ޢަލީ އިޙްޞާން ފިރާޤް
މަޢުރިކަތު ޢައިނުލް ތަމްރު - معركة عين التمر
އަންބާރުގެ ކަންތައް ހަމައަކަށް އެޅުވުމަށްފަހު، خالد بن الوليد رضى اللّـه عنــه އެކަލޭގެފާނުގެ ދަތުރުފުޅާއިގެން އުތުރަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނަށް عين التمر އޭ ކިޔުނު ތަނަށް ވަޑައިގެންނެވުތަނާ عقة بن أبي عقة އޭކިޔުނު މީހަކު މުސްލިމުންނާ ދެކޮޅަށް ލަޝްކަރީން ޖަމާކޮށްގެން އައިސް خالد بن الوليد رضى اللّـه عنــه އާ ބައްދަލުކޮށްފިއެވެ. މި ލަޝްކަރުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކުވެއެވެ.
ލަސްތަކެއްނުވެ ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލުންތައް ފެށިއްޖެއެވެ. ގަދަފަދަ ހަނގުރާމައަކަށްފަހު މިބައިމީހުންނާވެސް ހަނގުރާމަކޮށް މުސްލިމުން ކާމިޔާބު ހޯދައިފިއެވެ. މުސްލިމުން ދެން ގޮސް އެ ޝަހަރުގައިވާ ކިއްލާތައް ބެލުމުން ފެނުނީ ނަޞާރާދީނުގެ ފާދިރީން ތަކެކެވެ. އެބައިމީހުން އަމާންދިނުމުން ދޫކޮށްލިއެވެ. މި ހަނގުރާމައިގައި ހައްޔަރުކުރެވުނު عقة بن أبي عقة ގެ ލަޝްކަރުގެ މީހުންތައް ޤަތުލުކުރެވުނީއެވެ. މި ހަނގުރާމައިންވެސް ވަރަށް ގިނަ ޣަނީމާމުދާ މުސްލިމުންނަށް ލިބުނެވެ.
عقة بن أبي عقة ގެ ލަޝްކަރުގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބުނުތަނާ ކަހަލަ ގޮތަކަށް خالد بن الوليد رضى اللّـه عنــه އަށް عياض بن غنم رضى اللّـه عنــه، ގެ ސިޓީފުޅެއް ލިބިވަޑައިގެންފިއެވެ. އެސިޓީފުޅުގައިވަނީ، އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންވުމަށް އެދިވަޑައިގެންފައެވެ. خالد بن الوليد رضى اللّـه عنــه އެ ސިޓީފުޅުގެ ޖަވާބެއްގެ ގޮތުގައި، ލިޔުއްވިއެވެ. "އަޅުގަނޑު މިހާރު މިހުރީ ކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމުގެ މަގުމަތީގައެވެ."
ދޫމަތުލް ޖަންދަލު
خالد بن الوليد رضى اللّـه عنــه ދޫމަތުލް ޖަންދަލަށް ވަޑައިގަންވަން މިސްރާބު ޖެއްސެވުމާއެކު އެކަލޭގެފާނު ވަޑައިގަންނަވާ ކަމުގެ ޚަބަރު، އެތަނުގެ ވެރިންނަށް އެނގިއްޖެއެވެ. އޭރު ދޫމަތުލް ޖަންދަލުގެ ވެރިންގެ ގޮތުގައި ދެ މީހަކު ތިއްބެވެ. އެއީ، أكيدر بن عبد الملك އާއި، الجودي بن ربيعة އެވެ. خالد بن الوليد رضى اللّـه عنــه ވަޑައިގަންވާ ޚަބަރު ލިބުމުން މިބައިމީހުން ގަތްބިރުން އަވަހަށް އެބައިމީހުންނަށް ވާގިވެރިވާ ފަރާތްތަކަށް އަންގައިގެން ހަނގުރާމަވެރިން ފޮނުވުމަށް އެދިގެންފިއެވެ.
أكيدر بن عبد الملك އާއި، الجودي بن ربيعة އަށްވަނީ خالد بن الوليد رضى اللّـه عنــه ގެ ކުޅަދާނަފުޅުކަން ތަބޫކު ހަނގުރާމައިގައި ފެނިފައެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަމަރުފުޅަށް أكيدر بن عبد الملك ހައްޔަރުކޮށްގެން ގެނައީ خالد بن الوليد رضى اللّـه عنــه އެވެ. އޭނާ ހައްޔަރުކޮށްގެން ގެނައުމުން އޭނާ ގަތުލުކުރުމުގެ ބަދަލުގައި އޭނާއާ އެއްބަސްވުމެއް ހަދައި އަހުދުކަށަވަރުހިފައި އޭނާ ދޫކޮށްލެވުނެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ أكيدر بن عبد الملك ވަނީ އެ އެއްބަސްވުމާ ޚިލާފުވެފައެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އަށް ޚިޔާނާތްތެރިވެފައެވެ. خالد بن الوليد رضى اللّـه عنــه ވަޑައިގަންވާ ޚަބަރު އޭނާއަށް ލިބުމުން އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ނަބިއްޔާ صلّى اللّـه عليه وسلّم އަށްވީ ޚިޔާނާތުގެ ބަދަލު އެކަލޭގެފާނު ހިތްޕަވާނެކަން އެނގޭތީއެވެ.
މިކަމާ ގަތްބިރުން، އޭނާ الجودي بن ربيعة އަށް ބުންޏެވެ. " އަހަރެން ވަރަށް ރަނގަޅަށް ޚާލިދު ދަންނަމެވެ. ހަނގުރާމައިގެ ހެކިކަމުގައި އޭނާއާ ވާދަކޮށްލެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ހަނގުރާމައިގެ މައިދާނުގައި އޭނާގެ މޫނު ފެނުނަސް ކިތަންމެ ބައިބޯ ލަޝްކަރެއްވެސް ފިލަންދުވެއެވެ. އެހެން ކަމުން އޭނާއާ ސުލްހަވާން ހިނގާށެވެ." ނަމަވެސް الجودي بن ربيعة މިގޮތަކާ އެއްބަހެއް ނުވިއެވެ.
އެއަށްފަހު أكيدر بن عبد الملك އޭނާއަށް ދެވޭ އެންމެ ދުރަކަށް ފިލައިގެން ދިޔުމަށް ނުކުމެއްޖެއެވެ. އެ ޚަބަރު خالد بن الوليد رضى اللّـه عنــه އަށް ލިބިވަޑައިގެންވެމުން عاصم بن عمرو التميمي رضى اللّـه عنــه އޭނާގެ ހޯދުމަށްޓަކައި ފޮނުއްވިއެވެ. عاصم بن عمرو التميمي رضى اللّـه عنــه ވަރަށް އަވަސް ފުރުސަތެއްގައި، أكيدر بن عبد الملك ހައްޔަރު ކުރައްވައިގެން ގެނެސް خالد بن الوليد رضى اللّـه عنــه އާ ޙަވާލު ކުރެއްވިއެވެ. އެކަލޭގެފާނު ޙުކުމް ކުރެއްވީ أكيدر بن عبد الملك ޤަތުލުކުރުމަށެވެ. އޭނާ ވީ ޚިޔާނާތުގެ ބަދަލެއްގެ ގޮތުންނެވެ.
خالد بن الوليد رضى اللّـه عنــه ވަޑައިގެންނެވުމާއެކު ހަނގުރާމަ ފެށިއްޖެއެވެ. ދޫމަތުލް ޖަންދަލު މީހުންނާއި އެބައިމީހުންނަށް ވާގިވެރިވާ ޖަމާއަތްތައް ދެ ބަޔަކަށް ބަހައިގެން، އޭގެ ތެރެއިން އެއްބަޔަކު، خالد بن الوليد رضى اللّـه عنــه އާ، އަނެއްބަޔަކު، عياض بن غنم رضى اللّـه عنــه،ގެ ލަޝްކަރާ ހަނގުރާމަ ކުރަމުން ގެންދިޔައެވެ. خالد بن الوليد رضى اللّـه عنــه އެކަލޭގެފާނާ ދިމާއަށް އައި ލަޝްކަރު ވަރަށް އަވަސް ފުރުސަތެއްގައި ބަލިކުރެއްވިއެވެ. عياض بن غنم رضى اللّـه عنــه، ވެސް އެކަލޭގެފާނުގެ ލަޝްކަރާ ދިމާއަށް އައި ދުޝްމިނުންގެ ބައިގަނޑު ހިސާބެއްގެ ތުރާލާއެކު ބަލިކުރެއްވިއެވެ.
މި ހަނގުރާމައިގެ ބަލިވެގެން ފިލައިގެން ދިޔަ ދުޝްމަނުންގެ ބައިގަނޑު އަމާންކަން ހޯދީ، ދޫމަތުލް ޖަންދަލުގެ ވަރުގަދަ ކިއްލާގެ ތެރެއިންނެވެ. އޭރު އެކިއްލާވަނީ ފިލާން ދުވުނު ދުޝްމިނުންގެ މީހުންނާއިގެން ފުރި ބާރުވެފައެވެ. خالد بن الوليد رضى اللّـه عنــه އެތަނަށް ވަޑައިގެން ކިއްލާގެ ދޮރު ހަލާކުކޮށްލަވައިގެން ކިއްލާތެރެއަށް ވަޑައިގެން ދުޝްމިނުންނާ ހަނގުރާމަ ކުރެއްވިއެވެ. މިކުރެއްވި ހަނގުރާމައިގައި ސުމާރެއް ނެތްހައިގިނަ އަދަދެއްގެ ދުޝްމަނުން ޤަތުލުވެގެންދިއެވެ.
معركة الفراض
فراض ހަނގުރާމައިގެ ކުރީންވެސް خالد بن الوليد رضى اللّـه عنــه ވަނީ ދެ ހަނގުރާމައެއް ކުރައްވާފައެވެ. އެއީ، معركة الحصيد އާއި، معركة المصيخ އެވެ. فراض ހަނގުރާމައަކީ، ޢިރާޤުކަރައިގައި، خالد بن الوليد رضى اللّـه عنــه ކުރެއްވި އެންމެފަހު ހަނގުރާމައެވެ. މި ހަނގުރާމައަށް ދުޝްމަނުންގެ ވަރަށް ބޮޑު ލަޝްކަރެއް ޖަމާވެފައި އޮތެވެ. ދުޝްމިނުންގެ ލަޝްކަރު ފުރާތުކޯރުގެ އައްސޭރިއަށް އައިސް خالد بن الوليد رضى اللّـه عنــه އަށް ޚަބަރު ފޮނުވިއެވެ. "ފުރާތު ކޯރު ހުރަސްކޮށް އަހަރެމެންނާ ކުރިމަތިލުމަށް އަންނާނީ ތިޔަބައިމީހުން ހެއްޔެވެ؟ ނުތަވަ ފުރާތު ކޯރު ހުރަސްކޮށް ހަނގުރާމަ ކުރަން އަހަރެމެން ދާންވީ ހެއްޔެވެ.؟ خالد بن الوليد رضى اللّـه عنــه ޖަވާބު ފޮނުއްވިއެވެ. "ތިޔަބައިމީހުން ކޯރު ހުރަސްކޮށް އަންނާށެވެ."
ދެން އެބައިމީހުން ފުރާތު ކޯރު ހުރަސްކޮށް އައުމުން ހަނގުރާމަ ފެށިއްޖެއެވެ. ދެބައިމީހުންގެ ދެމެދުގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރެވުނެވެ. މި ހަނގުރާމައިގައި ދުޝްމަނުންނަށް ވަރަށް ބޮޑުތި ގެއްލުންތައް ލިބުނެވެ. އެގޮތުން، އެބައިމީހުންގެ ތެރެއިން ދިހަ ހާސް މީހުން ޤަތުލުވެގެން ދިޔަ ކަމަށް ރިވާވެފައިވެއެވެ.
މި ހަނގުރާމައަށްފަހު خالد بن الوليد رضى اللّـه عنــه ދިހަ ދުވަސްވަންދެން فراض ގައި ހުންނެވުމަށްފަހު، حيرة އަށް ވަޑައިގެންނެވިއެވެ. މި ހަނގުރާމަ ހިނގައިފައިވަނީ ހިޖުރައިން ބާރަވަނަ އަހަރުގެ ޛުލްޤައިދާ މަހުގެ ތެރޭގައެވެ.
{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 601-599}
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް