ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތް-

ބިސްމިއާ ނުލާ ތައުބާ ސޫރަތް ބާވާލެއްވުމުގެ ޙިކުމަތަކީ ކޮބާހެއްޔެވެ؟

… ޤުރުއާނުގައިވާ ކޮންމެ ސޫރަތެއްގެ ފެށުމުގައި ‏”‏بسم الله الرحمن الرحيم‏”މިފަދައިން އައިސްފައިވެއެވެ. ތައުބާ ސޫރަތް ފިޔަވައެވެ. ފަހެ މިކަމުގައި ޢިލްމުވެރިން ދެޖަވާބެއް ދެއްވާފައިވެއެވެ.

ފުރަތަމަ ޖަވާބު:

ތައުބާ ސޫރަތަކީ (އޭގެ ކުރީގައިވާ) އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތެކެވެ. އެހެންވެ އެސޫރަތް ފެށޭއިރުގައި ‏”‏بسم الله الرحمن الرحيم‏”އައިސްފައި ނުވަނީއެވެ. އެހެނީ އެއީ އަންފާލު ސޫރަތް ފުރިހަމަ ކުރުމަށްޓަކައިވާ ސޫރަތަކަށް ވާތީއެވެ.

ދެވަނަ ޖަވާބު:

ތައުބާ ސޫރަތުގައި ބިސްމި އައިސްފައި ނުވަނީ، އެހެނީ ހަމަކަށަވަރުން އެސޫރަތުގައި ޛިކުރު ކުރެވިފައިވަނީ ޖިހާދާއި ކާފަރުންނާ ހަނގުރާމަކުރުމުގެ ވާހަކައެވެ. އަދި މިސޫރަތުގައި މުނާފިޤުންނަށްވާ ވަޢީދުގެ ބަސްފުޅުތަކާއި އަދި އެމީހުން ފަޟީޙަތްކުރައްވާފައިވާ ގޮތް ބަޔާންކުރެވިފައިވެއެވެ. އަދި އެމީހުންނަށްހުރި އިހާނެތިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އަދި ‏”‏بسم الله الرحمن الرحيم‏”މިއީ،އޭގައި ރަޙުމަތުގެވާހަކަ ނަންގަނެވިފައިވާ ކަލިމަތަކެކެވެ. އަދި މިމަޤާމުގައި (ތައުބާ ސޫރަތުގައި) ބަޔާންކުރެވިފައިވަނީ ޖިހާދުކުރުމާއި މުނާފިޤުންގެ ސިފަތަކުގެ ވާހަކައެވެ. އަދި މިއީ ރަޙުމަތުގެ މަޤާމެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. މިއީ ވަޢީދާއި ބިރުދެއްކުމުގެ މަޤާމެކެވެ. އެހެންވެގެން މިސޫރަތުގެ ފެށުމުގައި ‏”‏بسم الله الرحمن الرحيم‏”ޛިކުރުކުރެވިފައި ނުވަނީއެވެ.

فضيلة الشيخ صالح بن فوزان الفوزان

 

 

--އަބޫ ފުސައިލް މުއުތަމިން އަޙްމަދު

މިއަދު އޮންލައިން