މަރުވަމުން ދިއަ ވަގުތު މަންމަ ކުރި ދުޢާއިން މަންމަގެ ރޫޙް ދެމަފިރިއަކާ ބައްދަލުކޮށް ތުއްތު ދަރިފުޅު ސަލާމަތްކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
މަރުވަމުން ދިއަ ވަގުތު މަންމަ ކުރި ދުޢާއިން މަންމަގެ ރޫޙް ދެމަފިރިއަކާ ބައްދަލުކޮށް ތުއްތު ދަރިފުޅު ސަލާމަތްކުރި ގޮތުގެ ވާހަކަ-

ޒީނަތަކީ އެކަނިވެރި މައެކެވެ. ބަނޑަށް 4 މަހުގައި ވަރިކޮށްލުމުން އެކަނި ދިރިއުޅެ، އެކަނި ހޮސްޕިޓަލަށް ގޮސް ވިހައި ގަދަވެ ދަރިފުޅު ގޮވައިގެން އެކަނި ދިރިއުޅުނު އަންހެނެކެވެ. 

އެއީ ސަހަރާގައި ވެލީގެ ޠޫފާންތަކެއް އުފެދިގެން އުޅުނު ދުވަސްތަކެކެވެ. ޒީނަތުގެ މަންމަގެ ބަލިބޮޑުވުމުން ޒީނަތަށް ޖެހުނީ ދަރިފުޅު ގޮވައިގެން ކާރުގައި ދިގުދަތުރެއްކުރާށެވެ. ދަތުރުގެ މެދުތެރެއިން ޠޫފާނެއްގައިޖެހި ދެވޭ ނުދެވޭތަނެއްވެސް ނޭގިގޮސް ތަނެއްގައި ޖެހި ކާރުގެ އިންޖީނުގައި ހުޅުހިފިއެވެ. 

ޒީނަތުގެ މޭގައި ހުންގާނު ޖެހިލިބުނު އަނިޔާގެ ސަބަބުން ދަރިފުޅު ސަލާމަތްކުރަން ޒީނަތަށް ތެދުވެވޭނެ ގޮތެއް ނުވިއެވެ. އެވަގުތު ޒީނަތު ހިތްވަރުކޮށްލާފައި ދެއަތްމައްޗަށް އުފުލައި ދުޢާކުރިއެވެ. "ޔާ ﷲ! މިއަލާގެ ފުރާނަ ގެންދެވިނަމަވެސް މިއަޅާގެ ދަރިފުޅަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ!" އާމީން 

އެމަގުން ދަތުކުރި ދެމަފިރިއަކަށް މަގުމެދުގައި ހުރި އަންހެނަކު ފެނުނެވެ. އެފަދަ ވަގުތެއްގައި ބޮޑު މުޞީބާތެއް ޖެހިގެން ނޫނީ އަންހެނަކު މަގުމެދުގައި ނުހުންނާނެކަން ޤަބޫލުކުރެވޭތީ ކާރުމަޑުކޮށް ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ ކާރު އެކްސިޑެންޓްވީކަމަށާއި ދަރިފުޅު ސަލާމަތް ނުކުރެވި ފަހަތު ސީޓުގައި އެބައޮތް ކަމަށެވެ. 

އޭނާ ދެއްކި ދިމާއަށް ފިރިމީހާ ހިނގައިގަތެވެ. އަންހެން މީހާވެސް ހިނގައިގަތެވެ. ފިރިމީހާ ގޮސް ފަހަތު ދޮރުހުޅުވައި އަހަރުވެސް ނުވާ ތުއްތުކުއްޖާ ސަލާމަތްކޮށްފައި ގޮވައިގެން ހިނގައިގަންނަން ބަލައިލިއިރު އޭނާ އާއި ދެންމެ މަގުމަތިން ވާހަކަ ދެއްކި އަންހެން މީހާ ހޭނެތިފައި ކުރީ ސީޓުގައި އިންދާ ފެނުނެވެ. 

ލިބުނު ޙައިރާންކަމާއިއެކު ކުއްޖާ ގެންގޮސް އަނބިމީހާ އާއި ޙަވާލުކުރުމަށްފަހު އެމްބިޔުލާންސް ގެނުވައިގެން އަންހެން މީހާ ހޮސްޕިޓަލަށް ގެންދުވިއެވެ. އެމްބިޔުލާންސްގައި އައި ޑޮކްޓަރުން ބުނީ އެކްސިޑެންޓް ހިނގުމަށްފަހު އޭނާއަށް ގޮނޑިން ނުތެދުވެވޭކަން ޔަޤީންކުރެވޭކަމަށެވެ. ހޮސްޕިޓަލުގައި ހޭނާރާއޮވެ އޭނާ ނިޔާވީއެވެ. ވީމާ އެކަން އެވީގޮތެއް އޮތީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައެވެ. 

ދެމަފިރިންނަކީ ތަނަވަސް ދެމަފިރިންނެވެ. އެހެންކަމުން އެތުއްތު ކުއްޖާ އެމީހުންގެ އަމިއްލަ ދަރިއެއް ފަދައިން ގެންގުޅެ ބޮޑުކުރީއެވެ. 

ކުއްޖާގެ އުމުރުން 3 އަހަރުވެސް ވީފަހުން ފުލުހުން އެއަންހެން މީހާގެ ފޯނު ގެނެސް ދެމަފިރިންނާއި ޙަވާލުކުރިއެވެ. އެކްސިޑެންޓްގެ ކަންތައްވީގޮތާއި ކުރި ދުޢާ އެނގުނީ އޭނާގެފޯނަށް ރެކޯޑްކުރެވިފައި އޮތުމުންނެވެ. ޤަޞްދުގައި ނަމަވެސް ޤަޞްދުގައި ނޫންނަމަވެސް އޭނާއަށް ވަނީ އެހާދިސާގެ ވަގުތުގެ ކަންކަން އޭނާގެ އަޑުން ފޯނަށް ރެކޯޑްކުރެވިފައެވެ. 

މިކަންކަން އޮޅުން ފިލުމުން ލިބުނު ޙައިރާންކަން ބޮޑުވެ އިމާމަކަށް ކިޔައިދިނުމުން އިމާމް ބުނީ މަގުމަތިން އެބައްދަލުވެ ވާހަކަ ދެކެވުނީ އަންހެން މީހާ އާއި ނޫންކަމަށާއި އޭނާގެ ރޫޙާއި ކަމަށެވެ. އޭނާ ކުރި ދުޢާގެ ސަބަބުން މެދުވެރިކުރެއްވެވި ކަމަކަށްވެދާނެ ކަމަށެވެ. އަދި އަމިއްލަ ދަރިންނަށްވުރެ ބޮޑަށް އެކުއްޖާއަށް ސަމާލުކަންދީގެން ބަލައި ބޮޑުކުރުން ވަރަށް މުހިންމު ކަމަށެވެ. އެދަރިފުޅު އެދެމަފިރިންނާއި ޙަވާލުކުރައްވަވާފައިއެވަނީ ވަރަށް ބޮޑު ޙިކުމަތަކަށްޓަކައި ކަމަށެވެ. އެކަމަށް ފަރުވާތެރިވުމުން ވަރަށް ގިނަ ފައިދާތައް ކުރާނެ ކަމަށެވެ. 

އިމާމްގެ ނަޞޭޙަތް ދެމަފިރިން ޤަބޫލުކުރުމުން ކުރިފައިދާ ވަރަށް ބޮޑެވެ. ކުއްޖާވީ މޮޅު ކުއްޖަކަށެވެ. ދެމަފިރިންގެ އަމިއްލަ 3 ދަރިންނަށްވުރެވެސް ބޮޑަށް ދެމަފިރިންނާއި އަޅައިލާ ދަރިއަކަށެވެ. 

މިއީ އަޅުގަނޑުމެން ދެމަފިރިންނަކީވެސް މިސްކީނު 2 ދަރިން ބަލާ ބައަކަށްވާތީ ހިތްވަރުދިނުމުގެ ގޮތުން އެކުވެރިއަކު ހިއްޞާކުރި ވާހަކައެކެވެ. އަޅުގަނޑަށް މިހާދިސާއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ މަންމަ އެކުރި ދުޢާގެ އަސަރު ފޯރިގޮތެވެ. ﷲ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަވެވޮޑިގެންވާކަމެވެ. އިންސާނުންގެ ބުއްދިއަށް ނުވެސް ގެނެވޭނެހައި ގޮތްތަކުން މީސްތަކުންނަށް ނިޢްމަތްތައް މިންވަރުކޮށްދެއްވަވާކަމެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތްވާން މެދުވެރިވި ސަބަބު ނިކަން ދެކިބަލާށެވެ! އަދި އެކުއްޖާއަށް ލެއްވެވި ރަޙްމަތްވެސް ނިކަން ދެކި ބަލާށެވެ! ވިސްނައިފި މީހަކަށް މިހުރީ އާދައިގެ ކަންކަމެއް ނޫނެވެ. 

 

--ޚަދީޖާ ؟ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން