" އަޅުގަނޑުގެ ބެސްޓްފްރެންޑަކީ ފިރިހެނަކަށްވާތީ ބައެއް މީހުން ނުރުހެއެވެ! އެއީ ދީނުގަ މަނާކަމެއްތޯއެވެ؟"
ކިޔުންތެރިޔާގެ މިސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަދައިގަންނަވާނެކަމަށް އުންމީދުކުރަމެވެ.
އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންނަށް "ބެސްޓް ފްރެންޑުން"ނަށް ވެވިދާނެތޯ ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބަކީ އާނއެކެވެ! ވެވިދާނެއެވެ. ނަމަވެސް ކައިވެންޏަށްފަހުގައެވެ. ކައިވެންޏަށްފަހު ވާނީ ހަމައެކަނި "ބެސްޓް ފްރެންޑުންނަކަށް" ވެސް ނޫނެވެ. އަނބިމީހާގެ ބެލެނިވެރިކަންވެސް ފިރިމީހާއަށް ލިބޭނެއެވެ.
ވީމާ ހޯދަން މަސައްކަތްކުރަންވީ ބެސްޓް ފްރެންޑެއް ނޫނެވެ. ވަފާތެރި އަންބެކެވެ. އޯގާތެރި ފިރިއެކެވެ. ދެދުނިޔެ ކާމިޔާބުކޮށްދޭނެ ބައިވެރިއެކެވެ. އެހެންކަމުން ބަލައިލަންވީ އެކަމުގައި ރަސޫލް (ﷺ) ބަޔާން ކުރައްވަވާފައިވާ ބަސްފުޅަށެވެ.
ރަސޫލް (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ އަންހެނެއްގެ ކައިވެންޏަށް އެދޭނީ 4 ސަބަބަކަށްޓަކައި ކަމަށެވެ. އެއީ އޭނާގެ މާލީ ތަނަވަސްކަމާއި، އޭނާގެ ރީތިކަމާއި އޭނާގެ ހަސަބުގެ (ޢާއިލާގެ) މަތިވެރިކަމާއި އޭނާގެ ދީންވެރިކަމެވެ.
ބާއްޖަވެރިކަމާއި އުފާވެރިކަމާއި ކާމިޔާބު ދިރިއުޅުމަކަށް އެދޭނަމަ ދީންވެރި، ތަޤްވާވެރި ބައިވެރިއަކު އިޚްތިޔާރުކުރާށެވެ.
--އިމާމް މާޒިން ޢާދިލް