ޢަލީ އިޙްޞާން ފިރާޤް
ޢިރާޤުކަރަ ފަތަޙަ ކުރެއްވުން
أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ގެ ސިޓީފުޅުގައި އަންގަވައިފައިވަނީ އެންމެ ފުރަތަމަ އަބްލާއޭ ކިޔުނު ރަށަށްވަޑައިގެން އެތަނުން ޢިރާޤުކަރައިގެ ރަށްތައް ފަތަޙަ ކުރައްވަން ފެއްޓެވުމަށެވެ. އަދި އެތަނަށް ވަޑައިގެން އެބައިމީހުންނަށް އެންމެ ފުރަތަމަ އިސްލާމްދީނުގެ ދައުވަތު ދެއްވުމަށެވެ. އެބައިމީހުން އިސްލާމްދީން ޤަބޫލުކުރަން ދެކޮޅު ހަދައިފިނަމަ، އެބައިމީހުންގެ އަތުން ޖިޒީ އަތުލެއްވުމަށެވެ. މިދެގޮތުންކުރެ ގޮތަކަށް އެއްބަސްނުވިނަމަ، އެބައިމީހުންނާ ހަނގުރާމަ ކުރުމަށެވެ.
خالد بن الوليد رضى اللّـه عنــه، ގެ ލަޝްކަރުގެ އިތުރުން އިތުރު ދެ ލަޝްކަރެއްވެސް ޢިރާޤު ފަތަޙަ ކުރެއްވުމަށްޓަކައި أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ފޮނުއްވިއެވެ. އެއީ عياض بن غنم رضى اللّـه عنــه ގެ ލަޝްކަރާއި المثنى بن حارثة رضى اللّـه عنه ގެ ލަޝްކަރެވެ. އަބޫބަކުރުގެފާނު عياض بن غنم رضى اللّـه عنــه އަށް އަންގަވައިފައިވަނީ، އަލްމަސީޚް އޭ ކިޔުނުތަނުން ފަތަޙަ ކުރައްވަން ފެއްޓެވުމަށެވެ.
أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ގެ ސިޓީފުޅުގައި އަންގަވައިފައިވާ ގޮތުގެ މަތީން خالد بن الوليد رضى اللّـه عنــه، ޢިރާޤުކަރާއާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ. އެތަނަށް ވަޑައިގެން އެކަލޭގެފާނު ޢިރާޤު ގެ އަބްލާގައި ހުންނަ ރަސްގެފާނު ހުރުމުޒަށް ސިޓީއެއް ފޮނުއްވުއެވެ. އެސިޓީގައިވަނީ މިދަންނަވާ ފަދައިނެވެ. "އޭ ހުރުމުޒެވެ. އިސްލާމްދީން ޤަބޫލުކުރާށެވެ. ނޫންނަމަ، އިސްލާމީ ދައުލަތް ޤަބޫލުކޮށް އެދައުލަތާ ދެމެދު ސުލްހަވެ، ޖިޒީ ދީގެން ތިބުމަށް އެއްބަސްވާށެވެ. ނޫންނަމަ، ކަލޭމެންނަށް ޖެހޭނީ މަރާ ކުރިމަތިލާށެވެ. އަހަރެންގެ ފަހަތުގައިވަނީ، ކަލޭމެން ދުނިޔޭގެ ދިރިހުރުމަށް ލޯބިކުރާފަދައިން، މަރުވުން އެބައިމީހުންނަށް ލޮބުވެތިކަން ބޮޑު ބައެކެވެ."
ޛާތުއްސަލާސިލު
މި ހަނގުރާމައިގައި ބައިވެރިވި މުސްލިމު މުޖާހިދުންގެ އަދަދަކީ އަށާރަ ހާހެވެ. ހަނގުރާމައިގެ މައިދާނުގައި ދެ ލަޝްކަރު ބައްދަލުވުމުން ހުރުމުޒު ވަރަށް ފަޚުރުވެރިވެފައި، އޭނާގެ އަހަށް ސަވާރުވެގެން خالد بن الوليد رضى اللّـه عنــه،އާ މުޤާބަލާއަށް ނުކުތެވެ. ހުރުމުޒުވަނީ ޚާލިދުގެފާނާ މުބާރަޒާކޮށް އަވަހާރަކޮށްލުމަށް ވަރަށް ކެހިވެރި ރޭވުމެއް ރާވާފައެވެ. އެއީ، އޭނާ ޚާލިދުގެފާނާ މުބާރަޒާ ކުރާ ވަގުތު އޭނާގެ ސިފައިން އައިސް ޚާލިދުގެފާނު ޝަހީދުކޮށްލާ ގޮތަށެވެ. ނަމަވެސް އެބައިމީހުންނަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ދުޝްމިނުން އައިސް ޚާލިދުގެފާނު ވަށާލައިއިރަށް ޤަޢުޤާއު ބިން ޢަމްރަށް އެކަން މޭރުންވެވަޑައިގެން މުސްލިމު މުޖާހިދުންނާއެކު އައިސް ދުޝްމިނުން ބަލިކުރިއެވެ. އެވަގުތު ޚާލިދުގެފާނު ހުރުމުޒު ޤަތުލު ކުރެއްވިއެވެ.
މިހަނގުރާމައިގައި، ދުޝްމިނުން ސަފުސަފަށް އެތުރި މުސްލިމުންނާ ހަނގުރާމަ ކުރަން ތިބީ އެކަކަކު އަނެކަކާ ޗޭނު ގަނޑަކުން ބަނދެވިގެންނެވެ. އެއީ އެގޮތަށް ތިބުމުން ހަނގުރާމައިގެ މައިދާނުން ފިލަން ދިޔުމަށް އުނގަދޫވާނެތީއެވެ. މިހެންކަމުން މިހަނގުރާމައަށް ޛާތުއްސަލާސިލޭ ކިޔުނުނެވެ. ސަލާސިލަކީ، ޢަރަބިބަހުން ޗޭނަށް ކިޔޭ ނަމެކެވެ.
މި ހަނގުރާމައިގައި މުސްލިމުން ނުހަނު ބުންވަރާއި، ފަންވަރާއެކު ހަނގުރާމަކޮށް، ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ. މި ހަނގުރާމައިން މުސްލިމުންނަށް ވަރަށް ގިނަ ޣަނީމާ މުދާ ލިބުނެވެ. މި ލިބުނު ޣަނީމާ މުދާ އެރުވުނީ ސަތޭކަ ޖަމަލަށެވެ. ޣަނީމާ މުދަލުގެ ފަސްބައިކުޅަ އެއްބައި މަދީނާއަށް ފޮނުއްވިއެވެ. އެ ޣަނީމާ މުދަލުގެ ތެރޭގައި ހުރުމުޒުގެ ދަހަނާވެސް އޮތެވެ. أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަލުން އޭތި އަނބުރައި خالد بن الوليد رضى اللّـه عنــه، އަށް ފޮނުއްވިއެވެ. އަދި ވިދާޅުވީ އެއީ އެކަލޭގެފާނު ހަނގުރާމައިގެ މައިދާނުގައި ދެއްކެވި ހިތްވަރުފުޅު ގަދަކަމަށް ދެއްވި ހަދިޔާއެއް ކަމަށެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް