ސައިފުﷲ ޚާލިދު ބުނުލް ވަލީދު 12: ޙައްޖުވެވަޑައިގަތުމާއި ޝާމުކަރަ ފަތަޙަ ކުރެއްވުން

ކިޔުމަށް ހޭދަވާނީ 7މ 28ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 12: ޙައްޖުވެވަޑައިގަތުމާއި ޝާމުކަރަ ފަތަޙަ ކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް

 

ޙައްޖުވެވަޑައިގަތުން

خالد بن الوليد رضى اللّـه عنــه ދިހަ ދުވަސްވަންދެން فراض ގައި ހުންނެވުމަށްފަހު، حيرة އަށް ވަޑައިގެންނެވުމަށް ދަތުރު ފެއްޓެވުމަށް އެކަލޭގެފާނުގެ ލަޝްކަރުގެ މީހުންނަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނު އާންމު މުޖާހިދުންނާ އެއްސަފެއްގައި ދަތުރު ކުރައްވައި، ވަކި ހިސާބަކަށް ވަޑައިގެންނެވުމަށްފަހު، މަދު އަދަދެއްގެ މީސްކޮޅަކާއެކު ވަރަށް ސިއްރިއްޔާތުގައި، މައްކާއާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ.

خالد بن الوليد رضى اللّـه عنــه މައްކާއަށް ވަޑައިގެންނެވީ، އޭގެ ކުރީން މީހުން ބޭނުންކޮށް ނޫޅޭ އާ މަގަކުން ލައްވައިފައެވެ. އެއީ ޢިރާޤުގެ މީހުންނަށް އެކަލޭގެފާނު ޢިރާޤުގައި ނެތްކަން ނާންގަވަން ވެގެންނެވެ. خالد بن الوليد رضى اللّـه عنــه މައްކާއަށް ވަޑައިގެންނެވިއިރު، ހިޖުރައިން 12 ވަނަ އަހަރުގެ ޙައްޖުމަސްވަނީ ފެށުން ދާދި ގާތްވެފައެވެ.

އެއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، خالد بن الوليد رضى اللّـه عنــه  އަވަސް އަވަހަށް ވަޑައިގެން މުސްލިމުންގެ ލަޝްކަރާ ގުޅިވަޑައިގެންނެވިއެވެ. أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް، خالد بن الوليد رضى اللّـه عنــه  ޙައްޖުގެ އަޅުކަން އަދާކުރެއްވި ޚަބަރު ލިބިވަޑައިގެންނެވީ އެ އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖަށް ދިޔަ މަދީނާގެ މީސްތަކުންގެ ފަރާތުންނެވެ. އެކަމާ أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެއީ، أمير المؤمنين ގެ ހުއްދަ ވިދާޅު ބަސްފުޅަކާ ނުލައި، ލަޝްކަރުން ވަކިވެވަޑައިގެން ޙައްޖަށް ވަޑައިގެންނެވީތީއެވެ.

{ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 602-601}

ޝާމުކަރަ ފަތަޙަ ކުރެއްވުން

އެދުވަސްވަރު ޝާމުކަރައިގެ ބޮޑުބައި އޮތީ ރޯމަން އެންޕަޔަރުގެ ބާރުގެ ދަށުގައެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި، ޢަރަބިކަރައިގައި އިސްލާމްދީން ފެތުރުއްވަން ޚާއްޞަ އިސްކަމެއް ދެއްވި ފަދައިން، ޝާމުކަރައަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެކަލޭގެފާނު ރޫމުކަރައިގެ ރަސްގެފާނު ޙިރަޤުލަށް އިސްލާމްދީނުގެ މެސެޖް ދެއްވުމަށްޓަކައި ސިޓީފުޅެއް ލިޔުއްވިއެވެ.

ހަމައެފަދައިން، ޝާމުކަރައިގެ، ބަލްޤާގެ ރަސްގެފާނު الحارث بن أبي شمر الغساني އަށްވެސް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ސިޓީފުޅެއް ފޮނުއްވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި، ޝާމުކަރައިގެ މީހުންނާ ދެކޮޅަށް މުޢުތާ ހަނގުރާމައާއި ތަބޫކު ހަނގުރާމަ ކުރެވުނެވެ.

أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަށް، ޚަލީފާކަށް ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު ޝާމަކުރައިގެ ފުތޫޙާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ޝާމަކަރަ ފަތަޙަ ކުރެއްވުމަށްޓަކައި، އެކަލޭގެފާނު ހަތަރު ލަޝްކަރެއް ދިދަ ދެއްވައިފައި ފޮނުއްވިއެވެ. އެގޮތުން ދިމިޝްޤަށް يزيد بن أبي سفيان رضى اللّـه عنه ގެ ލަޝްކަރު، އުރުދުނަށް شُرَحبيل بن حسَنة رضى اللّـه عنه ގެ ލަޝްކަރު ޙިމްސަށް أبو عبيدة عامر بن عبدالله بن الجراح رضى اللّـه عنه ‎‎ ގެ ލަޝްކަރު އަދި ފަލަސްތީނަށް عمرو بن العاص رضى اللّـه عنه ގެ ލަޝްކަރެވެ. 

އިސްލާމީ ޚިލާފަތުގެ ފަރާތުން ޝާމުކަރައަށް މި ފޮނުވުނު ހަތަރު ލަޝްކަރަށް އެބޭކަލުންނަށް ޙަވާލު ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެނީ އެބޭކަލުންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ ބޮޑު އެމްޕަރަރެއްގެ ލަޝްކަރަކާއެވެ. މީސްގިނަ، ބާރުގަދަ ކަމަށް މަޝްހޫރު ބަޔަކާއެވެ. ޝާމުކަރައިގައި ރޯމަނުންތިބީ އަތުވެދާނެ ހަނގުރާމަވެރި ލަޝްކަރަކަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ގިނަ މީހުން އުޅެމުން ގެންދިޔައީ، ބޮޑެތި ބޮޑެތި އުސް ކިއްލާތަކާއި ބުރުޒުތައް ހަދައިގެން އެތަނުގެ ތެރޭގައި ރައްކާތެރިކަން ހޯދައިގެންނެވެ.

އެހެންކަމުން އެ ހަތަރު ލީޑަރުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ވަކިވަކިން ހަތަރު ލީޑަރުނާއި އެބޭކަލުންގެ ލަޝްކަރުވަޑައިގެން ޝާމުކަރައިގެ ސަރަހައްދުތައް ފަތަޙަ ކުރުމުގެ ބަދަލުގައި، ހުރިހާ ބޭކަލުން އެއްވެ، އެކަތިގަނޑަކަށްވެގެން ރޫމީންނާ ޙަމަލާ ދެއްވުމަށެވެ. މިއީ ޙިރަޤުލު ވިސްނައިގެން ހުރި ގޮތާ މުޅިން އިދިކޮޅު ގޮތެކެވެ. އޭނާ ވިސްނައިގެން ހުރީ ވަކިވަކީން މުސްލިމުންގެ ހަތަރު ލަޝްކަރާ ހަނގުރާމަކޮށް މުސްލިމުން ބަލިކުރުމަށެވެ. މި މަޤްޞަދުގައި މުސްލިމު ހަތަރު ލަޝްކަރު ޖަމާވާން ނިންމެވީ ޔަރުމޫކުއޭ ކިޔުނު މައިދާނެއްގައެވެ.

ޝާމުކަރައިގައި ހަރަކާތްތެރިވުމަށް ފޮނުއްވި ހަތަރު ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރަކަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެންމެ ފުރަތަމަ ލެއްވީ أبو عبيدة بن الجراح رضى اللّـه عنه ‎‎އެވެ. ނަމަވެސް ފަހުން أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އެންމެ އިސްކޮމާންޑަރަކަށް ލެއްވީ خالد بن الوليد رضى اللّـه عنــه އެވެ. އެކަލޭގެފާނު ކޮމާންޑަރަކަށް ވެވަޑައިގެންނެވުމަށް އަންގަވައި އެކަލޭގެފާނު ޔަރުމޫކަށް ވަޑައިގެންނެވުމަށް އެންގެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ ޢިރާޤުގައެވެ. އަދި އިސްލާމީ ލަޝްކަރުގެ އިސްކޮމާންޑަރުގެ މަޤާމުން أبو عبيدة رضى اللّـه عنه ‎‎ޢަޒުލުކުރެއްވި ވާހަކަ ބަޔާން ކުރައްވައި އެކަލޭގެފާނަށް أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ސިޓީފުޅެއްވެސް ފޮނުއްވިއެވެ. އެސިޓީފުގައި ވިދާޅުވެފައިވެއެވެ. "އަޅުގަނޑު ޝާމުކަރައިގެ އިސްލާމީ ލަޝްކަރުގެ އިސް ވެރިއެއްގެ ގޮތުގައި ޚާލިދު އައްޔަންކުރީ، ކަލޭގެފާނު އެކަލޭގެފާނަށްވުރެ މާތްކަން އެނގިވަޑައިގެން ހުންނަވައެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ޚާލިދުގެ ކުޅަދާނަފުޅުކަން ކަލޭގެފާނަށްވުރެ ވަރުގަދަ ކަމަށް ފެންނާތީއެވެ.] {ޑރ. އަލީ މުޙައްމަދު އައްސަލާބީ، ބަޔޮގުރަފީ އޮފް އަބޫބަކުރުއް ޞިއްދީޤު، ޞަފްޙާ 664-618}

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން