ޢަލީ އިޙްޞާން ފިރާޤް
އުމަރުގެފާނުގެ ޚިލާފަތުގައި:
أمير المؤمنين أبوبكر الصّدّيق رضى اللّـه عنه އަވަހާރަވުމުން މުސްލިމުންގެ ޚަލީފައެއްކަމުގައި ހަމަޖެހިގެން ދިޔައީ، أمير المؤمنين عمر الفاروق رضى اللّـه عنه އެވެ. އެކަލޭގެފާނަކީ، خالد بن الوليد رضى اللّـه عنــه ، އާ ތިމާގެފުޅު ބޭފުޅެކެވެ. أمير المؤمنين عمر الفاروق رضى اللّـه عنه އަށް ޚަލީފާކަން ލިބިވަޑައިގެންނެވުމާއެކު، އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުގެ މަޤާމުން خالد بن الوليد رضى اللّـه عنــه ، ޢަޒުލު ކުރެއްވިއެވެ. އެއަށްފަހު، ކޮމާންޑަރަކަށް ލެއްވީ أبو عبيدة بن الجراح رضى اللّـه عنــه ، އެވެ.
أمير المؤمنين عمر الفاروق رضى اللّـه عنه ޚަލީފާކަމުގައި އެކަލޭގެފާނުގެ އެޖެންޓުންނާއި ގަވަރުނަރުންނަށް ޚާއްޞަ އުސޫލުތަކެއް ކަނޑައެޅުއްވިއެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި، އެ ގަވަރުނަރެއްގެ ބެލުމުގެ ދަށުގައި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ތަފްސީލު އެކަލޭގެފާނަށް އަންގަވަން ޖެހޭނެއެވެ. އެކަލޭގެފާނަށް ޚަލީފާކަން ލިބިވަޑައިގެންނެވުމުން މީސްތަކުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.
"މާތްﷲ އަޅުގަނޑު މެދުވެރިކުރައްވައި ތިޔަބައިމީހުން އިމްތިހާނު ކުރައްވާނެއެވެ. އަދި ތިޔަބައިމީހުން މެދުވެރި ކުރައްވައި އަޅުގަނޑު އިމްތިހާނު ކުރައްވާނެއެވެ. އަޅުގަނޑުގެ ގަވަރުނަރުން ރަނގަޅަށް ކަންތައްކުރާނަމަ އެބައިމީހުންނަށް އަޅުގަނޑުވެސް ރަނގަޅަށް ކަންތައް ކުރާނަމެވެ. އެބައިމީހުން ގޯސްކޮށް ކަންތައް ކުރާނަމަ، އެބައިމީހުންނަށް އަދަބުދޭނަމެވެ. ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅުހެން ހީވާ މީހަކަށް ގަވަރުނަރުކަން ދިނުމަށްފަހު، އޭނާ ކަންތައްކުރާނީ ރަނގަޅަށްށޭ ކިޔައި، އޭނާގެ މަސައްކަތްތައް ނުބަލައި އަޅުގަނޑު ދޫކޮށެއް ނުލާނަމެވެ. އޭނާގެ މަސައްކަތް އަޅުގަނޑު ރަނގަޅަށް ބަލާނަމެވެ."
އެހެންކަމުން، أمير المؤمنين عمر الفاروق رضى اللّـه عنه ޚަލީފާކަމުގައި އެކަލޭގެފާނު ބޭނުންފުޅުވީ އެކަލޭގެފާނުގެ އެންމެހައި، ގަވަރުނަރުން އެކަލޭގެފާނު މިދެންނެވި އުސޫލުތައް ޤަބޫލުކުރައްވާށެވެ. އެބައިމީހުން އަމިއްލަ އަމިއްލައަށް ކަންތައް ނިންމުމުގެ ކުރީން އަމީރުލް މުއުމިނީންއާ މަޝްވަރާ ކުރެއްވުމަށެވެ. އެންމެ ކުޑަ މިނުން ލަޝްކަރުން ބަކަރިއެއްހައި ހިސާބުވެސް أمير المؤمنين عمر الفاروق رضى اللّـه عنه އަށް ނާންގަވައި މީހަކަށް ނުދިނުމަށެވެ. އޭގެ ތެރެއިން އެއްބައިބޭކަލުން އެ އުސޫލަށް އެއްބާރުލުން ދެއްވިއެވެ. ނަމަވެސް ބައެއް ބޭކަލުން އެކަމާ އިންކާރު ކުރެއްވިއެވެ. خالد بن الوليد رضى اللّـه عنــه ، އަމީރުލް މުއުމިނީންގެ މި އުސޫލާމެދު އެހައި ހިތްޕުޅާ ހަމައެއް ނުކުރެއްވިއެވެ.
މާލިކު ބިން އަނަސްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. أمير المؤمنين عمر الفاروق رضى اللّـه عنه އަށް ޚަލީފާކަން ލިބިވަޑައިގެންނެވުމުން، އެކަލޭގެފާނު خالد بن الوليد رضى اللّـه عنــه ، އަށް ލިޔުއްވިއެވެ. "އަޅުގަނޑުގެ ހުއްދައާ ނުލައި، އެއްވެސް މީހަކަށް ޖަމަލެއް ވިޔަސް ނުވަތަ ބަކަރިއެއްވިޔަސް ދީގެން ނުވާނެއެވެ." ޖަވާބެއްގެ ގޮތުން خالد بن الوليد رضى اللّـه عنــه ، އަމީރުލް މުއުމިނީންއަށް ލިޔުއްވިއެވެ. "ކަލޭގެފާނު އަޅުގަނޑުގެ މަސައްކަތަށް ހުރަސް ނާޅުއްވާށެވެ. ނޫންނަމަ ކަލޭގެފާނު އަމިއްލަފުޅަށް މިކަންތައްތައް ކުރައްވާށެވެ."
{ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު 104-106}
މި މައްސަލާއާ ބެހޭގޮތުން ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ ވިދާޅުވެފައިވެއެވެ. خالد بن الوليد رضى اللّـه عنــه ، އެކަލޭގެފާނުގެ މަޤާމުން ޢަޒުލުކުރެއްވީ أمير المؤمنين عمر الفاروق رضى اللّـه عنه ގެންގުޅުއްވި އުސޫލުތަކާ ޚިލާފުވުމުންނެވެ. ދައުލަތުގެ ކަންތައްތައް ހަމަޖެއްސުމަކީ، ދައުލަތުގެ ވެރިއަކަށް ހުންނަ މީހާގެ ޒިންމާއެކެވެ.
خالد بن الوليد رضى اللّـه عنــه ، އެކަލޭގެފާނުގެ މަޤާމުން ދުރުކުރެއްވުމުން އެކަން ހިތްޕުޅުގެ އަޑިން ޤަބޫލުފުޅު ކުރެއްވިއެވެ. ފަހުން އިސްލާމީ ލަޝްކަރަށް އިސްކުރެވުނު ކޮމާންޑަރު أبو عبيدة بن الجراح رضى اللّـه عنــه ، އަށް ފުރިހަމައަށް އެއްބާރުލުން ދެއްވައި، އެކަލޭގެފާނުގެ ދަށުގައި މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. ހިތްޕުޅުތިރި ކަމާއި، ތަވާޟުއުވެރިކަމުގެ ފުރިހަމަ ނަމޫނާ މިސާލު ދެއްކެވިއެވެ.
ހިޖުރައިން 17 ވަނަ އަހަރުގެ ތެރޭގައި، خالد بن الوليد رضى اللّـه عنــه ، ދެވަނަ ފަހަރަށް މަޤާމުން ޢަޒުލުކުރެވުނެވެ. ބޭޒަންޓެއިން ފަތަޙަ ވުމަށްފަހު އެތަނުން އިސްލާމީ ލަޝްކަރަށް ވަރަށް ގިނައިން ޣަނީމާ މުދާ ލިބުނެވެ. އެތަކެތީގެ ދަހިވެތިކަމުގައި ފަރާތްފަރާތުން މީހުން އަންނަށްފެށިއެވެ. خالد بن الوليد رضى اللّـه عنــه، ގެ އަރިހަށްވެސް އެކަލޭގެފާނުގެ ދީލަތިފުޅުކަމުން މަންފާ ހާސިލު ކުރުމަށް މީހުންތައް ޖަމާވަމުން ދިޔައެވެ.
އެގޮތުން އެ ފަހަރު އެކަލޭގެފާނު އަލް އަޝްޢަތު ބިން ޤައިސް އަލް ކިންދީއަށް ދިހަ ހާސް ދެއްވިއެވެ. މިކަންތައް أمير المؤمنين عمر الفاروق رضى اللّـه عنه އަށް އެނގިވަޑައިގެން، އެކަންތައް ތަހްގީގު ކުރައްވައި، އެކަލޭގެފާނު މަޤާމުން ވަކިކުރައްވައި ފޮނުވައިލެއްވުމަށް أبو عبيدة بن الجراح رضى اللّـه عنــه ، އަށް އެންގެވިއެވެ. އަދި خالد بن الوليد رضى اللّـه عنــه ، މަދީނާއަށް ގެންނަވައި، أبو عبيدة بن الجراح رضى اللّـه عنــه ގެ ކުރިފުޅުމަތީގައި އެ މައްސަލަ ތަހްގީގު ކުރެއްވިއެވެ. އެ މައްސަލަ ތަހުގީގު ކުރުމުން އެނގުނީ خالد بن الوليد رضى اللّـه عنــه ، އަޝްޢަތަށް ދިހަ ހާސް ދެއްވީ މުސްލިމުންގެ ޣަނީމާ މުދަލުގެ ތެރެއިން ނޫންކަމަށެވެ. އެކަލޭގެފާނުގެ އަމިއްލަފުޅު ބައިން ކަމަށެވެ.
މިކަންތައް أمير المؤمنين عمر الفاروق رضى اللّـه عنه ތަހްގީގު ކުރެއްވުމަށްފަހު، އެކި ސަރަޙައްދުތަކުގެ މުސްލިމުންނަށް އެކަލޭގެފާނު ލިޔުއްވިއެވެ. "އަހަރެން ޚާލިދުގެފާނު މަޤާމުން ވަކިކުރީ، އެކަލޭގެފާނުގެ ދެކެ ރުޅިއައިސް ގެނެއްނޫނެވެ. އެކަލޭގެފާނު ޚުލުޤުފުޅުގައި އުނިކަމެއް ހުރެގެނެއްވެސް ނުމެނޫންމެއެވެ. ނަމަވެސް މީސްތަކުން އެކަލޭގެފާނާ މާ ބޮޑަށް ދޯޅުވެއުޅޭ ކަމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ސަބަބުން މާތްﷲ އެބައިމީހުން އިމްތިހާނު ކުރައްވަފާނެ ކަމަށްޓަކައެވެ. އަހަރެން ބޭނުންވީ ނަޞްރުދެއްވަނީ ހަމައެކަނި މާތްﷲ ކަން ހާމަކުރުމަށެވެ."
{ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު 111-110}
خالد بن الوليد رضى اللّـه عنــه ، އިސްވެ ހުންނަވައި ކުރައްވައި ކޮންމެ ހަނގުރާމައަކުން މުސްލިމުންނަށް ނަޞްރާއި ފަތަޙައާއި ކާމިޔާބު އަރަހުށި މާތްﷲ މިންވަރު ކުރައްވައެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައިވަނީ، ހަނގުރާމައިގެ ކާމިޔާބު ގުޅިފައިވަނީ خالد بن الوليد رضى اللّـه عنــه އާކަމަށެވެ. އެކަމުގެ ސަބަބުން މީސްތަކުން ފިތުނަވެރިވެ، އެބައިމީހުންގެ އީމާންތެރިކަމަށް ބުރޫއަރާފާނެ ކަމަށް ފެނިވަޑައިގެންނެވުމުން أمير المؤمنين عمر الفاروق رضى اللّـه عنه، خالد بن الوليد رضى اللّـه عنــه މަޤާމުން ވަކިކުރެއްވީއެވެ.
{ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު 112}
- ލިޔުނީ: އިލީ އިޙްޞާން ފިރާޤް