ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ 8 ބާވަތުގެ މީހުންނާ ނުލިބޭނެ 9 ބާވަތުގެ މީހުން - ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 51ސ
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ 8 ބާވަތުގެ މީހުންނާ ނުލިބޭނެ 9 ބާވަތުގެ މީހުން - ޤުރްއާނުން

އަލްއިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘްފޮތް (ޞަޙީޙް މުސްލިމް) ގައި އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

"ﷲ ތަޢާލާ އެކަލާނގެ އަޅުތަކުން ކުރެ އަޅެއްދެކެ ލޯބިވެ ވޮޑިގެންފިނަމަ ޖިބްރީލް ޢަލައިހިއްސަލާމް ގެންނަވައި ވަޙީ ކުރައްވައެވެ. “ހަމަކަށަވަރުންވެސް ތިމަން ﷲ މިވެނި މީހެއްދެކެ ލޯބިވެ ވޮޑިގެންފީމެވެ. ކަލޭގެފާނުވެސް އެމީހަކުދެކެ ލޯބިވާ ހުށިކަމެވެ.” ދެންފަހެ ޖިބްރީލްގެފާނުވެސް އެމީހާދެކެ ލޯބިވެ ވަޑައިގަންނަވައެވެ. އަދި އެއަށްފަހު އުޑުތަކުގެ އަހުވެރިންނަށް (މަލާއިކަތުންނަށް) އެކަލޭގެފާނު ނިދާ އިއްވަވައެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނިމީހާދެކެ ލޯބިވެ ވޮޑިގަންނަވައެވެ. ތިޔަ ބޭކަލުންވެސް އެމީހާދެކެ ލޯބިވާ ހުށިކަމެވެ. ދެންފަހެ އެންމެހާ މަލާއިކަތް ބޭކަލުން އެމީހަކުދެކެ ލޯބިވެ ވަޑައިގެންފައިހުއްޓެވެ."

ދެން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ދެން އެއަށްފަހު އެމީހާ (ﷲ އާއި މަލާއިކަތުން ލޯބިވީ މީހާ) އެއީ ބިމުގައި ޤަބޫލު ވެވިގެންވާ (މީސްތަކުންގެ ލޯބި ލިބިގެންވާ) މީހެއް ކަމުގައި ﷲ ތަޢާލާ ލައްވަވައެވެ."

ދެންފަހެ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންކުރެ އަޅެއްދެކެ ނުރުއްސަވައި ވޮޑިގެންފިނަމަ ޖިބްރީލް ޢަލައިހިއްސަލާމް ގެންނަވައި ވަޙީ ކުރައްވައެވެ. "ހަމަކަށަވަރުން ތިމަން ﷲ މިވެނި މީހާދެކެ ރުއްސަވާ ވޮޑިގެން ނުވަމެވެ. ފަހެ ކަލޭގެފާނުވެސް އެމީހަކު ދެކެ ނުރުއްސަވާ ހުށިކަމެވެ.” ދެންފަހެ ޖިބްރީލްގެފާނުވެސް އެމީހާދެކެ ނުރުހުންތެރިވެ ވަޑައިގަންނަވައެވެ. އަދި އެއަށްފަހު އުޑުތަކުގެ އަހުވެރިންނަށް އެކަލޭގެފާނު ނިދާ އިއްވަވައެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ މިވެނިމީހާދެކެ ރުއްސަވައި ވޮޑިގެން ނުވެއެވެ. ތިޔަ ބޭކަލުންވެސް އެމީހާދެކެ ނުރުއްސަވައި ހުށިކަމެވެ. ދެންފަހެ އެންމެހާ މަލާއިކަތް ބޭކަލުން އެމީހަކުދެކެ ނުރުއްސަވައިފައިހުއްޓެވެ.” ދެން އެއަށްފަހު އެމީހާ (ﷲ އާއި މަލާއިކަތުން ނުރުއްސެވި މީހާ) އެއީ ބިމުގައި ނަފްރަތު ލިބިގެންވާ މީހެއް ކަމުގައި ﷲ ތަޢާލާ ލައްވަވައެވެ."

އިސްވެދިޔަ ޙަދީޘުން ލިބިގަންނަންވީ ބައެއް ފައިދާ:

• ހަމަކަށަވަރުންވެސް އެންމެހާ ހިތްތަކުގެވެސް ހަމައެކަނި ވެރިފަރާތަކީ ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ﷲ ތަޢާލާ މީހެއްދެކެ ލޯބިވެ ވޮޑިގެންފިނަމަ އުޑުތަކާއި ބިމުގެ އަހުލުވެރިންގެ ހިތްތަކުގައިވެސް އެމީހާއާއިމެދު ލޯބި ލައްވަވައެވެ. އަދި މީހެއްދެކެ އެކަލާނގެ ރުއްސަވާ ވޮޑިގެން ނުވާނަމަ އުޑުތަކާއި ބިމުގެ އަހުލުންގެ ހިތްތަކުގައި އެމީހާ އާއިމެދު ނުރުހުންތެރިކަން ލައްވަވައެވެ.

• ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އެންމެހާ ސިފަތަކުން ސިފަ ލިބިގަތުމަށް މަސައްކަތް ކުރުމާއި އެކަލާނގެ ނުރުއްސަވާ އެންމެހާ ސިފަތަކަކުން ދުރުވެގަތުމަށް އެންމެހާ މީސްތަކުން ގަދައަޅައި މަސައްކަތް ކުރުމަށް މިޙަދީޘުން ބާރުއަޅައެވެ.

ﷲ ގެ ރުހިވޮޑިގަތުން ލިބޭ މީހުންގެ ތެރެއިން ހިމެނެނީ ކޮންބައެއް؟

1 ގިނަގިނައިން ތައުބާވެ ޠޯހިރުވާ މީހުން މީހުން.

إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴿سورة البقرة ٢٢٢﴾

މާނައީ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ."

2 ތަޤްވާވެރިން.

إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ ﴿سورة التوبة 4﴾

މާނައީ: "ހަމަކަށަވަރުން، ތަޤުވާވެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ."

3 ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވާ މީހުން.

قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿سورة آل عمران ٣١﴾ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާ ވާށެވެ! އޭރުން، ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."

4 ﷲ އަށް ވަކީލު ކުރާ މީހުން.

إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ ﴿سورة آل عمران ١٥٩﴾

މާނައީ: "ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ."

5 އިޙްސާންތެރިން.

وَاللَّـهُ يُحِبُّ الْمُحْسِنِينَ ﴿سورة آل عمران ١٤٨﴾

މާނައީ: "އިޙްސާންތެރިންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ."

6 ﷲގެ މަގުގައި ޖިހާދުކުރާ މީހުން.

إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ ﴿سورة الصف ٤﴾

މާނައީ: "ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ."

7 ޢަދުލުވެރިން.

إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿سورة المائدة ٤٢﴾

މާނައީ: "ހަމަކަށަވަރުން، ޢަދުލުވެރީން ދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ."

8 ގިނަގިނައިން ޠޯހިރު ވެގަންނަ މީހުން.

وَاللَّـهُ يُحِبُّ الْمُطَّهِّرِينَ ﴿سورة التوبة 108﴾

މާނައީ: "ޠޯހިރު ވެގަންނަ މީހުންދެކެ، ﷲ ލޯބިވެވޮޑިގެންވެއެވެ."

ﷲގެ ނުރުއްސެވުން ލިބޭ މީހުންގެ ތެރެއިން ހިމެނެނީ ކޮންބައެއް؟

1ކާފިރުން. (ﷲ އަށް ޝަރީކުކުރާ މުޝްރިކުން)

فَإِنَّ اللَّـهَ لاَ يُحِبُّ الْكَافِرِينَ ﴿سورة آل عمران ٣٢﴾

މާނައީ: "ފަހެ، ހަމަކަށަވަރުން، ކާފިރުންދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

2 ކާފިރުންގެ ޢަމަލުތައް ކުރާ މީހުން.

وَاللَّـهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ ﴿سورة البقرة ٢٧٦﴾

މާނައީ: "ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ. "

3 އަނިޔާވެރިން.

وَاللَّـهُ لاَ يُحِبُّ الظَّالِمِينَ ﴿سورة آل عمران ٥٧﴾

މާނައީ: "އަނިޔާވެރިންދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

4 ހައްދުފަހަނަޅައިދާ މީހުން.

إِنَّ اللَّـهَ لاَ يُحِبُّ الْمُعْتَدِينَ ﴿سورة المائدة ٤ ٨٧﴾

މާނައީ: "ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

5 ފާސިދުން.

وَاللَّـهُ لاَ يُحِبُّ الْمُفْسِدِينَ ﴿سورة المائدة ٦٤﴾

މާނައީ: "ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

6 އިސްރާފްކުރާ މީހުން.

لاَ تُسْرِفُوا ۚ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ ﴿سورة الأعراف 31﴾

މާނައީ: "އަދި އިސްރާފް ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންދެކެ ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

7 ޚިޔާނާތްތެރިވާ މީހުން.

إِنَّ اللَّـهَ لاَ يُحِبُّ الْخَائِنِينَ ﴿سورة الأنفال 58﴾

މާނައީ: "ހަމަކަށަވަރުން، ޚިޔާނާތްތެރީން ދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

8 ބޮޑާވުމުގެ ގޮތުން އުފާކޮށްއުޅޭ މީހުން.

إِنَّ اللَّـهَ لاَ يُحِبُّ الْفَرِحِينَ ﴿سورة القصص 76﴾

މާނައީ: "ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

9 ކިބުރުވެރިވެ ފަޚުރުވެރިވާ މީހުން.

إِنَّ اللَّـهَ لاَ يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿سورة لقمان 18﴾

މާނައީ: "ހަމަކަށަވަރުން، ކިބުރުވެރިވެ ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ، ﷲ ލޯބިވެވޮޑިގެން ނުވެއެވެ."

--އައްޝައިޚް އަޙްމަދު ނާޒިލް

މިއަދު އޮންލައިން