ޢަލީ އިޙްޞާން ފިރާޤް
ޠަލްޙަތު ބިން ޢުބައިދުﷲ ގެ ހަށިކޮޅު ރައްކާތެރިކުރެއްވުން:
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އަވަހާރަވުމަށްފަހު މާތްﷲ އެކަލޭގެފާނުގެ ހަށިކޮޅު ރައްކާތެރިކޮށްދެއްވިއެވެ. އެއްފަހަރަކު މީހަކު އައިސް ޠަލްޙަތުގެފާނުގެ ދަރިކަނބަލުން ޢާއިޝަތު ބިންތު ޠަލްޙަތުއަށް ދެންނެވިއެވެ. [އަހަރެންނަށް ހުވަފެނުގައި ތަލްޙަތުގެފާނު ފެނިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ގޮސް ޢާއިޝާ ކައިރީގައި ބުނާށެވެ. ތިމަންކަލޭގެފާނުގެ ހަށިކޮޅު މިތަނުން އެހެންތަނަކަށް ބަދަލުކޮށް ދޭށެވެ. މިތަނަށް ފެނުގެ އަސަރު ކުރާތީ އެބަ އުނދަގޫވެއެވެ.]
އެ ޚަބަރު ޢާއިޝަތު ބިންތު ޠަލްޙަތު އަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ޖަމާޢަތަކާއެކު ވަޑައިގެން ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުގެ މަހާނަފުޅު ކޮންނަވައިގެން އެކަލޭގެފާނުގެ ހަށިކޮޅު ނެންގެވިއެވެ. އޭރު އެކަލޭގެފާނުގެ ހަށިކޮޅުގެ އެއްވެސް ތަނަކަށް ބަދަލެއް އައިސްފައެއްނެތެވެ. އިސްތަށިފުޅުގެ އިސްތަށިކޮޅުތަކަށް ނުވަތަ ތުނބުޅިފުޅުގެ އިސްތަށިކޮޅުތަކަށް ކުޑަ ބަދަލެއް އައިސްފައިވެއެވެ. އޭރު އެކަލޭގެފާނު އަވަހާރަވިތާ ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަލޭގެފާނުގެ ދަރިކަނބަލުން ވަޑައިގެން އެކަލޭގެފާނުގެ ހަށިކޮޅު އެހެންތަނެއްގައި ވަޅުފުޅުލެއްވިއެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު، ދެވަނަ ޖިލްދު}
އަނބިއަނބިކަނބަލުންނާއި ބޭފުޅުން:
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު ވަރަށް ގިނަ ބޭކަނބަލުންނާ ކާވެނި ބައްލަވައިގެންނެވިއެވެ. ވަރަށް ގިނަ ދަރިކައުކަނބަލުން ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ހަތަރު އަނބިކަނބަލުންނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ އުޚުތުންނެވެ.
އޭގެ ތެރެއިން ޙަމްނާ ބިންތު ޖަޙުޝްއަކީ، އުންމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހުގެ އުޚުތެކެވެ. އުއްމު ކުލްޘޫމު ބިންތު އަބީބަކުރުއް ޞިއްދީޤުއަކީ އުންމުލް މުއުމިނީން ޢާއިޝަތުގެފާނުގެ އުޚުތެވެ. ރުޤައްޔާ ބިންތު އަބީއުމައްޔާއަކީ، އުންމުލް މުއުމިނީން އުއްމުސަލަމަތުގެފާނުގެ އުޚުތެކެވެ. ފާރިޢަތު ބިންތު އަބީސުފްޔާނަކީ އުންމުލް މުއުމިނީން އުއްމުޙަބީބާގެ އުޚުތެވެ.
ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ނަންފުޅު ދެއްވީ ނަބިއްޔުންނާއި، ރަސޫލުންގެ ނަންފުޅުތަކުންނެވެ. އެކަލޭގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރު ބޭފުޅުންނަކީ މުޙައްމަދު ބުނު ޠަލްޙަތު އާއި މުސާ ބިން ޠަލްޙަތު އާއި ޔަޢުޤޫބު ބުނު ޠަލްޙަތު އާއި، ޢާއިޝަތު ބިންތު ޠަލްޙަތުއެވެ. މިބޭފުޅުންނަކީ، ވަރަށް ޢިލްމުވެރި، ފިޤުޙުވެރި ބޭކައުކަނބަލުންނެވެ. މިނޫން އިތުރު ބޭފުޅުންވެސް ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއަށް ލިބިވަޑައިގެންނެވިއެވެ.
އަރަހުށި މާތްﷲ، ޠަލްޙަތު ބުނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހުއަށް ރުއްސުންލައްވާށިއެވެ!
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް