ސައިފުﷲ ޚާލިދު ބުނުލް ވަލީދު 7: ނަބީކަމަށް ދައުވާކުރި ތުލައިޙަތު އާއި މުސައިލަމަތުލް ކައްޛާބުއާ ހަނގުރާމަ ކުރައްވާ ޤަތުލު ކުރެއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 56ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 7: ނަބީކަމަށް ދައުވާކުރި ތުލައިޙަތު އާއި މުސައިލަމަތުލް ކައްޛާބުއާ ހަނގުރާމަ ކުރައްވާ ޤަތުލު ކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް

 

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި

ނަބިއްޔާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގަތުމަށްފަހު، މުސްލިމުގެ ފުރަތަމަ ޚަލީފާއަކަށް އިސްކުރެވުނީ أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމާއެކު، ޢަރަބިކަރައިގެ އެތަން މިތަނުގައި ފިތުނައިގެ ހުޅުފަޅައިގެން ހިނގައްޖެއެވެ. އެއްބަޔަކު ރަސޫލުންކަމަށް ދައުވާކުރަން ފަށައިފިއެވެ. އަނެއް ބަޔަކު މުރުތައްދު ވެއްޖެއެވެ. އަނެއްބައި މީހުން ޒަކާތްދެއްކުމަށް އިންކާރު ކުރަން ފަށައިފިއެވެ.

މުރުދައްދުވީ މީހުންނާއި، ރަސޫލުކަމަށް ދައުވާކުރަމުން ގެންދާ ދޮގުވެރި ކައްޛާބުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެގޮތުން ޢަރަބިކަރައިގެ އެތަން މިތަނަށް 11 އަމީރުން އައްޔަން ކުރައްވައި 11 ލަޝްކަރެއް ފޮނުއްވިއެވެ. މި 11 ލަޝްކަރުގެ ކޮމާންޑަރަކަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އައްޔަން ކުރެއްވީ خالد بن الوليد رضى اللّـه عنــه އެވެ. 

މުސްލިމުން ތިބީ މުރުދައްދުވެފައި ތިބި މީހުންނާ ހަނގުރާމަ ކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެހެންކަމުން މުރުދައްތުވީ މީހުންގެ މައްސަލަ ޙައްލު ކުރުމަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް ނެގީ ކުޑަ ދުވަސްކޮޅެކެވެ. 

{ޑރ މުޙައްމަދު ޢަލީ އައްޞަލާބީ، އަބޫ ބަކުރުއް ޞިއްދީޤު، ޞަފްޙާ 381-385}

طليحة بن خويلد އަކީ ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ޙަޔާތްޕުޅުގައިމެ، ރަސޫލުކަމަށް ދައުވާކުރަމުން ގެންދިޔަ މީހެކެވެ. އޭނާގެ ދޮގުވެރިކަމާއި، ކެހިވެރިކަމުގައި އެތައް ބަޔަކު ޖައްސަމުން ގެންދިޔަ މީހެކެވެ. أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް ޚަލީފާކަން ލިބިވަޑައިގެންނެވުމަށްފަހު، خالد بن الوليد رضى اللّـه عنــه، ލަޝްކަރެއްގެ މައްޗަށް ވެރިކުރައްވައި، طليحة بن خويلد އާއި އޭނާއަށް ތަބާވެގެންއުޅޭ މީސްތަކުންނާ ދިމާއަށް ފޮނުއްވިއެވެ. خالد بن الوليد رضى اللّـه عنــه، ވަޑައިގެން طليحة بن خويلد އާއި އޭނާގެ އެކުވެރިންގެ ކަންތައް ނިންމަވައިލެއްވިއެވެ.

{ޣައްޟަންފަރު، ކޮމާންޑަރ އޮފް މުސްލިމް އާރމީ، ޞަފްޙާ 50}

طليحة بن خويلد ގެ ކަންތައް ނިންމަވައިލެއްވުމަށްފަހު،ދެން خالد بن الوليد رضى اللّـه عنــه، ވަޑައިގެންނެވީ ތަމީމުވަންހައިގެ މާލިކު ބުން ނުވައިރާއާ ކުރިމަތިލައްވާށެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވުމުން މާލިކު މުރުތައްދުވީއެވެ. އަދި ޒަކާތްދެއްކުމަށް އިންކާރު ކުރީއެވެ. خالد بن الوليد رضى اللّـه عنــه، އެބައިމީހުން ދިރިއުޅޭ ހިސާބަށް ވަޑައިގެން އެބައިމީހުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވިއެވެ. އެގޮތުން ބަނީ ތަމީމުގެ ބޮޑުން އިސްލާމްވެ، އެބައިމީހުން ޒަކާތްދިނުމަށް އެއްބަސްވިއެވެ.

ތަމީމުވަންހައިގެ ވެރިންގެ ތެރެއިން، خالد بن الوليد رضى اللّـه عنــه، އާ ބައްދަލުނުކޮށް ހުރީ އެންމެ ވެރިއެކެވެ. އެއީ، މާލިކު ބުން ނުވައިރާންއެވެ. އޭނާގެ ގާތަށް އެކަލޭގެފާނު ވަޑައިގެން އޭނާ ހައްޔަރު ކުރައްވައިފިއެވެ. އެބައިމީހުން ހައްޔަރުކުރައްވައި ބަންދުކުރެއްވި ރެއަކީ، ވަރަށް ފިނި ގަދަ ރެއެކެވެ. އެހެންކަމުން خالد بن الوليد رضى اللّـه عنــه، ހައްޔަރު ކުރެވިގެން ގެނައިމީހުންނަށް ހޫނުކޮށްދޭން އެންގެވިއެވެ. ހޫނުކޮށްދޭށޭ ބުނި ބަހުގެ މާނަ އިސްލާމީ ލަޝްކަރުގެ ގާޑުންނަށް ނެގުނީ އެބައިމީހުން އަންދާލަން ބުނި ބުނުމެއް ކަމަށެވެ. ދެން އެބައިމީހުން އެހުރިހާ މީހުން އަންދާލައިފިއެވެ. ބުނެވޭ ގޮތުގައި މާލިކު ބިން ނުވައިރާ އަންދާލީ ޟިރާރު ބުން އަލްއަޒުވަރެވެ.

أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް މި ޚަބަރު ލިބިވަޑައިގެން މާލިކު ބުން ނުވައިރާގެ އާއިލާގެ މީހުންނަށް މަރުގެ ދިޔަ ދެއްވިއެވެ. {ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 451-456}

ޔަމާމާ ހަނގުރާމަ

مسيلمة الكذاب އަކީވެސް ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ޙަޔާތްޕުޅުގައިމެ، ރަސޫލުކަމަށް ދައުވާކުރަމުން ގެންދިޔަ މީހެކެވެ. މީނާގެ ފިތުނަވެރިކަން ނައްތާލުމަށްޓަކައި، أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ގެ ޚަލީފާކަމުގައި، މުހާޖިރުންނާއި، އަންޞާރުންގެ ބޮޑު ލަޝްކަރެއްގެ މައްޗަށް خالد بن الوليد رضى اللّـه عنــه، ވެރިކުރައްވައި، ފޮނުއްވިއެވެ. خالد بن الوليد رضى اللّـه عنــه، ވަޑައިގެންނެވުމުގެ ކުރީންވެސް މުސްލިމުންގެ ދެލަޝްކަރެއްވަނީ مسيلمة الكذاب ގެ އަތުން ބަލިވެފައެވެ. އެއީ،  عكرمة بن أبي جهل رضى اللّـه عنــه،އާއެކު ފޮނުއްވި ލަޝްކަރާއި، شرحبيل بن حسنة رضى اللّـه عنــه،ގެ ޤިޔާދަތުގެ ދަށުން ފޮނުއްވި ލަޝްކަރެވެ.

