ޠަލްޙަތު ބިން ޢުބައިދުﷲ 4: ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބައްދަލު ހިއްޕަވައި، މުސްލިމުން ޞުލްޙަކުރެއްވުމަށް ޢާއިޝަތުގެފާނާ، ޠަލްޙަތުގެފާނާ ޒުބައިރުގެފާނު ކުރެއްވި މަސައްކަތްޕުޅު.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 12ސ
ޠަލްޙަތު ބިން ޢުބައިދުﷲ 4: ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބައްދަލު ހިއްޕަވައި، މުސްލިމުން ޞުލްޙަކުރެއްވުމަށް ޢާއިޝަތުގެފާނާ، ޠަލްޙަތުގެފާނާ ޒުބައިރުގެފާނު ކުރެއްވި މަސައްކަތްޕުޅު.

ޢަލީ އިޙްޞާން ފިރާޤް

 

ޢަލީގެފާނުގެ ޚިލާފަތުގައި:

އަމީރުލް މުއުމިނީން ޢުޘްމާނުގެފާނު ޝަހީދުކުރެވުނު އިރު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު އިންނެވީ އެ ފިތުއިން ރައްކާތެރިވުމަށާއި، ޙައްޖުވެވެޑައިގެންނެވުމުގެ ބޭނުންފުޅުގައި މައްކާގައެވެ. އެކަމަނާގެ އަރިހުގައި އުއްމުހާތުލް މުއުމިނީންގެ ބޭކަނބަލުންވެސް އޭރު ތިއްބެވީ މައްކާގައެވެ. 

އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ޝަހީދުކުރިތާ ބަރާބަރު ހަތަރު މަސްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި، ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު މައްކާއަށް ވަޑައިގެން  އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ބައްދަލު ކުރައްވައި، ނުޙައްޤުން ޝަހީދުކުރެވުނު ޚަލީފާގެ ލޭފޮދުގެ ބައްދަލު ޤާތިލުންގެ ފަރާތުން ހިއްޕެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެބޭފުޅުން ދެކެވަޑައިގެންނެވީ އެބޭފުޅުންނަށް ޢުޘްމާނުގެފާނުގެ ދިފާޢުގައި ތެދުވެވަޑައިގެންނަވަން ޖެހޭ މިންވަރަށް ތެދުވެވަޑައި ނުގެންނެވުނު ކަމަށެވެ. އެކަލޭގެފާނު ޙިމާޔަތް ކުރައްވަން ޖެހޭ މިންވަރަށް އެކަލޭގެފާނު ޙިމާޔަތް ނުކުރެވުނު ކަމަށެވެ.  އެ މަޝްވަރާގެ ތެރޭގައި ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. 

[ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނީ އެއްވެސް ކުށަކާ ނުލައެވެ. މާތްﷲ ގަންދީ ބުނަމެވެ. އަހަރެން އެކަލޭގެފާނުގެ ލޭފޮދުގެ ބަދަލު ހިފާނަމެވެ.] 

ޠަލްޙަތުގެފާނު ވިދާޅުވިއެވެ. [ޢުޘްމާނުގެފާނާމެދު ކަންތައް ހިނގާ ދިޔަ ގޮތުން އަޅުގަނޑުގެ އިހުމާލެއް އޮތްކަމަށް ޤަބޫލުކުރެވެއެވެ. މިކަމުގެ ފުރިހަމަ ތައުބާއެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވުނީ އަޅުގަނޑުގެ ލޭ އޮހިރިއްޖެއުމަށްދާންދެ ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބަދަލު ހިފުމަށް މަސައްކަތްކުރުމެވެ.] 

ޒުބައިރުގެފާނުވެސް ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބަދަލު ހިއްޕެވުމަށް ތާއިދު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެބޭކަލުން ޢުޘްމާނުގެފާނުގެ ޤާތިލުންގެ ކިބައިން ބަދަލު ހިފުމަށްޓަކައި ބަޞަރާއަށް ވަޑައިގަންނަވަން ނިންމެވިއެވެ. އޭރުވަނީ މުސްލިމުންގެ ޚަލީފާއަކަށް ޢަލީގެފާނު އިސްކުރެވިފައެވެ. ޢަލީގެފާނަށް ބައިޢަތު ހިފައިގެން ތިބި މީސްތަކުންގެ ތެރޭގައި ޢުޘްމާނުގެފާނުގެ ޤަތުލުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީސްތަކުންވެސް ހިމެނުނެވެ. 

ކުރިން ދެންނެވުނު ފަދައިން މިދެންވި ދުވަސްވަރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަނބިއަނބިކަނބަލުންވެސް ތިއްބެވީ މައްކާގައެވެ. އެބޭކަނބަލުންވެސް ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބައްދަލު ހިއްޕެވުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އޭރު މަދީނާގައި ބާޣީން ފޯރިމަރަމުން ގެންދެއެވެ. އެބޭކަނބަލުން ބޭނުންފުޅުވެވަޑައިގަތީ ޝަހީދުކުރެވުނު ޚަލީފާގެ ބަދަލު ހިއްޕެވުމަށްޓަކައި މަދީނާއަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް ތަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢާއިޝަތުގެފާނާއި އެކަމަނާގެ އަރިހުގައިވާ މީސްތަކުން ބަޞަރާއަށް ވަޑައިގަންނަވާކަން އެނގިވަޑައިގެންނެވުމުން އެބޭކަނބަލުން ވިދާޅުވިއެވެ. [މަދީނާ ނޫން އިތުރު އެހެންތަނަކަށް އަޅުގަނޑުމެން ނުދާނަމެވެ.] 

ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢާއިޝަތުގެފާނު އިސްކޮށް ތިއްބަވައިގެން ބަޞަރާއަށް ދަތުރު ކުރަމުން ގެންދިޔަ ލަޝްކަރު ދަތުރުކުރަމުން ގޮސް ހަވްއަބުގެ ފެންގަނޑާހަމައަށް ދެވިއްޖެއެވެ. އެވަގުތު އެފެންގަނޑު ކައިރީގައި ދިރިއުޅެމުން ދިޔަ ކުއްތާތަކުގެ ވައްވައް ޖެހުމުގެ އަޑުފަށްގަނޑު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އިވިވަޑައިގެންނެވިއެވެ. އެވަގުތު އެކަމަނާ ވިދާޅުވިއެވެ.

[އަހަރެން މިތަނުން ގެންދާށެވެ. އެހެނީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އެއްފަހަރަކު އެކަލޭގެފާނުގެ ހުރިހާ އަނބިއަނބިކަނބަލުން ތިއްބަވަނިކޮށް ޙަދީޘް ކުރެއްވިއެވެ. ތިޔަބޭކަނބަލުންގެ ތެރެއިން އެބޭކަނބަލަކާ ދިމާއަށް ހަވްޢަބުގެ ކުއްތާތަށް ހޭރޭނެ ބޭކަނބަލެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއްނެތެވެ.]

ޢަބްދުﷲ ބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހު އެކަމަނާއަށް ދެންނެވިއެވެ. [ބޮޑުދައިތާފުޅާއެވެ. ދައިތާފުޅު އެނބުރި މަދީނާއަށް ވަޑައިގަންނަވަނީތޯއެވެ؟ ފަހަރެއްގައި ކަމަނާގެ ޒަރިއްޔާއިން މީސްތަކުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން ޙައްލުވެގެން ގޮސްފާނެއެވެ]  

ކޮންމެއަކަސް މީސްތަކުންގެ އެދިވަޑައިގަތުމުގެ މަތީން ޢާއިޝަތުގެފާނު ބަޞަރާގެ ދަތުރުފުޅު ކުރިއަށް ގެންދަވަން ނިންމެވިއެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު، ދެވަނަ ޖިލްދު} 

ބަޞަރާގައި 

ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢާއިޝަތުގެފާނުގެ ޖަމާޢަތުގެ މީސްތަކުން ބަޞަރާއަށް ވަޑައިގެން އަލްޚުރައިބާ އޭ ކިޔުނުތަނަކަށް މަންޒިލު ކުރެއްވެވިއެވެ. އެތަނުގައި އެބޭފުޅުން ތިއްބަވައިގެން ބަޞަރާގެ ބޮޑުންނަށް ދައުވަތުދެއްވިއެވެ. އެބޭފުޅުންނާ ވާހަކަފުޅު ދައްކަވާ ޢުޘްމާނުގެފާނުގެ ޤާތިލުންނާދެކޮޅަށް އެބޭފުޅުންނަށް ނަޞްރުދިނުމުގައި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. ބަޞަރާގެ ވަރަށް ގިނަ މީސްތަކުން އެބޭފުޅުންނަށް ތާއީދުކުރައްވިއެވެ.  ޢުޘްމާނުގެފާނުގެ ޤާތިލުން އިންޞާފުގެ ކުރިމަށްޗަށް ގެނައުމަށް އެއްބަސްވިއެވެ. ނަމަވެސް ބަޞަރާގެ އެއްބަޔަކު ދެކުނީ ޢުޘްމާނުގެފާނުގެ ޤާތިލުން އިންޞާފުގެ ކުރިމައްޗަށް ގެނައުމަކީ ޚަލީފާގެ ޒިންމާއެއްކަމުގައެވެ. 

އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު އިސްނަންގަވައި ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު، ޠަލްޙަތުގެފާނާއި ޒުބައިރުގެފާނާއި ޢާއިޝަތުގެފާނުގެ އަރިހަށް ފޮނުއްވިއެވެ. ޢަލީގެފާނު ޤަޢުޤާޢުއާ މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. [ކަލޭގެފާނު ވަޑައިގެން ޠަލްޙަތު ބިން ޢުބައިދުއްﷲ އާއި ޒުބައިރު ބުނުލް ޢައްވާމުއާ ބައްދަލުކުރައްވާ އިސްލާމީ އަޚުވަންތަކަމަށް ގޮވައިލައްވާށެވެ. އެއްބައިވަންތަކަމަށް ގޮވައިލައްވާށެވެ. ވަކިވަކިވެގަނެ ބައިބައިވުމުގެ ސީރިޔަސްކަން ބަޔާންކޮށްދެއްވާށެވެ.] 

ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު ބަޞަރާއަށް ވަޑައިގެން އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ޢާއިޝަތުގެފާނުގެ އަރިހަށެވެ. އެކަލޭގެފާނު ވަޑައިގެން އެކަމަނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [އޭ މަންމާފުޅާއެވެ. ކަމަނާ ބަޞަރާއަށް ވަޑައިގެންނެވީ ކޮން ބޭނުންފުޅެއްގައިތޯއެވެ] އުއްމުލް މުއުމިނީން ޖަވާބު ދެއްވިއެވެ. [އޭ ދަރިފުޅާއެވެ. އަހަރެމެން ބަޞަރާއަށް މިއައީ މީސްތަކުންގެ ކަންތައްތައް ހަމަޖެސުމަށްޓަކައެވެ. މީސްތަކުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކުރުމަށްޓަކައެވެ.] 

އެއަށްފަހު ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު، ޢާއިޝަތުގެފާނުގެ އަރިހުގައި އެތަނަށް ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު ހާޒިރު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަނާ ޤަޢުޤާޢުގެ އެދިވަޑައިގަތުމަށް ފުރިހަމައަށް އިޖާބަދެއްވިއެވެ.  ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު ވަޑައިގެންނެވުމުން އެދެބޭކަލުންނާވެސް ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވިއެވެ. އެދެބޭކަލުންވެސް ޖަވާބުދެއްވީ ޢާއިޝަތުގެފާނު ޖަވާބު ދެއްވި ފަދައިންނެވެ. 

ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު، ޢާއިޝަތުގެފާނާއި، ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާ ވަރަށް ގިނަ ވާހަކަފުޅުތައް ދެއްކެވިއެވެ. ޤަޢުޤާޢުގެ ވާހަކަފުޅު ނިމިވަޑައިގަތުމުން ޢާއިޝަތުގެފާނު އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [މިކަމުގައި ކަލޭގެފާނުގެ ނިންމެވުމަކީ ކޮބައިތޯއެވެ؟] ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.  

[އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އިހަށް ކަންތައްތައް ހަމަޖެހެންދެން މަޑުކޮށްލުމެވެ. ޢުޘްމާނުގެފާނުގެ ޤާތިލުން އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ވަގުތު ބޭނުންވާނެއެވެ. އުއްމަތުގައި ބައިބައިވުންތައް ނެތި އުއްމަތް އެއްގަލަކަށް އަރައި އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފުމުން، ޢުޘްމާނުގެފާނުގެ ޤާތިލުންނާ ކުރިމަތިލުމަށް ވަރަށް ފަސޭހަވެގެންދާނެއެވެ. ތިޔަބޭފުޅުން  ޢަލީގެފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިއްޕަވާށެވެ. އެކަލޭފާނަށް އެހީތެރިވެވަޑައިގެންފިނަމަ، އެއީ ހެޔޮކަމުގެ އިޝާރާތެވެ. އޭރުން އެކަލޭގެފާނަށް ޢުޘްމާނުގެފާނުގެ ޤާތިލުންގެ ކިބައިން ބައްދަލު ހިއްޕަވަން ފަސޭހަފުޅުވާނެއެވެ. ނަމަވެސް ތިޔަބޭފުޅުން އެކަލޭގެފާނަށް ބައިޢަތު ނުހިއްޕަވައި ހަނގުރާމަ ކުރަން ޤަޞްދުކުރައްވައިފިނަމަ، އެކަމުގެ ސަބަބުން މުސްލިމުންގެ ދާޚިލީ ބާރު ވަރަށް ބޮޑަށް ދެރަވެގެން ދާނެއެވެ.] 

ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހުގެ ވާހަކަފުޅު އަޑުއައްސަވައި، ޢާއިޝަތުގެފާނާއި، ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު އެކަލޭގެފާނުގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވިއެވެ. އެބޭފުޅުން ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހުއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ކަލޭގެފާނު ތިޔަ ވިދާޅުވީ ޙައްޤު ތެދުފުޅެވެ. ޢަލީގެފާނު މިތަނަށް ވަޑައިގެން ކަލޭގެފާނު ތިޔަ ވާހަކަފުޅު ދެއްކެވި ގޮތަށް އަޅުގަނޑުމެންނާ ވާހަކަފުޅު ދައްކަވައިފިނަމަ މިހާރު އުފެދިގެން މިއުޅޭ ފިތުނަވެރިކަން މާތްﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ.]

ދެން ޤަޢުޤާޢު ބުނު ޢަމްރޫ ވަޑައިގެން އެބޭފުޅުން ޞުލްޙަވުމަށް ތައްޔާރަށް ތިއްބެވި ޚަބަރު ޢަލީގެފާނަށް ދެއްވިއެވެ. ޚުދު ޢަލީގެފާނު ވަޑައިގެން ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އޭގެ ތިންބޭކަލުންނަށްވެސް އެންމެ ރަނގަޅުކަމުގައި ފެނިވަޑައިގަތީ ހަނގުރާމައަކަށް ނުގޮސް ދެބައިމީހުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކުރެއްވުމެވެ. ތިންބޭކަލުން ވާހަކަފުޅު ދެއްކެވުމަށްފަހު، ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު އެބޭފުޅުންގެ ލަޝްކަރުގެ ކޮމާންޑަރުންނަށް ހަނގުރާމަ ނުކުރުމަށް އަމުރު ކުރެއްވިއެވެ. ހަމަ މިބީދައިން ޢަލީގެފާނުވެސް އެކަލޭގެފާނުގެ ލަޝްކަރުގެ ކޮމާންޑަރުންނަށް ހަނގުރާމަ ނުކުރުމަށް އެންގެވިއެވެ. ދެ ލަޝްކަރުގެ މީސްތަކުންވެސް އެރޭ ނިދަން އޮށޯތީ ޞުލްޙަ ޤާއިމު ކުރުމަށް އެބަސްވުމަށްފަހުގައެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤްާ

 

 

މިއަދު އޮންލައިން