ސޫރަތުލް ފާތިޙާއަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން މުސްލިމުން އެންމެ ގިނައިން ކިޔަވާ އެއް ސޫރަތެކެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި ކިޔަވަން ޖެހޭ ސޫރަތެކެވެ. އެ ސޫރަތް ކިޔެވުމާނުލައި ނަމާދު ޞައްޙަ ނުވާ ސޫރަތެކެވެ. ސޫރަތުލް ފާތިޙާ ކިޔަވާ ކޮންމެ ފަހަރަކު އަރަހުށި މާތް ﷲ އެކަލާނގެ އަޅާއަށް އިޖާބަދެއްވަވައެވެ.
އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައިވާ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވެވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ.
"ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާއާދެމެދު ނަމާދު ދެބަޔަކަށް ބައްސަވައިފީމުއެވެ. ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދެފި އެއްޗެއް ދެއްވާނަމެވެ.
ފަހެ އަޅާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އޭ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ޙަމްދުކޮށްފިއެވެ.
الرَّحْمَٰنِ الرَّحِيمِ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ސަނާ ކިޔައިފިއެވެ.
مَالِكِ يَوْمِ الدِّينِ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ މާތްކޮށްފިއެވެ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. މިއީ ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާއާ ދެމެދުގައިވާ ކަމެކެވެ. ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދެފި އެއްޗެއް ދެއްވާނަމެވެ.]
اهْدِنَا الصِّرَاطَ الْمُسْتَقِيمَ
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. މިއީ ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާއާ ދެމެދުގައިވާ ކަމެކެވެ. ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދެފި އެއްޗެއް ދެއްވާނަމެވެ.]
{صحيح مسلم، كتاب الصلاة، باب وُجُوبِ قِرَاءَةِ الْفَاتِحَةِ فِي كُلِّ رَكْعَةٍ وَإِنَّهُ إِذَا لَمْ يُحْسِنِ الْفَاتِحَةَ وَلاَ أَمْكَنَهُ تَعَلُّمُهَا قَرَأَ مَا تَيَسَّرَ لَهُ مِنْ غَيْرِهَا، ޙަދީޘް ނަންބަރު 395}
މިދެންނެވި ޙަދީޘުން އެނގޭ ގޮތުގައި މި ސޫރަތުގެ ކޮންމެ އާޔަތެއް ކިޔުމުން އެމީހަކަށް އަރަހުށި މާތްﷲ ޖަވާބު ދެއްވައެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މި މަތިވެރި ސޫރަތް ކިޔަވަނީ އެކަން ނޭނގިތިބެއެވެ. ދެން ފަހަރަކުން މި ސޫރަތް ކިޔަވާއިރު މިދެންނެވި ކަންތައްތައް ކިޔާލުމުން ނަމާދަށް އިތުރު ފުރިހަމަ ކަމެއް އަންނާނެކަން ޔަޤީނެވެ.
ޙަވާލާ
1. https://lifeinsaudiarabia.net/do-you-know-what-allah-replies-when-you-recite-surah-fatiha/
2. {صحيح مسلم، كتاب الصلاة، باب وُجُوبِ قِرَاءَةِ الْفَاتِحَةِ فِي كُلِّ رَكْعَةٍ وَإِنَّهُ إِذَا لَمْ يُحْسِنِ الْفَاتِحَةَ وَلاَ أَمْكَنَهُ تَعَلُّمُهَا قَرَأَ مَا تَيَسَّرَ لَهُ مِنْ غَيْرِهَا، ޙަދީޘް ނަންބަރު 395}hu
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް