ވުޟޫގެ ޝަރުތުތަކާ ފަރުޟުތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ވުޟޫގެ ޝަރުތުތަކާ ފަރުޟުތައް

ނަމާދު ޞައްޙަވާނީ ވުޟޫ އާއިއެކުގައެވެ. ވުޟޫނެތި ނަމާދުކުރުމެއް ނެތެވެ. ހަމަ އެފަދައިން ކީރިތި ޤުރްއާން އުފުލާނަމަ ވުޟޫކުރަންޖެހެއެވެ. ވީމާ ވުޟޫގެ ޝަރުޠުތަކާއި ފަރުޟުތައް ކޮންމެ މުސްލިމަކަށްވެސް އެނގެންޖެހެއެވެ. މިއީ އެންމެ އާދައިގެ ފެންވަރުގައިވެސް އެނގެންޖެހޭނެ ކަންކަން ނަމަވެސް މިކަންކަން ނުއެނގޭ ގިނަ ބައަކު އުޅޭކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ވުޟޫގެ ދިހަ ޝަރުތެއްވެއެވެ. އެއީ:

1. އިސްލާމެއްކަމުގައިވުން.

2. ބުއްދި ސަލާމަތުންހުރުން.

3. ތަންދޮރުވަކިވާވަރު މީހެއް ކަމުގައިވުން.

4. ނިޔަތްގަތުން.

5. ނިޔަތުގެ ހުކުމް ވުޟޫ ނިމެންދެން އިސްތިޞްޙާބްކުރުން. އެކަން ކުރާނޭ ގޮތަކީ [ވުޟޫކުރަންފެށީއްސުރެއް]ވުޟޫކޮށް ނިމެންދެން ވުޟޫކުރާކަމުގެ ނިޔަތް މެދުކަނޑައި ނުލާނީއެވެ.

6. ވުޟޫކުރުން ވާޖިބުވާކަންތައްތައް މެދުކެނޑުން [މިސާލަކަށް ގަޟާހާޖާކުރަމުން ވުޟޫނުކުރެވޭނެއެވެ.]

7. ވުޟޫކުރުމުގެ ކުރިން [ގަޟާހާޖާކޮށްފިނަމަ] އިސްތިންޖާ [ފެނުން ނަޖިސްފިލުވައިލުން] ނުވަތަ އިސްތިޖްމާރުކުރުން [ހިލައިން ނަޖިސްފިލުވައިލުން].

8. ބޭނުންކުރާ ފެނަކީ ޠަހޫރު އަދި ބޭނުންކުރުން ހުއްދަ ފެނަކަށްވުން.

9. ހަންގަނޑާއި ހަމައަށް ފެން ވާޞިލުވުން މަނާކުރާއެއްޗެއް ފިލުވައިލުން.

10. ދާއިމީ ގޮތެއްގައި ޙަދަޘްވެރިވާ މީހަކުނަމަ ނަމާދުވަގުތު ވަނުމުން ވުޟޫކުރުން.

ވުޟޫގެ ފަރުޟުތައް:

ވުޟޫގެ 6 ފަރުޟެއްވެއެވެ. އެއީ:

1. މޫނު ދޮވުން. އަނގަ ދޮވުން އަދި ނޭފަތަށް ފެންލުން ހިމެނެނީ އެކަމުގެ ތެރެއިންނެވެ.

2. ދެއަތް އުޅަނބޮއްޓާ އެކު ދޮވުން.

3. ބޮލުގައި އެކީ ފެންފުހުން. ދެ ކަންފަތުގައި ފެންފުހުން ހިމެނެނީ އެކަމުގެ ތެރެއިންނެވެ.

4. ދެފައިތިލަ ތަނބިކަށްޓާއެކު ދޮވުން.

5. ތަރުތީބުން ކުރުން.

6. މުވާލާތު ކުރުން [އެއް ގުނަވަން ނުހިކެނީސް އަނެއް ގުނަވަނުގައި ފެންލުން].

މޫނު ދޮވުމާއި، ދެއަތް ދޮވުން އަދި ދެފައިތިލަ ދޮވުމުގައި ތިން ފަހަރު ތަކުރާރު ކުރުން މުސްތަޙައްބުވެގެންވެއެވެ. ހަމައެފަދައިން އަނގަ ދޮވުމާއި ނޭފަތަށް ފެން ލުމުގައިވެސްމެއެވެ. މިކަންކަމުގައި ފަރުޟުވެގެންވަނީ އެއްފަހަރުއެވެ. ބޮލުގައި ފެންފުހުމުގައި ޞައްޙަ ޙަދީޘަކުން ތަކުރާރުކުރުން މުސްތަޙައްބުވެގެންނުވެއެވެ.

--އަލްއުޚުތު އުންމު ޢަބްދިﷲ

މިއަދު އޮންލައިން