މިކަންކަމަކީ ދުވާލު 3 އިރަށްވެސް ހަނދާންކުރަންޖެހޭ ކަންކަމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
މިކަންކަމަކީ ދުވާލު 3 އިރަށްވެސް ހަނދާންކުރަންޖެހޭ ކަންކަމެވެ!

ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ހެޔޮލަފާ ޞާލިޙް ޢަމަލުތަކާއިގެން އެދުވަހުން އެއިލާހާ ބައްދަލުކޮށްފިނަމަ އެމީހަކު އުޑުތަކާއި ބިންތަކުގެ ތަނަވަސްކަންހުރި ސުވަރުގެ ޙާޞިލުކޮށްފިއެވެ. މިއާޚިލާފަށް ފާޙިޝްޢަމަލުތަކާއި މުންކަރާތްތަކާ އެކު އެއިލާހާ ބައްދަލުކޮށްފިނަމަ އޮތީ ގެއްލުމާއި ހަލާކެވެ. ނަރަކައިގެ ގަދަފަދަވެގެންވާ ވޭންދެނިވެގެންވާ އަލިފާނުގެ ޢަޛާބެވެ. 

ނަރަކައިގެ ބަނޑޭރިން ކަމުގައި ﷲ ލައްވާފައިވާ ހަރުކަށި ގަދަފަދަ މަލާއިކަތުން އެދުވަހުން އެއްވެސް ރަޙުމެއް ނުކުރާނެއެވެ. ﷲ އަމުރުފުޅަށް އެބޭކަލުން ނަރަކައިގެ އަހުލުވެރިންގެ ގައިގައި ތަޅުއްވާނެއެވެ. ނަރަކައިގެ އަހުލުވެރިންގެ އަލިފާނުގައި އަނދައި ރޯފިލައްޖެ ކޮންމެ ހިނދަކު އެބައިމީހުންގެ ހަންތައް ބަދަލުކުރެވޭނެތެވެ. އެއީ ޢަޒާބުގެ ރަހަ ލިބިގަތުމަށް ޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. 

"إِنَّ الَّذِينَ كَفَرُوا بِآَيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا "( النساء: 56) 

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެއުރެންގެ ހަންތައް އެނޫންހަންތަކަކަށް ބަދަލުކުރެވޭނެއެވެ. އެއީ އެއުރެން ޢަޒާބުގެ ރަހަ ލިބިގަތުމަށްތަކައެވެ. ހަމަކަށަވަރުން ﷲ އީ ޢަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ."

އެތާގެ އަހުލުވެރިންގެ ކާނާއަކީ ޒައްޤޫމެވެ. އެމީހުންގެ ބުއިމަކީ ލެއާއި އެކުވެފައިވާ ދޮހާއި، ހޫނުކަން ނިހާޔަތަށް ގަދަވެގެންވާ ފެނެވެ. އޭގެ ސަބަބުން އެބައިމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެއެވެ. އެ ނަރަކައިގެ ގަދަފަދަވެގެންވާ އަޛާބުފެނުމުން އެހިނދު މި އިންސާނާ އެދުވަހުން ހިތާމަކުރާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅެވުނު ނަމައޭ ހިތަށް އަރާނެއެވެ. ދުނިޔޭގެ އަގުހުރި ވަޤުތުތައް ބޭކާރު ގޮތުގައި ނަގާނުލެވުނު ނަމައޭ ހިތަށް އަރާނެއެވެ. ނަމާދު ކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. ﷲ އަށް ބިރުވެތި ވެވުނު ނަމައޭ ހިތަށް އަރާނެއެވެ. އަދި އޭނާ ދެރަވާނެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާނުވެވުނުކަމަށް ޓަކައެވެ. މިވެނި އެވެނި ބަޔަކު އެއީ މިތުރުންކަމުގައި ހެދުނުކަމަށްޓަކައެވެ. 

"يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلاَنًا خَلِيلاَ * لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإِنْسَانِ خَذُولاَ" (الفرقان: 28-29) 

"އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! ހަމަކަށަވަރުން ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ."

- ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން

މިއަދު އޮންލައިން