދޫމަތުލް ޖަންދަލްގެ ވެރިޔާއެވެ. ނަބިއްޔާ خالد ގެފާނަށް ޙަދީޘް ކުރެއްވިއެވެ. [ކަލޭގެފާނަށް އޭނާ ދަޅުފީނިފުއްލާ ޝިކާރަކުރާތީ ފެނިވަޑައިގެންނަވާނެއެވެ.]

خالد ގެފާނު ކިއްލާގެ ކައިރިއަށް ވަޑައިގެންނެވިތަނުން ފެނިވަޑައިގެންނެވީ ދަޅުފީނިފުއްލާއެއް އައިސް އޭގެ ދަޅު ކިއްލާގެ ދޮރާށީގައި ކާއްތާ މަންޒަރެވެ. އޭގެ ފަހަތުން އުކައިދިރު އައިސް އޭތި ޝިކާރަކުރަން އުޅޭ މަންޒަރެވެ. އެރެއަކީ ހަނދުވަރުދޭ ސާފުރެއެކެވެ. خالد ގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީސްތަކުން ގޮސް އޭނާ ވަށައިލައި، ހައްޔަރުކޮށްގެން ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އަރިހަށް ގެނައެވެ.

އޭނާ ގެނައުމުން ނަބިއްޔާ صلّى اللّـه عليه وسلّم  އުކައިދިރަށް އަމާން ދެއްވިއެވެ. ދެހާސްޖަމަލާއި، ހަތަރު ސަތޭކަ ދަހަނާއާއި، ހަތަރު ސަތޭކަ ލޮންސި ޖިޒީގެ ގޮތުގައި ދިނުމަށް އެއްބަސްވިއެވެ. މިގޮތުން މުސްލިމުންނާއި ދޫމަތުލް ޖަންދަލުގެ މީސްތަކުންނާވެސް ސުލްޙަވެވިގެން ދިޔައެވެ. 

{ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 430}

މައްކާ ފަތަޙަ ކުރެއްވުމަށްފަހު ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަފުދުތައް އައިސް އިސްލާމްދީން ޤަބޫލުކުރަމުން ގެންދިޔައެވެ. އެގޮތުން ޘަޤީފުވަންހައިގެ މީސްތަކުންވެސް އައިސް އިސްލާމްވިއެވެ. އެބައިމީހުން އަޅުކަން ކުރަމުން ގެންދިޔަ ބުދުކަމުގައިވާ "ލާތަ" މުގުރާލެއްވުމަށް خالد ގެފާނު ވެރިއަކަށް ލައްވައި ކުޑަވަރެއްގެ ލަޝްކަރެއް ފޮނުއްވިއެވެ. މިބޭކަލުންވަޑައިގެން އެ ބުދު ބަހައްޓައިފައިވާ ފައްޅީގެ ފާރުތައް ތަޅައިލައްވައި އެތަން ބިމާ ހަމަކުރެއްވިއެވެ. އަދި އެ ބުދުވެސް ކުދިކުދި ކޮށްލެއްވިއެވެ.

އެބޭކަލުންނަށް އެތަނުން ވަރަށް ގިނަ ގަހަނާތަކަކާއި، ފޭރާންތަކެއް ފެނިވަޑައިގެންނެވިއެވެ. خالد ގެފާނު އެތަކެތި ހިއްޕަވައިގެން ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. ހަމައެދުވަހުމެ، ނަބިއްޔާ صلّى اللّـه عليه وسلّم  އެތަކެތި އެބައިމީހުންގެ މެދުގައި ބައްސަވައި ހުސްކުރެއްވިއެވެ.

{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 448}

ހިޖުރައިން ނުވަވަނަ އަހަރު ކުރެވުނު ތަބޫކު ހަނގުރާމައަށްފަހު، ހަމްދާނުގެ ވަފުދު ނަބިއްޔާ صلّى اللّـه عليه وسلّم ގެ ފައިންޕުޅު ދެކޭންއައެވެ. އެބައިމީހުން ނަބިއްޔާ صلّى اللّـه عليه وسلّم  ގެ އަރިހުން އެދިވަޑައިގެންނެވި ކަންތައްތައް ފުރިހަމަކޮށް ދެއްވާނެ ކަމުގެ ލިޔުމެއްވެސް އެބައިމީހުންނަށް އެކަލޭގެފާނު ދެއްވިއެވެ. އަދި އެބައިމީހުންގެ ތެރެއިން އިސްލާމްވި މީސްތަކުންގެ މައްޗަށް މާލިކު ބިން ނަމްތު ވެރިކުރައްވައިފައި ފޮނުއްވިއެވެ. އެބައިމީހުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމަށްޓަކައި ފޮނުއްވީ خالد بن الوليد رضى اللّـه عنــه އެވެ. އެކަލޭގެފާނު ވަޑައިގެން އެބައިމީހުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. ނަމަވެސް އެބައިމީހުން އިސްލާމްވުމަށް ދެކޮޅު ހެދިއެވެ.

ނަބިއްޔާ صلّى اللّـه عليه وسلّم އަށް މި ޚަބަރު ލިބިވަޑައިގެން، ޢަލީގެފާނުގެ އަތްޕުޅަށް ފަތްކޮޅެއްދެއްވައިފައި، އެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ. އަދި خالد ގެފާނު އަނބުރައި މަދީނާއަށް ފޮނުއްވުމަށްވެސް އެންގެވިއެވެ. ޢަލީގެފާނު މިގޮތަށް ކަންތައް ކުރެއްވިއެވެ. ޢަލީގެފާނު ވަޑައިގެން ނަބިއްޔާގެ ސިޓީ އެބައިމީހުންނަށް ވިދާޅުވެދެއްވައި، އިސްލާމްދީނަށް ދައުވަތު ދެއްވުމުން އެބައިމީހުން އިސްލާމްވެއްޖެއެވެ. ޢަލީގެފާނު އެބައިމީހުން އިސްލާމްވި ކަމުގެ އުފާވެރި ޚަބަރު ލިޔުއްވައި ނަބިއްޔާ صلّى اللّـه عليه وسلّم  އަށް ސިޓީފުޅެއް ފޮނުއްވިއެވެ. މި ސިޓީފުޅު ލިބިވަޑައިގެން މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޝުކުރުގެ ސަޖިދަ ޖެއްސެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. [ހަމްދާނުގެ މީސްތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ. ހަމްދާނުގެ މީސްތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ.]

{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 449}

.....ނުނިމޭ.....

--ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން