ވައްކަންކުރާ މީހުންނާ، އެއްބަސްވުންތަކަށް އަމަލު ނުކުރާ މީހުންނަކީ މުސްލިމުންކަމަށް ބުނެވޭނެ ގޮތެއް ނިކަން ދައްކަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ވައްކަންކުރާ މީހުންނާ، އެއްބަސްވުންތަކަށް އަމަލު ނުކުރާ މީހުންނަކީ މުސްލިމުންކަމަށް ބުނެވޭނެ ގޮތެއް ނިކަން ދައްކަބަލަ!

އިމާމް އަޙްމަދު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވަނީ "އެމީހެއްގެ އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނުވެއެވެ. އަހުދުތަކަށް ފަރުވާތެރި ނުވާ މީހާގެ ދީނެއް ނުވެއެވެ."

ދައުލަތުގެ މަތީ މަޤާމުތައް ހަވާލުކުރެވެނީ ﷲ ތަޢާލާ ގަންދީ އަމާނާތްތެރިވުމަށް ހުވާކުރުމުންނެވެ. މަޤާމު ހަވާލުކުރެވެނީ ހުވާގެ އިޤްރާރުގައި ސޮއިކުރުމުންނެވެ. އަމިއްލަ ކުންފުނިތަކުގެ ވަޒީފާ ޙަވާލުކުރެވެނީވެސް ވެވޭ އެއްބަސްވުމެއްގެދަށުންނެވެ. ވަޒީފާ ބަޔާން ލިޔެ ސޮއިކޮށްގެންނެވެ. އެހެންކަމަށްވާއިރު މަޤާމާއި ހަވާލުވުމަށްފަހު ވައްކަން ކުރާ، އަދި ވެވޭ އެއްބަސްވުމާއި ޚިލާފްވާ މީހުންނަކީ ފުރިހަމަ މުސްލިމުން ކަމަށް، ފުރިހަމަ އިސްލާމުންކަމަށް ޤަބޫލުކުރެވިދާނެތޯއެވެ؟

މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އީމާންކަމެވެ. "އެމީހެއްގެ އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންތެރިކަމެއް ނުވެއެވެ." ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން ޚިޔާނާތްތެރިންގެ ކިބައިގައި އީމާންކަމެއް ނެތްކަން ހާމަނުވޭތޯއެވެ؟ "އަހުދުތަކަށް ފަރުވާތެރި ނުވާ މީހާގެ ދީނެއް ނުވެއެވެ." އޮތުމުން އަހުދުނާމާ އުވައިލާ މީހުންނަކީ އިސްލާމުން ކަމަށް ބުނެވޭނެތޯއެވެ؟

މިކަންކަމަކީ ވަކިބައަކު ނުވަތަ ސަރުކާރުގެ ބޮޑުން ވިސްނަން ޖެހޭނެ ކަންކަމެއް ނޫނެވެ. މަސްއޫލިއްޔަތު ހަވާލުކުރެވޭ ކޮންމެ މީހަކުވެސް އިތުރަށް ވިސްނަން ޖެހިފައިވާ ކަންކަން ކަމުގައި ޤަބޫލުކުރަންޖެހޭ ނޫންތޯއެވެ؟

އެއްބަސްވުންތައް އެމީހަކު ހަމަ ބޭނުންވުމުން އުވާލައި އަދި ޚިޔާނާތްތެރިވުން މުޖުތަމައުގައި މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. މަތިން ފެށިގެން ތިރިއަށް ހިނގަމުންދާ ޢާންމު ކަންކަން ކަމަށް މިވަނީ ވެފައެވެ. އަދި ކީއްހެއްޔެވެ؟ ޢާންމު ރައްޔިތުންގެ ތެރެއިން ވެސް މިކަންކަމަށް ބިރުވެތިވަނީ މަދުމީހެކެވެ. މިއީ ކޮންފަދަ ބޮޑު ހިތާމަހުރިކަމެއްތޯއެވެ؟

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން