ޢަލީ އިޙްޞާން ފިރާޤް
އަވަހާރަވުން
خالد بن الوليد رضى اللّـه عنــه އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް، أبو الدرداء الأنصاري رضى اللّـه عنــه އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. خالد ގެފާނު أبو الدرداء رضى اللّـه عنــه އަށް ވިދާޅުވިއެވެ. "ޢުމަރުގެފާނު އަވަހާރަވުމުން ތިޔަބައިމީހުންނަށް ތިޔަބައިމީހުން ނުރުހޭ އެތައްކަމެއް ފެންނާނެއެވެ." أبو الدرداء رضى اللّـه عنــه ވިދާޅުވިއެވެ. "އަޅުގަނޑު ކަލޭގެފާނު ތިޔަ ވިދާޅުވި ކަންތައްކާ އެއްބަހެވެ." خالد ގެފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ބައެއް ކަންކަމުގައި އެކަލޭގެފާނު އަމަލު ކުރައްވާ ގޮތުން ހިތްހަމަ ނުޖެހިގެން އުޅުނީމެވެ. ނަމަވެސް މިހާރު ވިސްނާލުމުން އެކަލޭގެފާނު އެހުރިހާ ކަމެއް އެކުރެއްވީ މާތްﷲ ގެ ރުއްސެވުން އަދައިގެންކަން ހާމަވެގެން ހިނގައްޖެއެވެ. އެކަލޭގެފާނު އަމުރު ކުރައްވައިގެން އަޅުގަނޑުގެ މުދަލުގެ ދެބައިކުޅައެއްބައި ބައިތުލް މާލަށް ނަގަން ފޮނުވުމުން އެކަމާ އަޅުގަނޑު ވަރަށް ހިތްހަމަ ނުޖެހުނެވެ. އަޅުގަނޑުގެ އަތުގައި، ދެފައިވާން ޖޯޑު ހުރިނަމަ އެތަނުން އެއްފައިވާން ޖޯޑު އެކަލޭގެފާނު ބައިތުލްމާލަށް ނެންގެވިއެވެ. ނަމަވެސް އެއީ އެކަލޭގެފާނު ބަދުރީ ޞަޙާބީންނާއި އެންމެ ކުރިން އިސްލާމްވެވަޑައިގެންނެވި ބޭކަލުންނަށްވެސް އަމަލުކުރެއްވި ގޮތެވެ. އެކަލޭގެފާނު އަޅުގަނޑާ ހަރުކަށިވެވަޑައިގެންނެވިގޮތަށް އެކަލޭގެފާނު އެހެންބޭފުޅުންނަށްވެސް ހަރުކަށިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނާ ތިމާގެކަމުގެ ގޮތުން ގުޅިފައިވަމުން އެކަލޭގެފާނު އަޅުގަނޑަށް ރިޢާޔަތްކުރައްވާނެ ކަމަށް ހީކުރީމެވެ. ނަމަވެސް ޙައްޤުގެ ގޮތުގައި ސާބިތުވެހުންނެވުމަށް މީހުން ކިޔާނެ އެއްޗަކަށް އެކަލޭގެފާނު ފަރުވާލެއް ނުބެހެއްޓެވިއެވެ. އޭރު އެކަލޭގެފާނު އަޅުގަނޑާ ހިތްޕުޅާ ހަމަނުކުރެއްވީ އަޅުގަނޑުމެން ކަންކަމުގައި ދެކުނުގޮތް ތަފާތުވުމުގެ ސަބަބުންނެވެ. އެކަލޭގެފާނު ބައިވެރިވެވަޑައިނުގަންނަވައި ހަނގުރާމަތަކުގައި އަޅުގަނޑު ބައިވެރިވެ ވަރުގަދައަށް ހަނގުރާމަ ކުރީމެވެ. އަޅުގަނޑު އަމަލުކޮށް އުޅުނީ ހާލަތު ނިޔާކުރާގޮތުގެ މަތީންނެވެ. އެގޮތާ أمير المؤمنين عمر الفاروق رضى اللّـه عنه، ހިތްޕުޅު ހަމަނުޖެހުނީއެވެ."
{ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު 116-115}
خالد بن الوليد رضى اللّـه عنــه އަވަހާރަވުމުގެ ވަގުތު ގާތްވެއްޖެކަން އެނގިވަޑައިގެންނެވުމުން، ކީރިތި ކުރައްވައި ވިދާޅުވިއެވެ. " ތައުޙީދުގެ ކަލިމައަށްފަހު އަޅުގަނޑު ކުރި އަމަލުތަކުގެ ތެރެއިން ކުޑަވެސް އުއްމީދެއް ލިބިދޭ އަމަލަކީ، މުހާޖިރުންނާއެކު، ރޭގަނޑުގެ ގަދަ ފިނީގައި، ވެހެމުންދިޔަ ވާރޭގައި، ހަތިޔާރު ހިފައިގެން ކުރެވުނު އިންތިޒާރެވެ. ހެނދުނުވުމުން ކާފަރުންނާ ހަނގުރާމަކުރުމަށް ކުރެވުނު އިންތިޒާރެވެ. އަޅުގަނޑު އެވެނި މިވެނި އެތައް ހަނގުރާމައެއް ކުރީމެވެ. މި ހަށިގަނޑުގެ އެތަން މިތަންމިވަނީ ހަނގުރާމައިގައި ލިބުނު ޒަޚަމްތަކުގެ ލަކުނުތަކުން ފުރިފައެވެ. ލަކުނެއްނެތި ކައިވަތެއް ހާ މިންވަރުވެސް ނެތެވެ. ނަމަވެސް އަޅުގަނޑު މި މަރުވަނީ ބަލިއެނދުގައި އޮވެއެވެ. ޖަމަލުގަނޑެއް މަރުވާ ބީދައިންނެވެ. ފިނޑިންގެ ހިތްތަކަށް ދުވަހަކުވެސް ފިނިކަމެއް ނުދެއްވާށިއެވެ. މިގޮތަށް މަރުވުންވަނީ އަޅުގަނޑުގެ ތަޤުދީރުގައި ލިޔެވި ނިމިފައެވެ."
خالد بن الوليد رضى اللّـه عنــه އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުވަނީ އެކަލޭގެފާނު އެންމެހައި، މުދަލެއް أمير المؤمنين عمر الفاروق رضى اللّـه عنه އަށް ދެއްވުމަށް ވަޞިއްޔަތް ކުރައްވާފައެވެ. خالد بن الوليد رضى اللّـه عنــه އަވަހާރަވުމުން أمير المؤمنين عمر الفاروق رضى اللّـه عنه ވަރަށް ހިތާމަފުޅު ކުރައްވިއެވެ. ވަރަށް ގިނައިރު ވަންދެން ކީރިތި ކުރެއްވިއެވެ. خالد ގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއިންގެ އަންހެންބޭފުޅުންވެސް ކީރިތި ކުރައްވައި އުޅުއްވިއެވެ. އެބައިމީހުންގެ ވާހަކަ أمير المؤمنين عمر الفاروق رضى اللّـه عنه އަށް ދެންނެވުމުން ވިދާޅުވިއެވެ. "އެބައިމީހުން ރުޔަދޭށެވެ. ގައިގައި ނުތަޅައި ހެދުން ނުވީދައި ރުޔަކަސް އެންމެ ރަނގަޅެވެ. އަބޫ ސުލައިމާން ފަދަ ބޭފުޅުންގެ މައްޗަށް ރޯމީހުން ރޯންޖެހޭނެއެވެ." އެއަށްފަހު ވިދާޅުވިއެވެ. "އިސްލާމީ އުއްމަތުގައި މިއަދު ބާގަނޑެއް އުފެދިއްޖެއެވެ.".
{ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު 116}
އެއްފަހަރަކު ހިސާމް ބިން އަބުލް ބުޚްތަރީ މަޚްޒޫމުވަންހައިގެ ބަޔަކާއެކު أمير المؤمنين عمر الفاروق رضى اللّـه عنه، ގެ ފައިންޕުޅު ދެކޭންއައެވެ. ހިޝާމަކީ ވަރަށް ބޮޑު ޅެންވެރިއެކެވެ. އޭނާއަށް أمير المؤمنين ދެންނެވިއެވެ. " خالد އާ ބެހޭގޮތުން ތިބާ ހެދި ޅެމުން ތަންކޮޅެއް ކިޔާބަލާށެވެ." އެއަށްފަހު ހިސާމް ޅެން ވިދާޅުވެ ނިމުން أمير المؤمنين ވިދާޅުވިއެވެ. "އެކަލޭގެފާނަށް ތާރީފުކޮށް ކޮޅުން ނުލާނެއެވެ. އެކަލޭގެފާނަށް މާތްﷲ ރަޙްމަތްލައްވާށިއެވެ. ޝިރްކާއި އޭގެ އަހުލުވެރިން ދެރަނިކަމެތި ކުރައްވަން އެކަލޭގެފާނު ލޯބި ކުރެއްވިއެވެ." އަދިވެސް ވިދާޅުވިއެވެ. "ދުނިޔެމަތީގައި އެކަލޭގެފާނަށްވާ މަޤާމަށްވުރެ މާތްﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނަށްވާ މަޤާމު މާމަތިވެރިއެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކަލޭގެފާނުގެ ޒިކުރާ އާކުރެވޭނެއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު އެކަލޭގެފާނަށް ތާރީފު ކުރެވުނެވެ. އެއްވެސް މީހަކީ ތާއަބަދުމެ ދިރިހުންނާނެ މީހެއް ނޫނެވެ."
خالد بن الوليد رضى اللّـه عنــه އަވަހާރަވީ ޝާމުކަރައިގެ ހިމްސުގައެވެ. ހިޖުރައިން 21 ވަނަ އަހަރުގެ ތެރޭގައެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީވެސް ޝާމުކަރައިގެ ހިމްސުގައެވެ.
{ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު 116-117}
އަރަހުށި މާތްﷲ، خالد بن الوليد رضى اللّـه عنــه އަށް ރުއްސުން ލައްވާށިއެވެ!
ރިފަރެންސް
1. މަޙްމޫދު އަޙްމަދު ޣަޡަންފަރު، ކޮމާންޑަރ އޮފް މުސްލިމް އާރމީ
2. ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން
3. ޑރ.ޢަލީ މުޙައްމަދު އައްޞަލާބީ، ޢުމަރު ބުނުލް ޚައްޠާބު، ދެވަނަ ޖިލްދު
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް