"އަޅުގަނޑުގެ އެންމެ ހަގުދަރިފުޅު ކައިވެނިކުރުމަށްޓަކާ ރަންކިޔަންވެސް ޕާޓީ ބާއްވަން އެބަވިސްނައެވެ. މިއީ އެހެންދަރިން ކުރިކަމެއް ނޫނެވެ. 3 ވަނަ ދަރިފުޅު ބަލިވެ އިނދެ ވިހަން ގާތްވަމުން އަންނާތީ ކޮންމެވެސް ނަމެއް ކިޔާފައި ޕާޓީއެއް ބާއްވަން އުޅޭވާހަކަ އެބައަޑުއިވެއެވެ. މިއީ ކޮންކަހަލަ ކަންކަމެއްތޯއެވެ؟
އަޅުގަނޑުމެން އަމިއްލައަށް ނަޞޭޙަތްދިނުމަށްވުރެ މިބާވަތުގެ ކަންކަމުގައި ރަނގަޅުވާނީ މިކަންކަން ރަނގަޅަށް އެނގޭ ބައަކު ނުވަތަ ޢިލްމުވެރިންގެ ބަސްފުޅު ކަމަށްވާތީ އަވަސް ޖަވާބަކަށް އެދެމެވެ."
ކިޔުންތެރިޔާ ފާހަގަކުރައްވާފައިވާ ކަންކަން އެބަހިނގައެވެ. މިކަމުގެ ޘަޤާފަތަށްބަލައިފިނަމަ ހެކިވެރިންގެ ގޮތުގައި ރަންކިޔުއްވަން އަންނަ 2 މީހުންނަށް ސައިދިނުމުގެ ޘަޤާފަތެއް އޮވެއެވެ. ކާބަފައިން އެކަން އެގޮތަށް އެކަންކުރީ މުޅިން ތަފާތު މަޤްޞަދެއްގައެވެ. އެއީ އެދެމީހުންނަކީ ބޭރުން ގެއަށް އަންނަ 2 މީހުން ކަމަށްވާތީ މެހްމާންދާރީ އަދާކުރުމުގެ ގޮތުންނެވެ. އެއްވެސް ޙާލެއްގައި ބޮޑު ޕާޓީއެއް ބާއްވާ އުޞޫލަކުން ނޫނެވެ.
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
އުންމު ޙަބީބާގެ ސިޔަރަތުން:
އޭގެ ދުވަސްކޮޅެއްފަހުން ޢުބައިދުﷲ މުތުރައްދުވެގެންވާ ޙާލު މަރުވެއްޖެއެވެ. އޭނާ މަރުވެ، އުއްމުޙަބީބާގެ އިއްދަ ފުރިހަމަވިތަނާ އެކަމަނާއަށް ވަރަށް ރީތި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. މީހަކު އައިސް އެކަމަނާއާ މުޚާތަބުކޮށް [އޭ މުއުމިނުންތަކުގެ މަންމާ] އޭ ގޮވައިލައްވާ މަންޒަރެވެ. އެކަމަނާ ތެދުވެވަޑައިގެން ވިސްނާވަޑައިގެންނެވުމުން، އެ ހުވަފެންފުޅުގެ ތަޢުބީރަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބެއްލެވުންކަން އެނގިވަޑައިގެންނެވިއެވެ.
އޭގެފަހުން އެއްދުވަހަކު ނަޖާޝީގެ ޚާއްޞަ ޚާދިމާއެއްކަމުގައިވާ އަބްރަހާ އައިސް އުއްމުޙަބީބަތުގެފާނަށް ވަރަށް އުފާވެރި ޚަބަރެއް ދެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަޖާޝީ ރަސްގެފާނަށް ސިޓީފުޅެއް ލިޔުއްވައިގެން އުއްމުޙަބީބަތުގެފާނާ ކާވެނި ބައްލަވަން އެދިވަޑައިގެންވި ކަމުގެ ޚަބަރެވެ. އުއްމުޙަބީބަތުގެފާނަށް އެ ޚަބަރުލިބިވަޑައިގެން އެކަމަނާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެކަމުގެ އުފާފުޅުގައި އެކަމަނާގެ އަތުގައި ހުރި ބައެއް ގަހަނާތައް އަބުރަހާއަށް ވެދުން ކުރިއެވެ. އަދި އެކަމަނާގެ ފަރާތުން ކާވެނީގެ ވަކީލެއްކަމުގައި ޚާލިދު ބުނު ސަޢީދު ބުނުލް ޢާޞް ހަމަޖައްސަވައި ފޮނުއްވާނެކަމުގައި ވިދާޅުވިއެވެ.
{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 189}
--ޢަލީ އިޙްޞާން ފިރާޤް
ނޯޓް:
މިލިޔުންކޮޅުން ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ހެޔޮލަފާ މީހުންނަށް ހުވަފެނުގައި އުފާވެރިކަމުގެ ޚަބަރުތައް ﷲ ތަޢާލާ ދެއްވަވާކަމެވެ. ދެވަނަ ކަމަކީ އެމީހަކު ބޭނުންވާ މީހަކާއި ކައިވެނިކުރެވޭނަމަ އެކަމުގެ އުފަލުގައި ކުރަން އޮތްކަމަކީ ތަފާތު ނަންނަމުގައި އެކިސައިޒުގެ ޕާޓީތައް ބޭއްވުން ނޫންކަމާއި ކުރަންއޮތް ކަމަކީ ޞަދަޤާތްކުރުން ކަމެވެ.
މިހާރަކަށް އައިސް ރަންކިޔާ ޕާޓީވެސް އެބަބާއްވައެވެ. ދަރިއަކު ވިހަން ގާތްވުމުން އެކި ނަން ކިޔާފައި 2،3 ޕާޓީ އެބަ ބާއްވައެވެ. ކައިވެނީގެ ޕާޓީ ބާއްވަން އޮތީ ކައިވެންޏަށް ފަހުގައެވެ. ދަރިއަކު ލިބެން އުޅޭތީ ނުވަތަ ދަރިއަކު ލިބުމުން އެއްވެސް ޕާޓީއެއް ބާއްވާކަށް ނެތެވެ. ކުރަން އޮތީ 3 ކަމެކެވެ.
1 ދަރިއަކު ލިބުމުން ﷲ ތަޢާލާއަށް ޙަމްދުކުރުމާ އެދަރިފުޅަކީ ތަޤްވާވެރި ކުއްޖަކުކަމުގައި ލެއްވެވުން އެދި ދުޢާކުރުން
2 ހަތްދުވަސްވުމުން ބޯބާލައި ކިރައި ބަރުދަނަށް ރިހިން އަގުކޮށް ޞަދަޤާތްކުރުން
3 ޤުރްބާންކޮށް ނަންކިޔައި ޞަދަޤާތްކުރުން
ދީނުގައި ނެތްކަންކަން ބޭރުން އެތެރެކުރުމާއި އިތުރަށް ކަންކަން އުފެއްދުމަކީ ދީނުގައިވާ މަގު ނުވަތަ ކުރަން ބަޔާންވެގެންވާ ކަންކަން އޮޅިގެން ހިނގައިދާނެ ކަންކަމެވެ.
މައުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން