ރޫޙާނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ 5 ގޮތް: 1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
ރޫޙާނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ 5 ގޮތް: 1

ސިޙުރު ހާހޫރައާއި، ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ އުދަގޫތަކާ ގެއްލުންތަކުގެ ވާހަކައަކީ އަބަދުވެސް އަޅުގަނޑުމެންގެ މުޖްތަމަޢު ތަކުގައި ދެކެވެމުންދާ ވާހަކަތަކެއް. އެގޮތުން މިވީޑިއޯގައި ބަލާލާނީ ކީރިތި ޤުރްޢާނާއި، ނަބިއްޔާ ﷺ ގެ ސުންނަތުގެ އަލީގައި ސިޙުރު ހާހޫރައާއި، ޖިންނި ޝައިޠާނުންގެ ނުބައިކަމުން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ފަސްކަމެއްގެ މައްޗަށް އެގޮތުން.

ފުރަތަމައީ: އިޚްލާޞް، ފަލަޤް، ނާސް ތިންސޫރަތް ކިޔެވުން، މިއީ ބަރަކާތްތެރި ތިންސޫރަތް. ކިޔަވާފަރާތްތަކަށްވާ ރައްކާތެރިކަމެއް. ބަލިތަކަށްވާފަރުވާއެއް، ނަބިއްޔާ ﷺ އަށް ސިޙުރު ޖެހިވަޑައިގަތުމުން މިދެސޫރަތް ކިޔަވާވިދާޅުވި އަދިހަމަ އެހެންމެ ނަބިއްޔާ ﷺ އަށް އާލާސްކަންފުޅެއް ކުރިމަތި ވެއްޖެނަމަ މިތިންސޫރަތް ކިޔަވާވިދާޅުވުމަށްފަހު އަތަށް ފުމެލައްވާ ގައިގާ އަތްފިރުމާލައްވާ ކަމުގައި ރިވާވެގެންވޭ.

ހެނދުނާއި، ހަވީރު މިތިންސޫރަތް ކިޔެވުމަކީ އެންމެހައި ނުބައި ކަމަކާއި ގެއްލުމަކުން މީހާ ސަލާމަތްތެރިކަމާ ރައްކާތެރިކަން ލިބިގެންދާނޭ ކަމެއް ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވޭ " قُلْ هُوَ اللَّهُ أَحَدٌ، وَالمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ - ثَلاَثَ مَرَّاتٍ - تَكْفِيكَ مِنْ كُلِّ شَيْءٍ "  މާނައީ ހެނދުނުވުމުންނާއި، އަދި ހަވީރުވުމުން " قُلْ هُوَ اللَّهُ أَحَدٌ، އަދި وَالمُعَوِّذَتَيْنِ " މާނައަކީ: ފަލަޤް ސޫރަތާއި، ނާސި ސޫރަތް، ތިންފަހަރު ކިޔަވާށެވެ. ތިބާއަށް ހުރިހާކަމަކަށް އެފުދޭނެއެވެ. މާނައަކީ: ހުރިހާ ގެއްލުމަކާއި، ހުރިހާ ނުބައިކަމަކުން މީހާއަށް ސަލާމަތްތެރިކަމަކާއި ރައްކާތެރިކަން ލިބިގެންދާނެއެވެ. 

އަދިހަމަ އެހެންމެ ކޮންމެ ނަމާދެއްގެ ފަހުގައާއި، ރޭގަނޑު ވުމުން މިސޫރަތްތައް ކިޔެވުމަށް ނަބިއްޔާ ﷺ  ވަނީ އިރުޝާދު ދެއްވާފަ، މާތްﷲ ރުއްސުންލެއްވި ޢުޤްބަތުބުނު ޢާމިރުގެ ކިބައިން ރިވާވެގެންވޭ ރަސޫލު  ﷺ  ޙަދީޘް ކުރެއްވި އެވެ. ކަލޭގެފާނު ރޭގަނޑަކާ ބައްދަލުކޮށްފިނަމަ އެސޫރަތްތައް އެރެއަކު ކިޔަވާށޭ! އެއީ: އިޚްލާޞް، ފަލަޤް، އަދި ނާސި، މިތިން ސޫރަތެވެ. ޢުޤްބަތު ބުނު ޢާމިރު  ވިދާޅުވެފައި ވެއެވެ. ކޮންމެ ނަމާދަކަށްފަހު " މުޢައްވިޛާތު " އެބަހީ: އިޚްލާޞް، ފަލަޤް، ނާސް، ކިޔެވުމަށް ނަބިއްޔާ  ﷺ  ތިމަންކަލޭގެފާނަށް އަމުރު ކުރެއްވިއެވެ.

މިތިންސޫރަތް ކިޔެވުމަކީ ޖިންނީންނާއި، އިންސާނުންގެ އެސްފީނައިން ސަލާމަތް ކަމާއި، ރައްކާތެރިކަން ލިބިގެންދާނޭ ކަމެއް. އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވޭ ފަލަޤް، ސޫރަތާއި، ނާސި، ސޫރަތް ބާއްވާލެއްވުމާއި ހަމަޔަށް ނަބިއްޔާ  ﷺ  ޖިންނީންނާއި، އިންސީންގެ އެސްފީނައިން ރައްކާތެރި ކޮށްދެއްވުންއެދި ދުޢާ ކުރައްވާ ކަމުގައިވޭ. އެއަށްފަހުގާ ފަލަޤް ސޫރަތާއި، ނާސި ސޫރަތް، ބާއްވާ ލެއްވުމަށްފަހުގައި އެހެނިހެން ދުޢާތައް ދޫކޮށްލެއްވި އެވެ. އަދިހަމަ އެހެންމެ ރޭގަނޑު ނިދުމުގެކުރިން މިތިންސޫރަތް ކިޔެވުމަކީ ސުންނަތެއް އަދި ރައްކާތެރި ކަމެއް ، ނަބިއްޔާ  ﷺ  ކޮންމެރެޔަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން މިސޫރަތްތައް ކިޔަވާ ވިދާޅުވުމަށްފަހު ދެއަތްޕުޅަށް ފުމެލައްވާ މޫނާއި ހަށިކޮޅުގައި އަތްޕުޅު ފިރުމާލައްވާ ކަމުގައި ރިވާވެގެންވޭ. މިތިންސޫރަތް ކިޔެވުމަކީ ރައްކާތެރި ކަމެއް ފަރުވާއެއް އެގޮތުން ހެނދުނާއި، ހަވީރު، އަދި ކޮންމެ ނަމާދަކަށްފަހުގަޔާއި، ރޭގަނޑުގާ އަދިހަމަ އެހެންމެ ނިދުމުގެ ކުރިން މިސޫރަތްތައް ކިޔެވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

އަދި ނުނިމޭ

- މިސްކަތު ފައުންޑޭޝަންގެ ދަރުސަކުން

މިއަދު އޮންލައިން