އިސްލާމީ މުޖުތަމަޢުގައި އޮންނަ ދީނީ ޣީރަތްތެރިކަން ނައްތައިލުމުގެ ގޮތުން ޢަދުއްވުން ބޭނުން ކުރާ އެއް އުކުޅަކީ ދީނާ ބީރައްޓެހި، ދީނީ އަޚްލާޤާ ފުށުއަރާ، ދީނީ ސުލޫކާ މުޅިން ދެކޮޅު ޘަޤާފަތްތައް ފެތުރުމެވެ. މުޖުތަމަޢުގައި އެ ކަންކަމަކީ "ނޯމަލް" އާދައިގެ ކަމެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރުމުވެ.
މިސާލަކަށް، ލޯކަލް ޓުވަރިޒަމަށް ނަޒަރު ހިންގާލާށެވެ. ގެސްޓު ހައުސް ވިޔަފާރިއާއި ލޯކަލް ޓޫރިޒަމް ފަދަ ކަންކަން އެއްވެސް ރެގިއުލޭޝަނެއް ނެތި ޢާންމުން ދިރިއުޅޭ ރަށްރަށުގައި ތަޢާރަފު ކުރުމުގެ އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ؟ ހަމަކަށަވަރުން ވެސް، އެކަމުގެ އާޚިރު ނަތީޖާއަކަށް ވެގެން ދާނީ މުޖުތަމަޢުގައި އޮތް ދީނީ އަޚްލާޤާއި ސުލޫކީ މިންގަނޑު ފުނޑުފުނޑުވެގެން ދިޔުމެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ދެގަނޑެތިކޮޅުގައި ގެސްޓުން އިރުއަވީގައި ލެވިގެން ތިބޭ މަންޒަރު ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ފެނުމަކީ އިސްލާމީ މުޖުތަޢަކަށް ފައިދާ ކުރާނެ މަންޒަރެއްތޯއެވެ؟ އިސްލާމީ އަޚްލާޤާއި އިސްލާމީ ޘަޤަފާތަށް އެއިން ނޭދެވޭ އަސަރުތަކެއް ނުކުރާނެތޯއެވެ؟ ދީނީ ޣީރަތްތެރިކަމަށް އެކަމުން އަސަރު ނުކުރާނެތޯއެވެ؟ ރަށުގެ ރައްޔިތުން އެކަންކަމުގެ ޝަކުވާ ކުރަން ފެށުމުން، ފެންސުޖަހާ ވަކިކޮށްގެން އޮރިޔާން ބީޗުތައް ހެދުން އެއީ ޙައްލެއްތޯއެވެ؟ ގެސްޓުން މަޖާ ނަގަން ރާ މެހެފިލްތައް ރަށުގެ ވަކި ސަރަޙައްދުތަކުގައި ހެދުން އެއީ ޙައްލަކަށް ވާނެތޯއެވެ؟ އެކަމުގެ އަސަރު އެ ރަށެއްގައި އޮތް އިސްލާމީވަންތަކަމާއި ޘަޤާފަތަށް ނުކުރާނެތޯއެވެ؟
މި ކަންކަމުގެ ނަތީޖާއަކީ އުފެދި ބޮޑުވަމުން އަންނަ ޖީލުތަކަށް ފެންނާން ނުޖެހޭ އެތަކެއް ލާއަޚްލާޤީ މަންޒަރުތައް ފެނި އެ ކަންކަމަކީ "ނޯމަލައިޒް"ވެފައިވާ އާދައިގެ ކަންކަން ކަމަށް ވެގެން ދިޔުމެވެ. ދީނީ ޣީރަތްތެރިކަމަކީ ކޮބައިކަން އެ ޖީލުތަކަށް ނޭނގި އޮޅުންބޮޅުން ވެގެން ދިޔުމެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ހުއްދަ ކުރަން ކުރާ މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނިދާނެއެވެ. ރަލަކީ މާތް ﷲ ޙަރާމް ކުރައްވާފައި ވާ އެންމެ ނުބައި އެއް ފާފައެވެ. އެއީ ހުރިހާ ނުބައި ކަމެއްގެ މަންމައެވެ. އެ މުޖުތަމަޢެއްގައި ރަލުގެ ކުޅިވަރު ފެތުރިއްޖެ މުޖުތަމަޢެއްގެ ދީނީ ކަންފުޅެއް ނޯންނާނެއެވެ. ދީނާ މެދު ވިސްނަން ހަމަ ހޭގައި ތިބޭނެ ބަޔަކު އެއިރަކުން ނުތިބޭނެއެވެ. ދުނިޔެވީ މަސައްކަތް ނިމުމުން އެބަޔަކު ކުރިމަތިލާނީ ހިނދުކޮޅުގައި ތިބުމަށެވެ.
ދުނިޔެވީ އުދާހާއި ވޭނާއި ވިސްނުންތަކުން އެއްކިބާވުމުގެ ބަހަނާގައެވެ. އެ ފަދަ މުޖުތަމަޢަކަށް ދީނާ މެދު ވިސްނާނެ ފުރުޞަތެއް ނޯންނާނެއެވެ. މިއީ ދީނުގެ ޢަދުއްވުން އެންމެ ބޮޑަށް ބޭނުންވާ ގޮތެވެ. ދުވާލު ހަތަރުދަމު މަސައްކަތު އުޅުމަށް ފަހު، ރޭގަނޑު ޕާޓީކޮށް މަޖާކޮށް، ރާފޮދެއް ބޮއެލައިގެން ދެ ޖިންސު މަސްހުނިވެގެން މަޖާކުރާނެ ޖީލެއް އުފެއްދުމެވެ. އެއީ މާއްދިއްޔަތަށް ގޮސް ހެއްލިފައިވާ ޖީލެކެވެ. އެބައިމީހުންގެ ކައިރީގައި ތަހުޒީބީ ޖީލަކީ އެފަދައިން މާއްދިއްޔަތަށް ގެއްލި ހެއްލިފައިވާ ޖީލެކެވެ.
- ފުވައްމުލަކު ސިޓީގައި ޓޫރިސްޓުންނަށް ޚާއްޞަ "ބިކިނީ" ބީޗެއް ހަދާނެ ތަނެއް ކަނޑައެޅުމަށް މަޝްވަރާ ކުރެވެމުން ދާތީ އެކަމާ މެދު "ދެތިން" ބަހެއް!
1- ލޯކަލް ޓޫރިޒަމަކީ އެތަނެއްގެ ޘަޤާފަތާއި އެތަނެއްގެ އާދަކާދައާއި ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް އެތަނެއްގެ ޢާންމު ރައްޔިތުންނަށް (ލޯކަލުންނަށް) އުނދަގޫ ނުވާ ގޮތަށް، އެތަނެއްގެ ޘަޤާފަތާއި އާދަކާދަ (ލޯކަލް ކަލްޗަރ، ވެލިއުސް) ދަނެގަތުމާއި އެކަންކަން "އެންޖޯއި" ކުރުމަށް ނުވަތަ އެކަންކަން ތަޖުރިބާ ކުރުމަށް އުފެއްދޭ ޓޫރިޒަމް ކޮންސެޕްޓެކެވެ.
2- އެއްވެސް ޙާލެއްގައި އެއީ އެ ތަނެއްގެ ލޯކަލް ކަލްޗަރ ( ޘަޤާފަތާއި އާދަކާދައާއި ޤާނޫނުތަކާއި ޤަބޫލުކުރުންތަކަށް) ބުރޫއަރުވައި، އެކަންކަން ޚަރާބުކޮށްލާ، އެކަންކަމަށް ބޮޑެތި ގޮންޖެހުމާއި ހަލާކު ކުރިމަތިވާ ގޮތަށް އޮންނަން ޖެހޭ ކަމެއް ނޫނެވެ. އެހެން އެކަން ކުރާ ނަމަ، އެއަށް ލޯކަލް ޓޫރިޒަމެކޭ ނުކިޔޭނެއެވެ.
3- އަދި އެއީ އެއްވެސް ޙާލަތެއްގައި، "ސްޕެޝަލް ޓޫރިޒަމް ޒޯން - ރިސޯޓްސް" ގޮތަށް، މީހުން ދިރިއުޅޭ ރަށްރަށް ޓޫރިޒަމަށް ފޮތިފޮތިކޮށްގެން ފެންސް ޖަހައިގެން ކުރަން އޮންނަ ކަމެއް ވެސް ނޫނެވެ.
4- ދިވެހިރާއްޖޭގައި "ސްޕެޝަލް ޓޫރިޒަމް ޒޯން"ގެ ގޮތުގައި ބައިވަރު ރިސޯރޓްތައް އެބަހުއްޓެވެ. އެކަންކަން ލޯކަލް ޓޫރިޒަމްގެ ތެރެއަށް ގެނައުމަކީ ގޯހެކެވެ.
5- ލޯކަލް ޓޫރިޒަމް އޮންނަ ރަށްރަށުގައި "ޕަބްލިކް ބީޗު"ތައް ނަގައި ޓޫރިސްޓުންނަށް ޚާއްޞަ " ބިކިނީ " ބީޗުތަކަކަށް ހެދުމުން އެ ގެއްލެނީ "ޕަބްލިކް ސްޕޭސް"އެވެ. ޢާންމު ރައްޔިތުންގެ ތަންތަނެވެ. އަދި އެއީ ރަށުގެ ހުރިހާ ރައްޔިތުންގެ ތަންތަން ދެތިން ވިޔަފާރިވެރިން ނުވަތަ "ކޯޕަރޭޓް ކޮމްޕެނީ"ތަކުން ނަގައި އަމިއްލަ ކޮށް އަތްގަދަ ކުރުމަށް ދެވޭ ފުރުޞަތެކެވެ. މީގެ އިތުރުން، އެބައިމީހުންގެ ބާރުގެ ދަށަށް އެފަދައިން ވަކި ކުރެވޭ ތަންތަނުގެ ހުރިހާ ވިޔަފާރިއެއް ދާނެއެވެ. އެއީ ކެފޭ ރެސްޓޯރަންޓު ވިޔަސް، ފިހާރަތައް ވިޔަސް ވެހެވެ. އެ ހުރިހާ ތަނެއްގެ ފައިދާ ނަގަމުން ދާނީ އެބައިމީހުންނެވެ.
6- އަދި އެއީ އެތަނެއްގައި ދިރިއުޅޭ ޢާންމުން އެ ފަދަ "ސްޕެޝަލް ޒޯން"ތަކުގެ ޤުދުރަތީ ރީތިކަމާއި ރަށުގެ ޠަބީޢަތާއި ވެށިން ހޯދަމުން އައި ހިތްހަމަ ޖެހުމުން އެއްކޮށް މަޙްރޫމު ކުރުމެވެ. އަމިއްލަ ރަށުގައި ދެ ވަނަ ދަރަޖައިގެ ރައްޔިތަކަށް ބަދަލުވެގެން ދިޔުމެވެ. އެ ރައްޔިތުންގެ ކުށަކީ ގެސްޓު މީހާއާ ޚިލާފަށް އެ ރައްޔިތުންގެ އަތުގައި ޑޮލަރު ނެތުމެވެ.
7- ކުރިން ދެންނެވި ފަދައިން، ލޯކަލް ޓޫރިޒަމެއް ހިންގަން ޖެހޭނީ އެތަނެއްގައި އޮތް ދީނާއި، ޘަޤާފަތާއި އާދަކާދައާއި ޤާނޫނުތަކާއި ފުށުނާރާ ގޮތަށެވެ. އެ ކަންކަމުގެ ތެރެއަށް އެ ފަދަ ޓޫރިޒަމެއް ފައްތައިގެންނެވެ.
8- އެހެނީ، ރާއްޖޭގެ ހުރިހާ ޤާނޫނެއް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ހިނގާނެއެވެ. އެގޮތުން ދީނީ އެއްބައިވަންތަކަމުގެ ޤާނޫނު ވެސް ހިނގާނެއެވެ. އެފަދަ ޤާނޫނެއްގެ ދަށުން ޢާންމު އަޚްލާޤީ މިންގަނޑާއި ޚިލާފަށް "އޮރިޔާމުން" އުޅޭނެ ހުއްދައެއް ނުދެވޭނެއެވެ.
9- "އޮރިޔާމުން" އުޅެން ނުވަތަ "ބިކިނީ"ގައި ހުދު ސާފު ދޮންވެލީގައި ސާފު ރީތި ގޮނޑުދޮށްތަކުގައި އަވީގައި ލެވި އަދި ފަތަން ބޭނުން ޓޫރިސްޓުންނަށް އޮތީ ރިސޯޓުތައް އިޚްތިޔާރު ކުރުމެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އޮތީ ލޯކަލް ޓޫރިޒަމެވެ. އެއީ އެތަނެއްގެ ޘަޤާފަތަށް ބުރޫ ނާރާ ގޮތަށް ހެދިފައި އޮންނާން ޖެހޭ ކޮންސެޕްޓެކެވެ.
10- ޓޫރިސްޓުންނަށް ޢާންމު ބީޗުތައް ބޭނުން ކުރެވޭނެއެވެ. އެކަމާ ޢާންމުންނެއް ދެކޮޅެއް ނަހަދާނެއެވެ. ނަމަވެސް މި ދެންނެވި ގޮތުގެ މަތީންނެވެ. ތިމާއަކީ ލޯކަލް ޓޫރިޒަމްގެ ޓޫރިސްޓެއް ކަން ދަނެ ހުރެ، އެތަނެއްގެ ޤާނޫނާއި ޤަވާޢިދަށް ބޯލަނބައި ޢާންމު ޘަޤާފަތާ އެއް ގޮތަށެވެ. އެ ތަނެއްގެ ބަޔަކު ވެސް މޫދަށް އެރޭ ގޮތަށެވެ.
11- ޓޫރިސްޓުންނަކީ ގޯސް ބައެއް ނޫނެވެ. ގޯސް ވަނީ މި ދެންނެވި ގޮތަށް ޑޮލަރުގެ ބޭނުމުގައި ގެސްޓުހައުސްތައް ހިންގާ ވެރީންނެވެ. އެބައިމީހުން އެ ޓޫރިސްޓު މީހާއަށް ތަނުގެ ޢާންމު ޤަވާޢިދާއި ޘަޤާފަތަށް އިޙްތިރާމުކުރަން ކިޔައެއް ނުދެއެވެ. ހެދުން އަޅާނެ ގޮތުގެ ވާހަކައެއް ބުނެއެއް ނުދެއެވެ. ބައެއް ފަހަރު، ޑޮލަރު ނުލިބިދާނެ ކަމަށް ހީކޮށެވެ. ގިނަ ފަހަރަށް ޓޫރިސްޓު މީހާއާ ޚިލާފަށް، ގެސްޓުހައުސް ވެރީންގެ ހިތުގައި ލޯކަލް ކަލްޗަރަށް އިޙްތިރާމެއް ނެތީއެވެ. ވިޔަފާރި ކޮށް، ޑޮލަރު ލިބެނިކޮށް އެ މީހުންނަށް ފުދުނީއެވެ.
ދެން އޮތީ "ދެތިން" ސުވާލެކެވެ.
1- ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން "ޕަބްލިކް" ތަންތަނަށް ޢާންމު ރައްޔިތުންނަށް ނުވަދެވޭ ގޮތަށް ހެދޭނެތޯއެވެ؟ ޤާނޫނު އަސާސީގެ ބާބު 2 ގައި ދީފައިވާ އެފަދަ މިނިވަންކަމާއި ޙައްޤުތައް ކައުންސިލަށް ޤަވާޢިދަކުން ނިގުޅައިގަނެވޭނެތޯއެވެ؟
2- ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ މައްޗަށް ޤާނޫނު އަސާސީއާއި ޤާނޫނުތައް ފުރިހަމައަށް ހިނގާއިރު ޢާންމު އިޖުތިމާޢީ މިންގަނޑުގެ ޤާނޫނު ފަދަ ޤާނޫނުތައް ނުހިނގާ ތަނެއްގެ ގޮތުގައި "ބިކިނީ" ބީޗު ކަނޑައަޅަން ކައުންސިލަށް ޤާނޫނީ ބާރު ލިބިދޭތޯއެވެ؟
3- "ބިކިނީ" ބީޗު ހަދައިގެން ގެސްޓުން އެތަނަށް ވަންނަނީ ފައިސާ ދީގެންތޯއެވެ؟ ނުވަތަ އެތަނަށް ގެސްޓުން ފޮނުވާ ގެސްޓުހައުސްތަކުން ކައުންސިލަށް ކިހާ ޓެކްސެއް ދައްކާތޯއެވެ؟ ނުވަތަ މިއީ ގެސްޓުހައުސް ވިޔަފާރިވެރީންނަށް ރައްޔިތުންގެ ބިމުން ހިލޭ ނާޖައިޒު ފައިދާގެ ގޮތުގައި ދެވޭ ދިނުމެއްތޯއެވެ؟
4- "ބިކިނީ" ބީޗު ނަހަދައި ހަމަ ލޯކަލް ޓޫރިޒަމް ހިންގެން ނެތީތޯއެވެ؟
5- މާދަމާ ޓޫރިސްޓުންނަށް ރާބޯން ބާރތަކާއި ރެސްޓޯރަންޓުތައް ހުންނަން ޖެހޭ ގޮތަށް ހަދަން ނުޖެހޭނެތޯއެވެ؟ އަނެއް ދުވަހު ޓޫރިސްޓުންނަށް ޚާއްޞަ ބަސް، ޚާއްޞަ މަގު، ޚާއްޞަ ކާރު ހަމަޖައްސަން ނުޖެހޭނެތޯއެވެ؟
6- މިފަދަ ކަންކަމުން ތަނުގެ ދީނީ ޘަޤާފަތާއި އަޚްލާޤިއްޔާތާއި އާދަކާދައާއި ޢާންމު ދިރިއުޅުމަށް ލިބިގެން ދާ ގެއްލުމުގެ ޒިންމާ ނަގާނީ ކޮންބައެއްތޯއެވެ؟ އަދި މިއީ އިޢާދަކުރެވިދާނޭ ގެއްލުންތަކެއްތޯއެވެ؟
- ޝައިޚް ޝަފީޢު ޢަބްދިﷲ