ޢަލީ އިޙްޞާން ފިރާޤް
إِلْيَاسُ عَلَيْهِ السَّلامُ
إِلْيَاسُ عَلَيْهِ السَّلامُ އަކީ ބަނީއިސްރާއީލުންގެ ތެރެއަށް ފޮނުއްވުނު ނަބީބޭކަލެކެވެ. އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނީ، މޫސާގެފާނާއި ހާރޫނުގެފާނުގެ ފަހުންނެވެ. އެކަލޭގެފާނުގެ ނަސަބުފުޅު މާތްﷲ ގެ ނަބިއްޔާ ހާރޫނުގެފާނާ ގުޅިފައިވެއެވެ. އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި إلياس عليه السّلام ގެ ނަންފުޅު ތިންފަހަރު ބަޔާން ކުރައްވައިފައިވެއެވެ.
إِلْيَاسُ عَلَيْهِ السَّلامُ ގެ ނަސަބުފުޅާ ބެހޭގޮތުން ތާރީޚު ލިޔުންތެރިން ތަފާތު ރިވާޔަތްތައް ބަޔާން ކުރައްވައިފައިވެއެވެ. އެގޮތުން އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވާ އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވެއެވެ. އެކަލޭގެފާނަކީ إِلْيَاسُ بْنُ يَاسِينَ بْنِ فِنْحَاصَ بْنِ الْعَيْزَارِ بْنِ هَارُونَ بْنِ عِمْرَان އެވެ. އެހެން ރިވާޔަތެއްގައިވަނީ އެކަލޭގެފާނަކީ، إِلْيَاسُ بْنُ العازر بْنِ الْعَيْزَارِ بْنِ هَارُونَ بْنِ عِمْرَان ކަމުގައެވެ.
{އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ދެވަނަ ޖިލްދު، ޞަފްޙާ 272}
ރިސާލަތު
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. إلياس عليه السّلام ރަސޫލުކަމާއިގެން ފޮނުއްވުނީ بعلبك އޭ ކިޔުނު ރަށުގެ އަހުލުވެރިންގެ ގާތަށެވެ. އެރަށަކީ ދިމިޝްޤުގެ އިރުމަތީގައި އޮންނަ ރަށެކެވެ. އެރަށުގެ އަހުލުވެރިން އަޅުކަން ކުރަމުން ގެންދިޔައީ، بعل އޭކިޔުނު އަންހެން ބުދަކަށެވެ. إلياس عليه السّلام އެ ރަށުގެ އަހުލުވެރިންނަށް އެ ބުދަށް އަޅުކަންކުރުން ދޫކޮށް، އަރަހުށި މާތްﷲ އަށް އަޅުކަން ކުރުމަށް އެންގެވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ދެވަނަ ޖިލްދު، ޞަފްޙާ 272}
إلياس عليه السّلام ގެ ރިސާލަތުގެ ކުރު ޚުލާޞާއެއް ކީރިތި ޤުރްއާނުގައި އަރަހުށި މާތްﷲ ބަޔާންކުރައްވައިފައިވެއެވެ. ކީރިތި ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 123 ވަނަ އާޔަތުން ފެށިގެން 132 ވަނަ އާޔަތުގެ ނިޔަލަށް އެކަލާނގެ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ ﴿١٢٣﴾ إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ ﴿١٢٤﴾ أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ ﴿١٢٥﴾ اللَّـهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ ﴿١٢٦﴾ فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ ﴿١٢٧﴾ إِلَّا عِبَادَ اللَّـهِ الْمُخْلَصِينَ﴿١٢٨﴾ وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴿١٢٩﴾ سَلَامٌ عَلَىٰ إِلْ يَاسِينَ﴿١٣٠﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٣١﴾ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ ﴿١٣٢﴾
މާނައީ: [ހަމަކަށަވަރުން، إلياس ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوى ވެރި ނުވާނޫހެއްޔެވެ؟ އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعل އަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعل އަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.) އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّه އެވެ. ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން ކަށަވަރެވެ. اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.]
