ޤިޞާޞް ޙުކުމާ ދެކޮޅު ހެދުމަކީ މިއްލަތުން ބޭރުވެދާނެ ކަމެއް!

ކިޔުމަށް ހޭދަވާނީ 2މ 44ސ
ޤިޞާޞް ޙުކުމާ ދެކޮޅު ހެދުމަކީ މިއްލަތުން ބޭރުވެދާނެ ކަމެއް!

ޝަފީޢު ޢަބްދުﷲ  

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.يٰٓاَيُّهَا "الَّذِيۡنَ اٰمَنُوۡا كُتِبَ عَلَيۡكُمُ الۡقِصَاصُ فِى الۡقَتۡلٰ" البقرة :178

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލު ކުރެވޭ މީހުންނާމެދު ޤިޞާޞު ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. 

އިސްލާމްދީނުގައި ޤަޠުޢީކޮށް (ޤުރުއާނުގެ އާޔަތަކުން ނުވަތަ ޞައްޙަ ޙަދީޘަކުން ނުވަތަ އިޖުމާޢުން ޔަޤީން މިންވަރަށް) ބަޔާންވެފައިވާ އެއްވެސް ޙުކުމްފުޅަކަށް، (އެއީ ދީނުގައި އެޙުކުމްފުޅެއް އޮތްގޮތްކަން ޝައްކެއްނެތް މިންވަރަށް އެމީހަކަށް އެނގުމަށްފަހު) އިންކާރު ކުރުމަކީ އެމީހަކު މިއްލަތުން ބޭރުވެ ކާފަރުވާނެ ކަމެކެވެ. މިއީ މިކަމާމެދު އެއްވެސް ޢިލްމުވެރިއަކު ދެބަސްވެވަޑައިނުގަންނަވާނެ އިޖުމާޢުލް ޤަޠުޢީކަމެކެވެ. 

ޤިޞާޞްގެ ޙައްދު ނުވަތަ މަރަށް މަރުހިފުމުގެ ޙައްދަށް ބަލާއިރު، އެއީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަރީޙަ ޙަދީޘްފުޅުން ފެންނަން އޮތް ޤަޠުޢީ ޙުކުމެކެވެ. އެއާމެދު އިންކާރު ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަ ވެގެންވާނޭ ކަމެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއީ ކުރިން ދެންނެވުނު ފަދައިން އެ މީހަކު މިއްލަތުން ބޭރުވެ ކުފުރުގެ ދާއިރާއަށް ހިނގައިދާނެ ކަމެކެވެ.

ޙުރުމަތްތެރިވެގެންވާ ފުރާނައެއް ދުއްވައިލާ މީހަކީ، ހަމައެކަނި އެންމެ ފުރާނައެއް ދުއްވައިލާ މީހެއް ނޫނެވެ. އެއީ އެތަކެއް ފުރާނެއް ދުއްވައިލާ މީހެކެވެ. ކީރިތި ޤުރުއާނުގައި ވަނީ މީހެއްގެ ފުރާނަ ނެތިކޮށްފި މީހަކީ ހުރިހާ އިންސާނުންގެ ފުރާނަ ނެތިކޮށްފި މީހެއް ކަމުގައެވެ. އަދި މީހެއްގެ ފުރާނަ ސަލާމަތްކޮށްފި މީހަކީ ހުރިހާ އިންސާނުން ދިރުވައިފި މީހެއް ކަމުގައެވެ. މިއީ ދީނުގައި އެކަން ކަނޑައަޅުއްވާފައިވާ ގޮތެވެ.

ނިކަން ވިސްނަވާށެވެ. އެ ޤާތިލުކަލޭގެ އެ މަރައިލީ މީހެއްގެ ދަރިއެކެވެ. މީހެއްގެ ފިރިއެކެވެ. ނުވަތަ އަނތްބެކެވެ. މީހެއްގެ ބޭބެއެކެވެ. ނުވަތަ ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. މީހެއްގެ ގާތް އެކުވެރިއެކެވެ. ތިމާގެ މީހެކެވެ. ދިރިތިއްބާ އޭނާ އެ މަރައިލަނީ މި އެންމެނެވެ. ދެން އޭނާ އަށް ކޮން ރަޙްމެއް، ކޮން ހަމްދަރުދީއެއްތޯއެވެ؟ ރަޙްމާއި ހަމްދަރުދީ ވާން ވީ މި ދެންނެވި މީހުންނަށް ނޫންތޯއެވެ. ޢުމުރަށް ދެން އެކަމުގައި ހިތާމަ ކުރާނެ މީހުންނަށް ނޫންތޯއެވެ.  

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ޤިޞާޞްގެ ޙުކުމުގައި ބައިވަރު ޙިކުމަތްތައް ހިމެނެއެވެ. އިސްލާމީ މުޖުތަމަޢެއްގައި، ރަނގަޅަށް ޤިޞާޞްގެ ޙުކުމް ތަންފީޒުކުރެވޭ ތަނެއްގައި، ފުރާނަ އަށް ޙުރުމަތް ލިބިގެން ވާނެއެވެ. އަމާންއޮމާންކަން ލިބިގެން ވާނެއެވެ. ޤިޞާޞް ހިފުމުގައި ދިރުމެއް ވެއެވެ. މިއީ ކީރިތި ޤުރުއާނުގައިވާ އިލާހީ އިޢުލާނެކެވެ. ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ މަތިވެރި އިލާހުގެ އެންގެވުމެކެވެ.  

 

 

 

 

 

 

މިއަދު އޮންލައިން