ޢަލީ އިޙްޞާން ފިރާޤް
ޚުލުޤުފުޅު
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހަކީ، އުޅުއްވުން ރީތި ޚުލުޤުފުޅު ރަނގަޅު ބޭކަލެކެވެ. އިސްލާމްދީނުގެ މަތިވެރި މުޖާހިދެކެވެ. އިސްލާމްދީނުގެ އެންމެހައި މަކާރިމުތަތަކުން އެކަލޭގެފާނު ހުންނެވީޚުލުޤުފުޅު
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހަކީ، އުޅުއްވުން ރީތި ޚުލުޤުފުޅު ރަނގަޅު ބޭކަލެކެވެ. އިސްލާމްދީނުގެ މަތިވެރި މުޖާހިދެކެވެ. އިސްލާމްދީނުގެ އެންމެހައި މަކާރިމުތަތަކުން އެކަލޭގެފާނު ހުންނެވީ ޒީނަތްތެރިވެވަޑައިގެންފައެވެ. ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ މުސްލިމު އަޚުންނާއި އުޚުތުންނާމެދު އަބަދުވެސް ރަނގަޅަށް ވިސްނާވަޑައިގަންނަވައެވެ. އަބަދުވެސް އެކަލޭގެފާނުގެ އިސްލާމީ އަޚުން ދިފާއުކުރައްވާ ހައްދަވައެވެ.
އެއްފަހަރަކު މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ޝަކުވާ ދެންނެވިއެވެ. އޭނާ ދެންނެވިއެވެ. [ކަލޭގެފާނު މި ޔަމަނީ މީހާ (އަބޫހުރައިރާ) އާ މެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟. އޭނާ ކަލޭގެފާނަށްވުރެ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތައް ދަނޭ ހެއްޔެވެ؟ އެހެނީ އަހަރެމެންނަށް ކަލޭގެފާނުގެ ފަރާތްޕުޅުން އަޑުނީވޭ ޙަދީޘް ބަސްފުޅުތައް އަބޫހުރައިރާގެ ފަރާތްޕުޅުން އަޑުއިވެއެވެ.]
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. [ޝައްކެއް ނެތެވެ. އަބޫހުރައިރާވަނީ މާތް ރަސޫލާ ﷺ ގެ އަރިހުން ތިމަންބޭކަލުން އަޑު ނައައްސަވާ އެތައް ޙަދީޘް ބަސްފުޅުތަކެއް އަޑުއައްސަވައިފައެވެ. އަހަރެމެންގެ ބަލަންޖެހިފައިވާ ޢާއިލާއެއް އޮވެއެވެ. އަހަރެންމެންނަށް މާތް ރަސޫލާ ﷺ ގެ އަރިހަށް ދެވެނީ ހެނދުނާއި ހަވީރުއެވެ. އަބޫހުރައިރާއަކީ ވަރަށް ފަޤީރު ބޭކަލެކެވެ. އެކަލޭގެފާނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދޮރުވާނެވެ. އެހެންކަމުން ޝައްކެއް ނެތްގޮތުގައި އެކަލޭގެފާނުވަނީ އަހަރެމެންނަށްވުރެ ގިނަ ޙަދީޘް އަޑުއައްސަވައިފައެވެ. އެމީހެއްގެ ގައިގައި އެއްވެސް ހެޔޮކަމެއްވާ މީހަކު މާތް ރަސޫލާ ﷺ އަށް ނިސްބަތްކޮށް ދޮގެއް ހަދާފާނެ ކަމަށް ކަލޭ ޤަބޫލު ކުރަން ހެއްޔެވެ؟]
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު، ދެވަނަ ޖިލްދު، ޞަފްޙާ 138}
ދީލަތިފުޅުކަން
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހަކީ ވަރަށް ދީލަތިފުޅު ބޭކަލެކެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މުއްސަނދިފުޅުކަމުން މީސްތަކުންނަށް ހޭދަކުރެއްވުމަކީ އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެކެވެ.
ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު ޠަލްޙަތުގެފާނު އެކަލޭގެފާނުގެ ބިމެއް ހަތްލައްކައަށް ވިއްކަވައިލެއްވިއެވެ. އެ ބިން ވިއްކަވައިލައްވައިފައި ލިބިވަޑައިގެންނެވި ފައިސާތަކާއެކު އެރޭ ރޭގަނޑު އެކަލޭގެފާނަށް އަވަހާރަފުޅެއް ނުލެއްޕެވުނެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު އެ ހުރިހާ ފައިސާތަކެއް ބައްސަވައި ހުސްކުރެއްވިއެވެ.
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު، ކޮންމެ އަހަރަކު ދިހަހާސް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނަށް ދެއްވައެވެ.
އެއްފަހަރަކު ބަދަވީންގެ މީހަކު ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހަށް އައިސް ގާތްތިމާގެކަން މެދުވެރިކޮށް އެއްޗަކަށް އެދި ސަލާންޖެހިއެވެ. އެ ވަގުތު ތަލްޙަތުގެފާނު ވިދާޅުވިއެވެ. [ގާތް ތިމާގެކަމުގެ ގުޅުން މެދުވެރިކޮށް މީގެ ކުރީން މީހަކު އަހަރެންނަށް ސަލާން ޖަހައިފައެއްނެތެވެ. އަހަރެން ޢުޘްމާނުގެފާނުގެ އަތުން ތިންލައްކަ ދިރުހަމަށް ގަތް ބިމެއް އޮންނާނެއެވެ. ކަލޭ ބޭނުންނަމަ އެބިންކޮޅު ގެންދާށެވެ. ނުވަތަ އަހަރެން އަލުން އެބިން ޢުޘްމާނުގެފާނަށް ވިއްކައިފައި އޭގެ ފައިސާ ކަލެއަށް ދީފާނަމެވެ.] ބަދަވީންގެ މީހާ އެއްބަސްވީ ބިމުގެ ފައިސާ އޭނާއަށް ދިނުމަށެވެ. އެހެންކަމުން ތަލްޙަތުގެފާނު އެ ބިންކޮޅު ވިއްކަވައިލެއްވުމަށްފަހު އޭގެ ފައިސާ އޭނާއަށް ދެއްވިއެވެ.
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު، ތައިމުވަންހައިގެ އެއްވެސް މީހަކު ފަޤީރު ހާލުކޮޅުގައި އުޅުއްވާކަށް ދޫކޮށެއް ނުލައްވައެވެ. އެބައިމީހުންނަށް އެކަލޭގެފާނު ވަރަށް ތަނަވަސް ހިތްޕުޅަކުން ޞަދަޤާތްކުރައްވައެވެ. އެބައިމީހުންނަށް އަދާނުކުރެވިފައިވާ ދަރަނިތައް ނުހަނު އުފާފުޅާއެކު އަދާކުރައްވާ އެހީތެރިވެވަޑައިގަންނަވައެވެ.
--ޢަލީ އިޙްޞާން ފިރާޤް