مسيلمة الكذاب އާ ހަނގުރާމަ ކުރުމަށް خالد بن الوليد رضى اللّـه عنــه، އާއެކު ސާޅީސް ހާސް މުޖާހިދުން ނިކުތެވެ. އެބައިމީހުން مسيلمة الكذاب ގެ ލަޝްކަރާ ދެކޮޅަށް ނުހަނު ވަރުގަދަ އަށް ޙަމަލާ ދެއްވަމުން ގެންދެވިއެވެ، ނަމަވެސް، مسيلمة الكذاب ގެ ލަޝްކަރުގެ މީހުން ތިބީ އެއްގޮތަކަށްވެސް ދޫދޭގޮތަކަށެއްނޫނެވެ. އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހޭ ގޮތަކަށެއްނޫނެވެ. މިކަން خالد بن الوليد رضى اللّـه عنــه، އަށް މޭރުންވެވަޑައިގެންނެވުމުން ހަނގުރާމައިގެ މޮޅު އުކުޅެއް ސިކުނޑިފުޅުގައި ރާވައިލެއްވިއެވެ. ހަނގުރާމައިގެ ލަޝްކަރު ވަކިވަކި ގުރޫޕްތަކަކަށް ބައިކޮށްލެއްވިއެވެ. އަދި އެއިންކޮންމެ ބަޔަކަށް އަމީރަކު ހަމަޖެއްސެވިއެވެ. އެބައިމީހުންނަށް ނުހަނު ފަންވަރާއި ބުންވަރާއެކު ދުޝްމިނުންނަށް ޙަމަލަދެއްވުމަށް خالد بن الوليد رضى اللّـه عنــه، ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

ހަނގުރާމަ ފެށުމާއެކު އިސާހިތު مسيلمة الكذاب ގެ ލަޝްކަރުގެ ފަހަތަށް ޖެހެން ފަށައިފިއެވެ. އެންމެ ފަހުން ދުޝްމިނުންގެ ލަޝްކަރަށް ހަނގުރާމައިގެ މައިދާނުގައި ކެތްކުރަންދަތިވެ، ހިމާޔަތް ހޯދަން ދުވެގޮސްވަނީ "حديقة الرحمن" އޭ ކިޔުނު ބަގީޗާއަކަށެވެ. އެތަނަކީ ވަރަށް އުސްފާރުތަކެއްލައި، ވަރުގަދަ ދޮރެއް ހަރުކޮށްފައިވާތަނެކެވެ. މުސްލިމުންނަށް އެދޮރު ހަލާކުކޮށް ބަގީޗާއަށް ވެދެވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. އެހިނދު ބަރާއު ބިން މާލިކު ފާރުމަތިން އަރުވައިގެން ވަޑައިގެން އެ ބަގީޗާގެ ދޮރު ހުޅުވާލެއްވިއެވެ. ސައިލެއް ދެމިގަތް ބީދައިން މުސްލިމުން މުޖާހިދުން އެތަނަށްވަދެ مسيلمة الكذاب ޤަތުލުކޮށް، އޭނާގެ ލަޝްކަރުގެ އެތައް ހާސް ބަޔަކު ޤަތުލުކުރިއެވެ.

އިހަށް "حديقة الرحمن" އޭ ކިޔުނު ބަގީޗާ އެދުވަހަށްފަހު މަޝްހޫރުވެގެން ދިޔައީ، "حديقة الموت" ގެ ނަމުންނެވެ. مسيلمة الكذاب ގެ ލަޝްކަރުގެ އެތައް ބަޔަކު އެތަނުގައި ޤަތުލު ކުރެވުމުގެ ސަބަބުންނެވެ. މި ބޮޑު ހަނގުރާމަ ނިންމަވައިލެއްވުމަށްފަހު، މުސްލިމު މުޖާހިދުންގެ ލަޝްކަރު ޔަމާމާގައި އަރާމުކޮށްލެއްވުމަށްޓަކައި މަޑުކޮށްލެއްވިއެވެ. އެހެން ތިއްބަވަނިކޮށް، أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ގެ ސިޓީފުޅެއް خالد بن الوليد رضى اللّـه عنــه،އަށް ލިބިވަޑައިގެންނެވިއެވެ. އެސިޓީފުޅުގައިވަނީ އީރާނާއި، ޢިރާޤު ފަތަޙަ ކުރުމަށެވެ.

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން