ޖަނާޒާ އާ ގުޅުންހުރި 3 ދުޢާ-

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 6ސ
ޖަނާޒާ އާ ގުޅުންހުރި 3 ދުޢާ-

ތަޢުޒިޔާ 

عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ: «كُنَّا عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَرْسَلَتْ إِلَيْهِ إِحْدَى بَنَاتِهِ تَدْعُوهُ وَتُخْبِرُهُ أَنَّ صَبِيًّا لَهَا – أَوِ ابْنًا لَهَا – فِي الْمَوْتِ، فَقَالَ لِلرَّسُولِ: ارْجِعْ إِلَيْهَا، فَأَخْبِرْهَا أَنَّ: لِلَّهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلُّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمًّى».

[مُتَّفَقٌ عَلَيْهِ]

އުސާމާ ބުން ޒައިދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިއްބެވީމެވެ. ފަހެ، އެކަލޭގެފާނުގެ ދަރިކަނބަލަކު (އެބަހީ: ޒައިނަބުގެފާނު)، އެކަލޭގެފާނު ވަޑައިގެންދެއްވުން އެދި ދެންނެވުމަށާއި، އެކަމަނާގެ ކުޑަ ދަރިކަލުން – ނުވަތަ ފިރިހެން ދަރިކަލުން – މަރަށް ޙާޟިރުވެފައިވާ ޚަބަރު އެކަލޭގެފާނަށް ދެއްވުމަށް، އެކަލޭގެފާނުގެ އަރިހަށް މީހަކު ފޮނުއްވިއެވެ. ފަހެ، އެކަމަނާ ފޮނުއްވި މީހާއަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

"އެކަމަނާގެ އަރިހަށް އެނބުރި ދާށެވެ. އަދި އެކަމަނާއަށް ޚަބަރުދެއްވާށެވެ. ހަމަކަށަވަރުން ﷲ ހިއްޕެވި އެއްޗެއްވަނީ އެއިލާހަށެވެ. އަދި އެއިލާހު ދެއްވި އެއްޗެއްވެސްވަނީ އެއިލާހަށެވެ. އެއިލާހުގެ ޙަޟްރަތުގައި ކޮންމެ އެއްޗަކަށްވެސް ކަނޑައެޅިގެންވާ އަޖަލެއްވެއެވެ.”

[ރިވާކުރެއްވީ އިމާމް ބުޚާރީ އާއި މުސްލިމް رحمهما الله]

ނޯޓް: މުސްލިމަކު މަރުވުމުން، އެކަމުގެ ސަބަބުން ހިތާމަވެރިކަން ލިބިފައިވާ މީސްތަކުންނަށް ތަޢުޒިޔާކިޔުމުގެ ގޮތުން ކޮށްދޭންވީ ދުޢާއަކީ މިއެވެ. 

އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. 

"ތަޢުޒިޔާ ކިޔުމަށް އެންމެ ރަނގަޅު ލަފްޒަކީ ސުންނަތުގައި އައިސްފައިވާ ލަފްޒެވެ. އެއީ:

لِلَّهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلُّ شَيْءٍ عِنْدَهُ بِأَجَلٍ مُسَمًّى އެވެ. "މާނައީ: ހަމަކަށަވަރުން ﷲ ހިއްޕެވި އެއްޗެއްވަނީ އެއިލާހަށެވެ. އަދި އެއިލާހު ދެއްވި އެއްޗެއްވެސްވަނީ އެއިލާހަށެވެ. އެއިލާހުގެ ޙަޟްރަތުގައި ކޮންމެ އެއްޗަކަށްވެސް ކަނޑައެޅިގެންވާ އަޖަލެއްވެއެވެ."  

 

މައްޔިތާ ވަޅުލުމަށްފަހު މައްޔިތާއަށް ކުރާ ދުޢާ 

كَانَ النَّبَيَّ صَلَّى اللهُ عَلَيهِ وَسَلَّمَ إِذَا فَرَغَ مِنْ دَفْنِ الْمَيَّتِ: وَقَفَ عَلَيهِ، فَقَالَ: «اسْتَغْفِرُوا ﻷِخِيكُمْ، وَسَلُواْ اللهَ لَهُ التَّثْبِيْتُ؛ فَإِنَّهُ ٱﻵَنَ يُسْأَلُ».  

[رواه الْحَاكِمُ]

މައްޔިތާ ވަޅުލާ ނިމުމުން، ނަބިއްޔާ صلى الله عليه وسلم އެ ޤަބުރުގެ ކައިރީގައި މަޑުކުރައްވައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރައްވައެވެ. "ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސަވާދެއްވުން އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަންދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން މިހާރު އޭނާއާ އެބަ ސުވާލުކުރެވެއެވެ. (އެބަހީ: މަލާއިކަތުން މައްޔިތާއާ އެބަ ސުވާލުކުރައްވައެވެ.)" 

[ރިވާކުރެއްވީ ޙާކިމް رحمه الله] 

 

ޤަބުރުސްތާނަށް ޒިޔާރާތްކުރާއިރު ކިޔާ ދުޢާ 

عَنْ  بُرَيْدَةَ  رَضِيَ اللَّهُ عَنْهُ قَالَ: «كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ: السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ، وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ، أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ».  

[رواه مُسْلِمٌ]

ބުރައިދާ رضي الله عنه ވިދާޅުވިއެވެ. "ޤަބުރުސްތާނަށް ޒިޔާރާތްކުރަން ދާއިރު (ކިޔާ ދުޢާ)، ނަބިއްޔާ صلى الله عليه وسلم މީސްތަކުންނަށް އުނގަންނަވައިދެއްވިއެވެ." (އެއީ(sad)

السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ، وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ، أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ.

މާނައީ: "ޤަބުރުސްތާނުގައި ތިބި އެންމެހާ މުސްލިމުންނާއި މުއުމިނުންނަށް ސަލާމަތްތެރިކަން ހުއްޓެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންމެންނަކީ  ތިޔަބއިމީހުންނާއި ބައްދަލުކުރާނޭ ބަޔަކީމުވިއެވެ. ތިމަންމެންނާއި ތިޔަބައިމީހުންނަށް ޢާފިޔަތަށް އެދި ﷲ ވެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ." 

[ރިވާކުރެއްވީ އިމާމް މުސްލިމު رحمه الله]

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

 

--އައްޝައިޚް ޙުސައިން ޠާރިޤް

މިއަދު އޮންލައިން