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ އޭނާ ލިޔުއްވި ތަފްސީރުގައި ބަޔާން ކުރައްވައިފައިވެއެވެ. إلياس عليه السّلام ރަސޫލުކަމާއިގެން ފޮނުއްވުނީ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ގާތަށެވެ. حزقيل عليه السّلام އަވަހާރަވުމަށްފަހުގައެވެ. އޭރު އެބައިމީހުންވަނީ بعل އޭ ކިޔުނު ބުދަށް އަޅުކަން ކުރަންފަށައިފައެވެ. އެކަލޭގެފާނު އެބައިމީހުންނަށް އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމަށް ގޮވައިލެއްވިއެވެ. އެކަލާނގެ މެނުވީ އެހެން ފަރާތަކަށް އަޅުކަން ކުރުން ދޫކޮށްލުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް އެ ޤައުމުގެ ރަސްގެފާނު އީމާންވިއެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އޭނާ މުރުތައްދުވެއްޖެއެވެ. އެ ޤައުމުގެ މީސްތަކުންވެސް އެބައިމީހުންގެ މަގުފުރެދުމުގައި ދެމިތިބީއެވެ. އޭގެ ތެރެއިން އެއްވެސް މީހަކު އީމާނެއް ނުވިއެވެ.
ދެން إلياس عليه السّلام އެބައިމީހުންގެ މައްޗަށް ދުޢާފުޅެއް ކުރެއްވިއެވެ. އެ ދުޢާގެ ސަބަބުން އެބައިމީހުންގެ މައްޗަށް ވާރޭ ނުވެހި ތިން އަހަރު ވަންދެން އޮތެވެ. މިކަން މިބައިމީހުންނަށް ބޮޑުވެ،އެކަލޭގެފާނުގެ އަރިހަށް އައިސް ދަންނަވައިފިއެވެ. [ވާރޭވެހޭނެ ގޮތް މެދުވެރިވެއްޖެނަމަ ތިމަންމެން ކަލޭގެފާނަށް އީމާން ވާނަމެވެ.] ދެން إلياس عليه السّلام ދުޢާކުރެއްވުމުން ވާރޭވެހިއްޖެއެވެ. ނަމަވެސް އެބައިމީހުން އީމާންނުވެ ތިމާމެން ކުރަމުންގެންދިޔަ ނުބައި ޢަމަލުތަކުގެ ތެރޭގައި ތިބެއްޖެއެވެ. ދެން إلياس عليه السّلام އެކަލޭގެފާނު އަރަހުށި މާތްﷲ ގެ ޙަޟްރަތަށް ގެންދެވުމަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ....{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، އަށްވަނަ ޖިލްދު، ޞަފްޙާ 282}
މާތްކަން
އަރަހުށި މާތްﷲ ފޮނުއްވި އެހެން ނަބިއްޔުންނާއި ރަސޫލުންނެކޭ އެއްފަދައިން إلياس عليه السّلام އަކީވެސް މާތްކަމާއި މަތިވެރިކަމުގައި ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެންފައިވާ ނަބިއްޔެކެވެ. އެކަލާނގެވަނީ ހަތް އުޑުމަތިން ބާވައިލެއްވި ކީރިތި ޤުރްއާނުގައި إلياس عليه السّلام ގެ މައްޗަށް ތާރީފުގެ ބަސްފުޅުތައް ވަޙީ ކުރައްވައިފައިވެއެވެ. ކީރިތި ޤުރްއާނުގެ އަންޢާމު ސޫރަތުގެ 85 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾
މާނައީ: [އަދި زكريّا ގެފާނާއި، يحيى ގެފާނާއި، عيسى ގެފާނާއި، إلياس ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، صالح ންގެ ތެރެއިންނެވެ.]
އަދިވެސް އެކަލޭގެފާނަށް ތާރީފާއި ސާނާ ބަޔާން ކުރައްވަމުން ކީރިތި ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 129 ވަނަ އާޔަތުން ފެށިގެން 132 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ.
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴿١٢٩﴾ سَلَامٌ عَلَىٰ إِلْ يَاسِينَ﴿١٣٠﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٣١﴾ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ ﴿١٣٢﴾
މާނައީ: [އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.]
އަރަހުށި މާތްﷲ، إلياس عليه السّلام ގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އާމީން!
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް