ޤިޔާމަތް ދުވަހު ހޫނު ގަދަވެ މީސްތަކުންގެ ގައިން ފައިބާ ދަލުން ބޮޑު ފެންގަނޑެއް ހެދޭނެކަމާއި އެފެންގަނޑުގައި ބައަކު ޣަރަޤުވޭވެ ތިބޭނެކަން އެބަ އެނގެއެވެ. އެޙާލަތުގައި ބައަކު ހަމަ އުފަލުގައި އުސް މިންބަރުތަކުގައި ތިބޭނެއެވެ.
އަދި މީސްތަކުން ސުވަރުގެ ވެއްދެވުމަށްފަހު އެމީހުންގެ ޝަރަފުގައި ﷲ ތަޢާލާ ޖާފަތެއް ދެއްވަވާނެތެވެ. އެޖާފަތުގައި އެއްބައަކު ގޮމަކަސްތޫރީގެ ވެލިގަނޑުމަތީގައި ތިބޭނެއިރު އަނެއް ބައަކު ތިބޭނީ އުސް މިންބަރުތަކުގައެވެ. މިންބަރު އުސްވާނީ އެމީހާ ކުރި ހެޔޮ ޢަމަލުތަކުގެ މައްޗަށެވެ.
މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ މަދު ދުވަސްކޮޅު މަސައްކަތްކުރަންވީ ކާފިރުން ބުނާ ގޮތަށް ޢަމަލުކުރުމުން ދުނިޔޭގެ ޖަމާއަތްތަކުންދޭ މެޑެލް ލިބިގަތުމަށް އުސް ސްޓޭޖަކަށް އެރުމަކަށް ނޫނެވެ. ގަދައަޅައި މަސައްކަތްކުރަންވީ ކީރިތި ޤުރްއާނަށް ޢަމަލުކޮށްގެން މިބަޔާން ކުރި ދެ ޙާލަތުގައި އުސް މިންބަރަށް އެރުމަށެވެ.
50،000 އަހަރަށް ދެމިގެންދާ ޤިޔާމަތް ދުވަހު ތިބާއަށް އުސް މިންބަރެއްގައި އިނދެވިއްޖެނަމަ ލިބޭނެ އުފާ ހިތަށް ގެންނާށެވެ! އަދި ހަމައެފަދައިން ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވީ އަޅުންނަށް ދެއްވަވާ ޖާފަތުގައި ތިބާއަށް އުސް މިންބަރަކަށް އަރައި އިނުމުގެ ފުރުޞަތު ލިބިއްޖެނަމަ އެކަންވާނީ ކިހައިބޮޑު ރަހްމަތަކަށްކަން ހިތަށް ގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން