ޠަލްޙަތު ބިން ޢުބައިދުﷲ 3: ޢުމަރުގެފާނާއި، ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޠަލްޙަތުގެފާނުގެ ދިރިއުޅުއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 5ސ
ޠަލްޙަތު ބިން ޢުބައިދުﷲ 3: ޢުމަރުގެފާނާއި، ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޠަލްޙަތުގެފާނުގެ ދިރިއުޅުއްވުން

ޢަލީ އިޙްޞާން ފިރާޤް

 

ޚަލީފާއިންގެ ދައުރުގައި

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމުން މުސްލިމުންގެ ފުރަތަމަ ޚަލީފާއަކަށް އިސްކުރެވުނީ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި ބައެއް ޢަރަބި ޤަބީލާތަކުން މުރުއްތަދުވިއެވެ. އެއްބަޔަކު ނަބީކަމަށް ދަޢުވާ ކުރަން ފެށިއެވެ. މިދެންނެވި ދެބާވަތުގެ މީހުންނާ ކުރެވުނު ހަނގުރާމަތަކުގައި ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޖުރައިން 23 ވަނަ އަހަރު އަމީރުލް މުއުމިނީން އުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ފަތިސް ނަމާދުފުޅަށް ހުންނަވަނިކޮށް ޝަހީދުކޮށްލިއެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރީންވަނީ ދެން ޚަލީފާއަށް އައްޔަންކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާ މަޖިލިސެއް ޤާއިމުކުރައްވައިފައެވެ. އެ މަޖިލިސްގައި މަޝްވަރާ ކުރައްވާނެ މެންބަރުން ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން އެއްބޭކަލަކީ ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއެވެ.

ޢުޘްމާނުގެފާނުގެ ޚިލާފަތުގައި

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝަހީދުވުމަށްފަހު އިސްލާމީ އުއްމަތުގެ ތިންވަނަ ޚަލީފާއަކަށް ހަމަޖެހިގެންދިޔައީ އަމީރުލް މުއުމިނީން ޢުޘްމާނު ބުނު ޢައްފާން ރަޟިޔަﷲ ޢަންހުއެވެ. އަމީރުލް މުއުމިނީން ޢުޘްމާނު ބުނު ޢައްފާން ރަޟިޔަﷲ ޢަންހު، ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއަށް ނުހަނު ބޮޑަށް ރިޢާޔަތްކުރައްވައެވެ. އެކަލޭގެފާނު ކަންތައްތަކާ މަޝްވަރާކުރައްވާ ޚާއްޞަ ބޭކަލުންގެ ތެރޭގައި ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު ހިމަނުއްވައެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢުޘްމާން ބިން ޢައްފާން، ޞަފްޙާ 529}

ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ އޭނާ ލިޔުއްވި ޢުޘްމާނުގެފާނުގެ ސީރަތުގައި ވިދާޅުވެފައިވެއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ފިތުނަވެރީން ޢުޘްމާނުގެފާނު ކުށްވެރިކޮށް ޞަޙާބީންގެ ދަރަޖަ މަތިވެރި ބޭކަލުންގެ ނަންފުޅުގައި ދޮގު ސިޓީތައް ލިޔުނެވެ.  އެގޮތުން އެބައިމީހުން ޢާއިޝަތުގެފާނުގެ ނަންފުޅުގައިވެސް ދޮގު ސިޓީ ލިޔުނެވެ. ހަމައެބީދައިން ޢަލީގެފާނާއި، ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނުގެ ނަންފުޅުގައި ވެސް ސިޓީ ލިޔުނެވެ. އެ ސިޓީތަކުގައިވަނީ މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނާ ދެކޮޅަށް ނުކުމެ ބަޣާވާތް ކުރުމަށެވެ. 

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 477}

މިދެންނެވި ފިތުނައިގެ ހުޅު ރޯކުރި މޭސްތިރިއަކީ ޢަބްދުﷲ ބުނު ސަބާ ނަމަކަށް ކިޔުނު އަބާއްޖަވެރިއެކެވެ. އޭނާގެ ފިތުނަވެރިކަމުގެ ދަލުގައި ހައްޔަރުވެ، މިޞްރުންނާއި، ކޫފާއިންނާއި، ބަޞަރާއިން ޢުޘްމާނުގެފާނުގެ ޚިލާފަތާ ދެކޮޅަށް ބަޣާވާތް ކުރަން ގިނަ އަދަދެއްގެ ބަޔަކު މަދީނާއަށް އައެވެ. އޭގެ ތެރެއިން މިޞްރުން އައި ބާޣީންގެ މީސްތަކުން ބޭނުންވީ ޢުޘްމާނުގެފާނު ޚަލީފާކަމުން ދުރުކޮށް ޢަލީގެފާނަށް ޚަލީފާކަން ދިނުމަށެވެ. ކޫފާގެ މީސްތަކުން ބޭނުންވީ ޒުބައިރުގެފާނަށް ޚަލީފާކަން ދިނުމަށެވެ. ބަޞަރާގެ މީސްތަކުން ބޭނުންވީ ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއަށް ޚަލީފާކަން ދިނުމަށެވެ. އަރަހުށި މާތްﷲ ބާޣީންގެ ރޭވުންތަކުން ތަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢަލީގެފާނު ސަލާމަތް ކުރެއްވިއެވެ. އޭގެ ތިންކަލުން ތިއްބެވީ މުސްލިމުންގެ ޚަލީފާ ޢުޘްމާނުގެފާނުގެ ފަހަތްޕުޅުގައެވެ. 

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 532}

ކޮންމެއަކަސް ފިތުނަވެރީން ރޯކުރި ފިތުނައިގެ ހުޅު ފަޅައިގެން ގޮސް، މަދީނާއަށް ބާޣީން އަރައި، ޢުޘްމާނުގެފާނުގެ ގަނޑުވަރު ވަށައިލައިފިއެވެ. އެބައިމީހުން އެކަލޭގެފާނުގެ ގަނޑުވަރަށް ފެންފޮދެއްވެސް ވެއްދިޔަކަ ނުދިނެވެ. އެހެންކަމުން ގަނޑުވަރުން ފެން ހުސްވާން ފެށުމުން ޢުޘްމާނުގެފާނު، ޢަލީގެފާނަށް ޚަބަރު ފޮނުއްވިއެވެ.

[އަޅުގަނޑުގެ ގެކޮޅަށް ފެން ވެއްދުންވެސް އެބައިމީހުން މަނާކޮށްފިއެވެ. ވީމާ ކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވެން އޮތްކަމުގައިވާނަމަ، އެހީތެރިވެވަޑައިގަންނަވާށެވެ.]

ހަމަ މިބީދައިން ޠަލްޙަތުގެފާނަށާއި، ޒުބައިރުގެފާނަށާއި، ޢާއިޝަތުގެފާނަށާއި، އެހެން އުއްމުހާތުލް މުއުމިނީންއަށްވެސް އެބޭފުޅުންނަށް އެހީތެރިވެވަޑައިގެންނެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޢުޘްމާނުގެފާނު އެދިވަޑައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ޢުޘްމާނުގެފާނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނުކުމެވަޑައިގެންނެވި ދެބޭފުޅުންނަކީ، ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު އާއި އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއެވެ. އޭގެ ދެބޭފުޅުންނާ ބާޣީން ކުރިމަތިލީ ނުހަނު ބޭއަދަބީކަމާއެކުގައެވެ. 

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 554-555}

ޢުޘްމާނުގެފާނު އޭރު ގެންދެވީ ބާޣީން އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވަމުން ދިޔަ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ. އެކަލޭގެފާނުގެ ދިފާޢުގައި ޞަޙާބީން ނުކުމެވަޑައިގެންފިނަމަ ލޭ އޮހޮރުވުމަކަށް ހިނގައިދާނެތީ އެބޭކަލުން އަނބުރާ ފޮނުއްވައިލައްވައެވެ. މުސްލިމުންގެ އެއްވެސް ޕްރޮވިންސެއްގެ އެހީތެރިކަމެއް ނުހޯއްދަވައެވެ. ބާޣީންނާ ދެކޮޅަށް އަސްކަރީގޮތުން އެއްވެސް ހަރަކާތެއް ހިނގެވުމުގެ ވިސްނުންފުޅެއް ޢުޘްމާނުގެފާނު ނުގެންގުޅުއްވައެވެ.

ޢުޘްމާނުގެފާނުގެ ގަނޑުވަރު ޙިޞާރުކޮށް ބާޣީންގެ ހަމަނުޖެހުންގަނޑު ބޮޑުކުރާން ފެށުމުން ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުގެ މައިކަނބަލުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [ޢުޘްމާނުގެފާނުގެ ގަނޑުވަރު ޙިޞާރުކޮށް ދުވަސްތައް ދިގުލައިގެން ކަންތައްތައް މާ މައްޗަށް ދާން ފަށައިފިއެވެ. ދަރިފުޅު ގޮސް، ޢުޘްމާނުގެފާނާ ވާހަކަފުޅު ދައްކަވާ އެކަލޭގެފާނުގެ ވިސްނުންފުޅު ބަދަލުކުރެވޭތޯ ބައްލާށެވެ.]

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 558}

ޢުޘްމާނުގެފާނު ބާޣީންނާ ކުރިމަތި ނުލައްވަން އެނގެވި ކަމުގައި ވިޔަސް ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢަލީގެފާނު އެބޭކަލުން ގެ ދަރިދަރިކަލުން ބާޣީންނާ ކުރިމަތި ލެއްވުމަށްޓަކައި ފޮނުއްވިއެވެ. ބާޣީން ޢުޘްމާނުގެފާނުގެ ގަނޑުވަރަށް ޙަމަލާ ދިން ވަގުތެއްގައި ތަލްޙަތުގެފާނުގެ ދަރިކަލުން މުޙައްމަދު އެތަނުގައި ހުންނެވިއެވެ. އެކަލޭގެފާނާއެކު ޙަސަންގެފާނާއި، ޢަބްދުﷲ ބުނު ޒުބައިރުގެފާނުވެސް ހުންނެވިއެވެ. އެބޭކަލުން ބާޣީންނާ ކުރިމަތިލެއްވިއެވެ. އެތަންވަޅު ޢުޘްމާނުގެފާނު އެބޭކަލުން ޙަމަލަދިނުން ހުއްޓައި އެނބުރި ވަޑައިގެންނެވުމަށް އަމުރުފުޅު ކުރެއްވިއެވެ.

ބާޣީންގެ ރަޙުމުކުޑަކަން އޭގެ އިންތިހާއަށް ގޮސް ޢުޘްމާނުގެފާނު ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވަން އިންދާ ޝަހީދުކޮށްލިއެވެ. އެ ޚަބަރު ލިބިވަޑައިގެން ޠަލްޙަތުގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [މާތްﷲ ޢުޘްމާނުގެފާނަށް ހެޔޮ ރަޙްމަތްލައްވާށިއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އެވެ.] އެކަލޭގެފާނަށް މީހަކު ދެންނެވިއެވެ. [އެބައިމީހުން މިހާރު ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނު ކަމަށްޓަކައި ހިތާމަކުރެއެވެ.] ޠަލްޙަތުގެފާނު ވިދާޅުވިއެވެ. [ އެބައިމީހުންނަށް ހަލާކު ހުއްޓެވެ.] އެއަށްފަހު ޔާސީން ސޫރަތުގެ 49 އަދި 50 ވަނަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ‎﴿٤٩﴾‏ فَلَا يَسْتَطِيعُونَ تَوْصِيَةً وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ ‎﴿٥٠﴾ މާނައީ: [ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ. ފަހެ (އެހިނދު) އެއްވެސް وصية އެއް ކުރާކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވާނެތެވެ. އަދި އެއުރެންގެ أهل ވެރިންގެ ގާތަކަށް އެއުރެން އެނބުރި ނުމެއަންނާނޭމެއެވެ.]

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 577}

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން