ލޭ ހަދިޔާކުރަން ފަސްނުޖެހޭށެވެ! ބިރުވެތިވާންވީ މީހެއްގެ ފުރާނަ ސަލާމަތްކުރަން ލިބޭ ފުރުޞަތުގެ ބޭނުން ނުކުރުމުން ވެދާނެ ގޮތަކަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލޭ ހަދިޔާކުރަން ފަސްނުޖެހޭށެވެ! ބިރުވެތިވާންވީ މީހެއްގެ ފުރާނަ ސަލާމަތްކުރަން ލިބޭ ފުރުޞަތުގެ ބޭނުން ނުކުރުމުން ވެދާނެ ގޮތަކަށެވެ!

ކޮންމެ މީހެއްގެ ގައަށް ނަމަވެސް ލޭއަޅާނީ ނާޅައި ވާންނެތިއްޖެނަމައެވެ. އޭނާގެ ފުރާނަ ސަލާމަތްކުރުމަށެވެ. ވީމާ ބޭނުން ޖެހިފައިވާ މީހާއަށް ލޭހަދިޔާކުރަން ފުރުޞަތު ލިބިއްޖެނަމަ އެކަމަށް އޮތީ އަވަސްވެގަތުމެވެ. މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުމުން ދެއްވަވާނެ ގިނަގުނަ ޘަވާބުގެ ދަހިވެތިކަމުގައެވެ.

ބިރުވެތިވާން ޖެހޭނީ ފުރުޞަތު ލިބި ލޭހަދިޔާ ނުކުރެވިއްޖެނަމައެވެ. އެއިރުން ވާނީ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަން ލިބުނު ފުރުޞަތުގެ ބޭނުން ނުކުރި މީހަކަށެވެ. އެއީ ޤާނޫނީ ގޮތުން ކުށަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ އެކަމަކާއިމެދު ޤިޔާމަތްދުވަހު ސުވާލު ކުރެވޭނެ ކަމެކެވެ. "ތިމަން ﷲ ގެ އަޅާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދޭން ލިބުނު ފުރުޞަތުގައި އެކަން ނުކުރި" ސަބަބާއިމެދުގައެވެ.

ލޭ ހަދިޔާކުރުމުގެ ޙުކުމް:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

… ލޭ ހަދިޔާކުރުމުގެ ޙުކުމާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެކަމަށް ބޭނުން ޖެހިފައިވާ މީހަކަށް ލޭ ހަދިޔާކުރުމަކީ ހުއްދަކަމެކެވެ. އެހެނީ [ލޭ ނެގުމުން] ލެޔަކީ އާވެގެންދާ އެއްޗަކަށްވުމުން، ހަށިގަނޑުން މަދުވެގެންދާ މިންވަރު ފާހަގައެއް ނުވެއެވެ.

މިކަމުގައި ޔަޤީން މަޞްލަޙަތެއް އެކުލެވިގެންވެއެވެ. ނުވަތަ މަޞްލަޙަތެއް ޙާޞިލުވުމުގެ އިޙްތިމާލު އެބައޮތެވެ. މިކަމުގައި ފަސާދައެއް އެކުލެވިގެންނުވެއެވެ.

މިފަދަ ކަމެއް އިސްލާމީ ޝަރީޢަތުގައި މަނާކުރެވިގެން ނުވެއެވެ. ފަހެ ބޭނުންޖެހިފައިވާ މީހަކަށް ލޭ ހަދިޔާކުރުމަކީ ހުއްދަކަމެކެވެ. އެކަމުގެ ޝަރުޠަކީ ލޭ ހަދިޔާކުރާމީހާ، އެމީހަކު ލޭ ހަދިޔާކުރުމުން އެކަމުން އެމީހާއަށް ގެއްލުން ނުވާނެކަމުގައި ޑޮކްޓަރަކު ލަފާދިނުމެވެ.

--ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން – رحمه الله

 

މިއަދު އޮންލައިން