ސައިފުﷲ ޚާލިދު ބުނުލް ވަލީދު 10: ނުހަނު ޙިކުމަތްތެރިކަމާއެކު، ޙިޔަރާ އާއި އަންބާރު ފަތަޙަކުރެއްވުން

ކިޔުމަށް ހޭދަވާނީ 6މ 33ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 10: ނުހަނު ޙިކުމަތްތެރިކަމާއެކު، ޙިޔަރާ އާއި އަންބާރު ފަތަޙަކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް 

 

މައުރިކަތު ޙިޔަރާ معركة الحيرة

އިސްވެދެންނެވުނު، ހަނގުރާމަ ނިންމަވައިލެއްވުމަށްފަހު، ދެން خالد بن الوليد رضى اللّـه عنــه، މިސްރާބު ޖެއްސެވީحيرة އޭ ކިޔުނު ރަށާ ދިމާއަށެވެ. މި ހަނގުރާމައަށް މުސްލިމުން ދިޔައީ ކަނޑުމަގުން ނާފަހަރުތަކުގައެވެ. މި ޚަބަރު ދުޝްމިނުންނަށް ލިބުމުން އެބައިމީހުން އެކިދިމަދިމާލުން ހަދާފައިވާ ޑޭމްތަކާއި ފާލަންތައް ބައްދާލީއެވެ. މިކަމުގެ ސަބަބުން خالد بن الوليد رضى اللّـه عنــه، އަށް ޖެހިވަޑައިގެންނެވީ حيرة އާ ކައިރިއަށް ވަޑައިނުގެން ކަނޑުގައި ނާފަހަރުތައް ބަނދަރު ކުރައްވާށެވެ.

މި ދަތި ދަނޑިވަޅުގައިވެސް خالد بن الوليد رضى اللّـه عنــه، ވަރަށް ހަމަޖެހިވަޑައިގެން ނުހަނު ޙިކުމަތްތެރިކަމާއެކު ގޮތެއް ނިންމެވިއެވެ. އެއީ، ފާލަންތަކާއި ޑޭމްތައް ބަލަހައްޓަމުން ގެންދިޔަ ދުޝްމިނުންނާ ޙަމަލަދެއްވުމަށެވެ. އެ މަޤްޞަދުގައި، خالد بن الوليد رضى اللّـه عنــه، މުސްލިމު ސިފައިންގެ ޔުނިޓަކާއެކު ވަޑައިގެން ފާލަންތަކާއި ޑޭމްތައް ބަލަހައްޓަމުން ގެންދިޔަ ދުޝްމިނުންނާ ޙަމަލަދެއްވިއެވެ. އަދި އެބައިމީހުން ޤަތުލުކުރެއްވިއެވެ.

ދެން، ޑޭމްތައް ބެހެލެހެއްޓުމަށް މުސްލިމު ސިފައިން ބައިތިއްބުވައި، ޑޭމްތަކުން ފެންހިނގާނެ ގޮތް ހެއްދެވިއެވެ. ދެން ނާފަހަރުތައް حيرة އާ ގާތްކޮށް، މުސްލިމުންގެ ލަޝްކަރު އެތަނަށް ފޭބިއިރު ދުޝްމިނުންތިބީ، ބޮޑު ކިއްލާއެއްގެ ހިމާޔަތް ހޯދައިގެންނެވެ. خالد بن الوليد رضى اللّـه عنــه، އެބައިމީހުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. ފާރިސީ މީހުން އެތަނުގައި ތިބެގެން މުސްލިމު މުޖާހިދުނާ ދިމާއަށް ކުދިކުދި ހިލަކޮޅުކޮޅު އުކައި ދެކޮޅުވެރިކަން ފާޅު ކުރިއެވެ. މުސްލިމުން އެބައިމީހުންނަށް ރައްދު ދިނީ ދުނިދަނޑި އުއްކަވައިގެންނެވެ. އެގޮތުން ފާރިސީންނަށް މުސްލިމުން ބަލިނުވާނެކަން އެނގުމުން އަމާންދީ ޖިޒީދީގެން ތިބުމަށް އެއްބަސްވެއްޖެއެވެ.

އެތަނުން ކޮންމެ ކިއްލާއެއްގެ ބޮޑުން ނިކުމެ خالد بن الوليد رضى اللّـه عنــه، އާ ބައްދަލުކުރެއްވިއެވެ. އެބައިމީހުންނާ ވާހަކަދައްކައި އެއްބަސްވެވުނު ގޮތަކީ، އަހަރުން އަހަރަށް ޖިޒީދެއްކުމެވެ. އެއީ އަހަރަކު 190،000 ދިރުހަމެވެ. އެއީ، އެބައިމީހުންގެ ދީނުގައި އެއްވެސް ބިރުވެރިކަމެއް ނުރައްކާތެރިކަމެއްނެތި ތިބެވޭނެ ގޮތަށެވެ.  އެބައިމީހުންނަށް މުސްލިމު ދައުލަތުގެ ފަރާތުން ޙިމާޔަތް ލިބޭނެކަމުގެ އެއްބަސްވުމެއްވެސް އެތަނުގައި ކުރެވިގެން ދިޔައެވެ. އެއީ، މުސްލިމުން އެބައިމީހުން ޙިމާޔަތްކުރުމުން ނުކުޅެދިއްޖެނަމަ، އެ އެއްބަސްވުން ބާތިލުވާނެ ގޮތުގެ މަތިންނެވެ. ހަމައެއާއެކު حيرة ގެ މީހުންގެ ފަރާތުން އެއްވެސް ކަހަލަ މަކަރުވެރިކަމެއް ފާޅުވެއްޖެނަމަވެސް އެ އެއްބަސްވުން ބާތިލުވާ ގޮތަށެވެ.  މި އެގްރިމެންޓް ލިޔެވުނީ ހިޖުރައިން 12 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ ތެރޭގައެވެ.

{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 580-576}

އަލް އަންބާރު ފަތަޙަ ކުރެއްވުން

ކުރީން أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަންވައިފައިވަނީ، خالد بن الوليد رضى اللّـه عنــه، އާއި، عياض بن غنم رضى اللّـه عنــه، އާ ދެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވާދަޖައްސަވައި، އެންމެ ފުރަތަމަ حيرة އަށް ގޮސް އެތަން ފަތަޙަ ކުރެވެނީ ކޮން ބޭކަލަކަށްތޯ ބެއްލެވުމަށެވެ. خالد بن الوليد رضى اللّـه عنــه، ޢިރާޤުކަރަ ފަތަޙަ ކުރައްވަމުން ވަޑައިގެންނެވީ، ޢިރާޤުގެ ދެކުނު ކޮޅުންނެވެ. عياض بن غنم رضى اللّـه عنــه، ވަޑައިގެންނެވީ އުތުރު ކޮޅުންނެވެ. ކަންތައްދިމާކުރޮގޮތުން އެންމެ ފުރަތަމަ حيرة އަށް ގޮސް އެތަން ފަތަޙަ ކުރެވެނީ خالد بن الوليد رضى اللّـه عنــه އަށެވެ.

އޭރު عياض بن غنم رضى اللّـه عنــه، ހުންނެވީ ދޫމަތުލް ޖަންދަލުގައެވެ. އެތަން ފަތަޙަ ކުރުމަށް އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެން ގޮންޖެހުންތައް ޙައްލުކޮށްދެއްވައި، އެކަލޭގެފާނަށް އެހީތެރިކަމުގެ އަތްޕުޅެއް ފޯރުކޮށްދެއްވުމަށްޓަކައި، خالد بن الوليد رضى اللّـه عنــه މިސްރާބު ޖެއްސެވިއެވެ. އެކަލޭގެފާނު ވަޑައިގެން މަގުމަތީގައި، އަލްއަންބާރުގެ ދުޝްމަނުން މުސްލިމުންގެ ލަޝްކަރާ ހުރަހޮޅިގެންފިއެވެ. ދެން خالد بن الوليد رضى اللّـه عنــه ނިންމެވީ އެބައިމީހުން މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.

މިބައިމީހުން އުޅުނީ އިސްލާމީ ލަޝްކަރަށް ދަތިކުރުމަށްޓަކައި އެބައިމީހުންގެ ރަށަށް ނޭރޭނެހެން ޚަންދަޤެއްވެސް ކޮނެގެންނެވެ. ދެން، خالد بن الوليد رضى اللّـه عنــه އެންގެވީ މުސްލިމުންގެ ލަޝްކަރުގައިވާ ވަރުދެރަ ނިކަމެތި ޖަމަލުތައް ލަތިލައްވައި، ޚަންދަޤު ގެ ތިލަ ހިސާބުތަކަށް އެޅުމަށެވެ. މިގޮތަށް ކަންތައްކުރުމުން ޚަންދަޤު ގެ ތިލަ ހިސާބުތަކުން މީސްތަކުންނަށް ހުރަސް ކުރެވޭގޮތްވެއްޖެއެވެ. މުސްލިމުންގެ ލަޝްކަރު ޚަންދަޤު ހުރަސްކޮށް އަންނަތަން ފެނުމުން ދުޝްމިނުންގެ މީސްތަކުން ގޮސް އެބައިމީހުންގެ ބޮޑެތި ބޮޑެތި ކިއްލާތަކުގައި ފިލައި ރައްކައުތެރިވެގެން ތިބެއްޖެއެވެ.

މުސްލިމުން އައިސް އެބައިމީހުންގެ ކިއްލާތައް ވަށާލުމުން އެބައިމީހުންގެ ވެރިއަކަށް ހުރި ޝިރުޒާދަށް ހަތިޔާރު ބަހައްޓައި އަމާންދޭން މަޖުބޫރުވެއްޖެއެވެ. އޭނާ އަންބާރުން އެއްވެސް މުދަލެއްނެތި ހަމައެކަނި އަސްވާރުން ކޮޅަކާއި އެކު ނިކުތުމަށް އެދުމުން، އެ ހުއްދަ خالد بن الوليد رضى اللّـه عنــه އޭނާއަށް ދެއްވިއެވެ.

{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 589-588}

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން